ގދ. މަޑަވެލީ ސްކޫލްގެ ޕްރިންސިޕަލާ މެދު ބެލެނިވެރިން ހިތްހަމަނުޖެހިގެން ސްކޫލް ބަންދު ކޮށްފައި ހުންނަތާ ދެ ހަފްތާ ފަހުން، އެޑިޔުކޭޝަން މިނިސްޓްރީން އާ ޕްރިންސިޕަލެއް ހަމަޖެއްސުމުން ބެލެނިވެރިން އެޅުވި ތަޅު ނައްޓުވައި ސްކޫލުގެ ކިޔެވުން ހޯމަ ދުވަހު އަލުން ފަށައިފި އެވެ.
ގދ. މަޑަވެލީ ސްކޫލްގެ އިސް އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް މިއަދު ވިދާޅުވީ، ބެލެނިވެރިން ނުކުމެ ސްކޫލްގައި ތަޅުއެޅުވީ، ސްކޫލުގައި ފެންވަރު ރަނގަޅު ޓީޗަރުން ނެތް ކަމަށް ވިދާޅުވެ، އޭރު ހުރި ޕްރިންސިޕަލް އިގްބާލް ހަމީދު ބެލެނިވެރިންގެ ކިބައިން ކުދިން ސްކޫލަށް ނުފޮނުވުމަށް އެދުމުން އެކަމާ ބެލެނިވެރިން ހިތްހަމަނުޖެހިގެން ކަމަށެވެ.
"އިގްބާލް މިހާރު އެޑިއުކޭޝަން އިން މާލެ ގެންދަވާފައި ވީ. އެކަމާ ގުޅިގެން މިދިޔަ ހޯމަ ދުވަހުން ފެށިގެން ކިޔަވައި ދިނުން ފެށުމަށް ރައްޔިތުން ރުހުނީ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިގްބާލްގެ ވާހަކަތަކުން ބެލެނިވެރިންނާއި ސްކޫލާ ދެމެދު އޮންނަން ޖެހޭ ގުޅުން ވަރަށް ބޮޑަށް ގޯސްވެ ސްކޫލާ މެދު އޮންނަ އިތުބާރު ވަރަށް ބޮޑަށް ގެއްލިފައިވާ ކަމަށެވެ.
"އިގްބާލުގެ އެ އަމަލުގެ ސަބަބުން ބެލެނިވެރިން މިހާރު އަޅުގަނޑުމެންނަށް އިތުބާރެއް ނުކުރޭ. ކިހިނެތްތޯ އިތުބާރު ކުރާނީ. އެހެން ވިދާޅުވީމަ ނުކުރެވޭނެ ނޫންތޯ!" އޮފިޝަލް ވިދާޅުވި އެވެ.
މަޑަވެލީ ކައުންސިލް އިން މިއަދު ބުނީ އިގުބާލު އެޑިއުކޭޝަންގެ އެންގުމަށް މާލެ ވަޑައިގަތުމުން ސްކޫލާ މިހާރު ހަވާލުވެގެން ހުންނެވީ ކުރިން ހދ. ކުޅުދުއްފުށީ ސްކޫލްގެ ޕްރިންސިޕަލެއްގެ މަގާމް ފުރުއްވި އާޒިމް އަބްދު ﷲ ކަމަށެވެ.
އެޑިއުކޭޝަންގެ އެންގުމަށް މިހާރު މާލޭގައި ހުންނެވި އިގްބާލް މިއަދު ވިދާޅުވީ މަގާމުން ވަކި ކުރިކަން އަދި އަންގާފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ މަޑަވެލީ ސްކޫލްގައި ފެންވަރު ރަނގަޅު ޓީޗަރުން ނެތް ކަމަށް ވިދާޅުވެ ސްކޫލަށް ކުދިން ނުފޮނުވުމަށް ބެލެނިވެރިންނަށް އެންގީ ޓީޗަރުންގެ ބައެއް އަމަލުތައް ހުރި ގޮތުން ކަމަށެވެ.
"އަޅުގަނޑު ހަމަ އެންމެ ރަނގަޅު ފިޔަވަޅު އެޅީ. އެއީ އެކަން އަޅުގަނޑަށް ފެންނާތީ. ރިޒަލްޓްވެސް ޓީޗަރުންނަށް ޕްރޮޑިއުސް ނުކުރެވޭތީ،" އިގްބާލް ވިދާޅުވި އެވެ.