މާފުށީގައި ޤާއިމް ކޮށްފައިވާ އެމް.ޑަބްލިޔޫ.އެސް.ސީ.ގެ "ޕްރޮޑަކްޝަން ސެންޓަރ" އިފްތިތާޙު ކޮށްދެއްވައިފި

19:00


ކ. މާފުށީގައި ޤާއިމް ކުށްފައިވާ އެމް.ޑަބްލިޔޫ.އެސް.ސީ.ގެ "ޕްރޮޑަކްޝަން ސެންޓަރ" ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ރަސްމީކޮށް މިއަދު އިފްތިތާޙު ކޮށްދެއްވައިފި އެވެ.


މި އޮޕަރޭޝަންސް ސެންޓަރ އިފްތިތާޙު ވެގެންދިޔައީ، ޕްރޮޑަކްޝަން ސެންޓަރުގައި ޤާއިމްކުރެވިފައިވާ ސްވިޗަށް ރައީސުލްޖުމްހޫރިއްޔާ އޮއްބާލެއްވުމުންނެވެ.


މި ރަސްމިއްޔާތުގެ ކުރިން މާފުށީ ބަނދަރުގައި އެރަށުގެ ރައްޔިތުންނާ މުޚާޠަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ފެނާއި ނަރުދަމާ އާއި އެނޫނަސް ޢުމްރާނީ މަސައްކަތްތަކަކީ، ސަރުކާރުގެ މައިގަނޑު ފަސް ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެއް ނޫން ކަމުގައި ވިދާޅުވި އެވެ. އެހެން ނަމަވެސް، ރާއްޖޭގެ ތަރައްޤީއަށާއި ދުޅަހެޔޮކަމާއެކު ރައްޔިތުންނަށް ދިރިއުޅެވޭނެ މަގުފަހިކޮށްދިނުމަށް ރައްޔިތުންނަށް މިހާރުން މިހާރަށް ބޭނުންވާ އަސާސީ ޚިދުމަތްތަކެއް އެބަހުރިކަން ސަރުކާރަށް ވިސްނިވަޑައިގަންނަވާ ކަމުގައި ވިދާޅުވި އެވެ.


މި މޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ރާއްޖޭގެ ރަށްތަކުގެ ތެރެއިން ވަރަށް ގިނަ ރަށެއްގެ ފެން، މިހާރު މިވަނީ ބޭނުންކުރެވޭ ވަރަށްވުރެ ގޯސްވެފައި ކަމަށާއި، ކިތަންމެ ރަށެއްގައި މިހާރުން މިހާރަށް ނަރުދަމާގެ ޚިދުމަތް ޤާއިމްކުރަން ޖެހިފައިވާ ކަމުގައި ވިދާޅުވި އެވެ. އަދި މިކަންކަން ކުރެއްވުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، އެހެން ނަމަވެސް، ސަރުކާރުން އެކަނި މަސައްކަތްކުރައްވައިގެން ދެމެހެއްޓެނިވި ގޮތަކަށް މިކަން ނުކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް އުސޫލުގެ ދަށުން މިކަން ކުރެވޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.


ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ބައްލަވާލެއްވި އެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ހަތް ޕްރޮވިންސަކަށް ބަހާލައިގެން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގެވުމަށް ސަރުކާރުން ކުރައްވާ މަސައްކަތަކީ، ސިޔާސީ އެއްވެސް ބޭނުމެއް އެކަމުގައި އޮވެގެން ކުރައްވާ މަސައްކަތެއް ނޫން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.


ރާއްޖޭގެ އަތޮޅުތައް ސަރަޙައްދުތަކަށް ބައްސަވާލައްވައިގެން ރާއްޖޭގެ އަތޮޅުތައް ހިންގެވުމުގެ ވިސްނެވުމެއް ސަރުކާރުން މި ގެންގުޅުއްވަނީ، ރާއްޖޭގެ ތަރައްޤީ މިހާރަށްވުރެ ފަހިގޮތުގައި ކުރިއަށް ގެންދަވަން ކަމަށާއި، ލާ މަރުކަޒީ ފިކުރަކީ ކުރީގެ ސަރުކާރުން ވެސް ގެންގުޅުއްވި ފިކުރެއް ކަމުގައި ރައީސް ނަޝީދު ވިދާޅުވި އެވެ. ރަށެއް ނުވަތަ އަތޮޅެއްގެ މިންވަރަކީ އިދާރީ ދާއިރާއެއްގެ ގޮތުގައި ހިންގުމަށް އިޤްތިޞާދީ ގޮތުން މާ ކުޑަ މިންވަރެއް ކަމަށާއި، އަތޮޅެއްގެ މިންވަރަކީ އިދާރީ ހިންގުމަށް މާ ކުޑަ މިންވަރެއް ކަމަށް، ބައިނަލްއަޤްވާމީ ފަރާތްތަކުން ވެސް ލަފާ ދެއްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި، "ރައްޔިތުންގެ މަޖިލީހުގައި ޒުވާބުކޮށް، ތަޅާފޮޅާ އަރާރުންވެގެން ކުރަން ބޭނުން އެއްވެސް ކަމެއް ނެތް" ކަމަށާއި، ސަރުކާރުން އަބަދުވެސް ބައްލަވާނީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކަށް ކަންކަން ކުރެއްވުމަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.


އަބަދުވެސް ފަހަތަށް ޖެހެން ސަރުކާރަށް އެނގޭނެ ކަމަށާއި، އިދާރީ ދާއިރާތައް ހަތް ސަރަޙައްދަކަށް ބެހުމުން "އެކަމުގައި ތަރައްޤީއަށް އޮތް ހުރަހެއް ނުވަތަ އިޤްތިޞާދަށް އޮތް ހުރަހެއް ސާފުކޮށްދެއްވައިފިނަމަ ފަހަތަށް ޖެހެން އަޅުގަނޑުމެން މިތިބީ ތައްޔާރަށް" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު