ފަސް ވަނަ ކޮމަންވެލްތު ޔޫތު ގޭމްސްގައި ވާދަކުރުމަށް ރާއްޖޭގެ ޒުވާން އެތުލެޓިކްސް ޓީމާއި ސްވިމިން ޓީމް ސަމޯއާއަށް ފުރައިފިއެވެ.
ކޮމަންވެލްތު ޔޫތު ގޭމްސްގައި ވާދަކުރާ ދިވެހި ދެ ޓީމް ފުރުމުގެ ކުރިން މިރޭ ސަންއަށް ދެއްވި އިންޓަވިއުއެއްގައި އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް ވިދާޅުވީ އެ ގޭމްސްގައި މެޑައްޔަކަށް ވާދަ ނުކުރެވުނު ކަމުގައި ވިޔަސް ގައުމީ އާ ރެކޯޑް ތަކަކަށް އުންމީދު ކުރާ ކަމަށެވެ.
މެޑައްޔަކަށް ވާދަނުކުރެވޭ ސަބަބަކީ ރާއްޖެއިން ވާދަކުރާ ޒުވާން އެތުލީޓުންނަކީ ތަޖުރިބާ މަދު ބަޔަކަށްވެފައި ވާދަކުރަންޖެހެނީ އެތުލެޓިސް އިން ދުނިޔޭގެ އެންމެ ވަރުގަދަ ގައުމުތަކާ ކަމުގައި ވާތީ އެވެ.
ތޮލާލް ވިދާޅުވީ މިދިޔަ މަހު ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރި އެތުލީޓުން ހޯދި ކާމިޔާބީއަށް ވުރެ ރަނގަޅު ނަތީޖާއެއް މިފަހަރު ވާދަކުރާ ޓީމްގެ ފަރާތުން އުންމީދުކުރާ ކަމަށެވެ.
މިއީ ރާއްޖޭގެ ޒުވާން އެތުލެޓިކްސް ޓީމް ކޮމަންވެލްތު ޔޫތު ގޭމްސްގައި ވާދަ ކުރާ ދެ ވަނަ ފަހަރެވެ. ރާއްޖެއިން ވަނީ އެންމެ ފަހުން އައިސެލެމެންގައި 2011 ވަނަ އަހަރު ބޭއްވި ކޮމަން ވެލްތު ޔޫތު ގޭމްސްގައި ވާދަކޮށްފައެވެ.
"މިފަހަރުގެ ގޭމްސްގައި ރާއްޖެއިން ހެދި ގައުމީ ރެކޯޑްތައް އާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ،" ތޮލާލް ވިދާޅުވި އެވެ.
މިފަހަރު ސަމޯއާ އަށް ފުރި އެތުލެޓިކްސް ޓީމްގައި މުޅިންވެސް ހިމެނެނީ ޏ. ފުވައްމުލަކަށް ނިސްބަތްވާ އެތުލީޓުންނެވެ.
ސްވިމިން ޓީމްގެ ކޯޗް އިސްމާއީލް ފަރުހާން ބުނީ މިމަހު ފަސް ވަނަ ދުވަހުން 11 އަށް ސަމޯއާގެ ވަރިރަށް އާޕިއާގައި ބާއްވާ އެ ގޭމްސްގައި ރައްޖެއިން ވާދަކުރާ އިވެންޓްތަކުން ގައުމީ ރެކޯޑްތަކަކަށް އުންމީދު ކުރާ ކަމަށެވެ.
"އުންމީދަކީ މިމުބާރާތުގައިި އިމްޕްރުރޫވްތަކެއް ލިބި ގައުމީ އާ ރެކޯޑެއް ހެދުން،" ފަރުހާން ބުންޏެވެ.
ފަރުހާން ބުނީ އައިއޯއިޖީއަށް ތައްޔަރުވުމަށް ހެދި ޓްރޭނިންތަކާ އަޅާ ބަލާއިރު ފިރިހެން ދެ ފެތުންތެރިންނާމެދު އުންމިދުތަކެއް ކުރެވޭ ކަމަށެވެ.