ދުއްވާފައި ދިޔަ ކޮންޓެއިނާ ލޮރީއަކުން ޖެހި މަގުމަތީގައި ބަހައްޓާފައި ހުރި ދަގަނޑު ހޮޅިއަކުން ޖެހި ނިޔާވި އަޒުފާގެ މަރުގެ މައްސަލަ ސިޔާސީ ކުރާތީ ހިތާމަ ކުރާކަމަށް އަޒުފާގެ އާއިލާ އިން ބުނެފި އެވެ.
ހޮޅިދަނޑިން ޖެހި ޒަހަމްވި ސ. ހިތަދޫ ލިލަކް އަޒުފާ ޒުހައިރު، 24، އައިޖީއެމްއެޗުގެ އެމެޖެންސީގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައި ވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ.
މިނިވަން 50 އަށް ކުލަ ބޮކިލުމަށް ބޭނުން ކުރި ހޮޅި ވެއްޓިފައި -- ސަން ފޮޓޯ/ ސޮފްވާން
އަޒުފާގެ މަރާ ގުޅިގެން ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާ މެދު ހިތާމަކޮށް، އަޒުފާގެ އާއިލާ އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ އަޒުފާ އަށް ދިމާވި ހާދިސާއާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން ގުޅުއްވައި ހާލު އޮޅުންފިލުވި ކަމަށެވެ. އަދި އަޒުފާ ރާއްޖޭން ބޭރަށް ގެންދިއުމަށް ވެސް ސަރުކާރުން އެހީތެރިވެދީފައިވާ ކަމަށް އާއިލާގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
"ރައީސް އަބްދުﷲ ޔާމީން އަޅުގަނޑަށް ގުޅުއްވައި ހާލު ބައްލަވައި، ސަރުކާރުން އެކަމުގައި އެހީތެރިވެވޭނީ ކޮންގޮތަކުންތޯ ބައްލަަވައި ހެއްދެވި. އަދި އަޒުފާ ރާއްޖެ އިން ބޭރަށް ފޮނުވުމަށް ޓަކައި ސަރުކާރުން ވަނީ އެހީތެރިކަން ދީފައި" އަޒުފާގެ ބައްޕަ އަބްދުﷲ ޒުހައިރު
އައިޖީއެމްއެޗްގައި މިހާރު ހުރި އެންމެ ރަނގަޅު ވަސީލަތްތަށް ބޭނުންކޮށްގެން އަޒުފާގެ ފުރާނަ ސަލާމަތް ކުރުމަށް ކޮށްދެއްވި މަސައްކަތަށް ޓަކައި އޭނާގެ އާއިލާއިން އައިޖީއެޗަށް ވެސް ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ހާދިސާ ތަހުގީގުކޮށް އިހުމާލުވާ ފަރާތެއްވާ ނަމަ ފިޔަވަޅު އެޅުމަށް އަޒުފާގެ އާއިލާގެ ފަރާތުން ވަނީ ރައީސް ޔާމީނަށް ދަންނަވައިފަ އެވެ. އަދި ތަހުގީގު އަވަހަށް ނިންމަވައި ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އާއިލާ އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
"އަޅުގަނޑު އުންމީދު ކުރަނީ މި ތަހުގީގު އަވަހަށް ނިންމައި މިފަދަ ހާދިސާއެއް ދެން ނުހިނގާނެ ގޮތަކަށް ކަންތައްތައް ވެގެން ދިއުން" އަޒުފާގެ ބައްޕަ އަބްދުﷲ ޒުހައިރު
އަޒުފާގެ ބޮލުގައި ޖެހުނު ހޮޅި އަކީ އިއްޒުއްދީން މަގަށް ފެންނަ ގޮތަށް 392 ނަންބަރު ކޮށީގެ މަގުގެ އަރިމަތީގައި ގޯތީގެ އިމުގެ ތެރޭގައި ބަހައްޓާފައި ހުރި ހޮޅިއެއް ކަމަށް ހައުސިންގް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި އެ ހޮޅިއަކީ މިނިވަން 50 އަށް އެ ސަރަހައްދު ޒީނަތްތެރި ކުރުމަށް ނަމޫނާ ރުކެއްގެ ގޮތުގައި ކުލަބޮކި ދިއްލާފައި ހުރި ހޮޅިއެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ހޮޅިދަނޑީގެ އެހާރާއި މިހާރު: މިނިވަން ފަންސާހަށް މާލެ ދިއްލިއިރު ބޭނުންކުރި ހޮޅިދަނޑީގައި ބޮކިފަތިލާފައި (ކ. ފޮޓޯ: ސީއެންއެމް) އަދި ރޭ އެކްސިޑެންޓު ހިނގުމަށްފަހު މަގުމައްޗަށް އެ ހޮޅިދަނޑި ވެއްޓިފައި ---- ސަން ފޮޓޯ
އެހާދިސާ ހިންގަން މެދުވެރިވީ ސަބަބެއް ކަމަށް ހައުސިންގް މިނިސްޓްރީން ބުނެފައި ވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކޮންޓެއިނާ ޓްރަކެއް ކޮންޓްރޯލް ނުވެ ހޮޅިދަނޑީގައި ޖެހުމުގެ ސަބަބުން ކަމަށެވެ.
ފުލުހުން ބުނީ ހޮޅިދަނޑި ވެއްޓިފައި ވަނީ ޓްރަކްދުއްވަން އިން މީހާ ގަސްތުގައި ކުރި އަމަލަކުން ނޫންކަން މިހާތަނަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި ވެސް ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ ދަގަނޑު ހޮޅި މިހާރު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ޓޯޔާޑުގައި ކަމަށެވެ.
ރަޝީއާގައި ޑޮކްޓަރުކަން ކިޔަވަމުން އަންނަ އަޒުފާ މާލެއައިސް ހުރީ ޗުއްޓީއަކަށެވެ.
