ކޫއްޑޫގެ މަސްކާރުހާނާގެ މުވައްޒަފުން މިއަދުވެސް މުޒާހަރާކޮށްފި

19:00


މިފްކޯގެ ހަރަދު ކުޑަކުރުމަށް ގއ. ކޫއްޑޫ މަސްކާރުހާނާގެ މުވައްޒަފުނާ މެދު އަޅަމުންގެންދާ ފިޔަވަޅުތަކާ މެދު ހިތްހަމަނުޖެހިގެން އެތަނުގެ މުވައްޒިފުން މިއަދުވެސް މުޒާހަރާކޮށްފި އެވެ.


މިއަދު މެންދުރު ފަހުން ފެށިގެން ހަވީރު ހަތަރެއް ޖަހަންދެން ކޫއްޑޫގައި ކުރިއަށްދިޔަ މި މުޒާހަރާގައި ބައިވެރިވި ބައެއް މީހުން ސަންއެފްއެމްއަށް މައުލޫމާތު ދެމުން ބުނީ، ކޫއްޑޫގެ މުވައްޒަފުންނަށް ލިބިދޭންޖެހޭ އިނާޔަތްތައް ނުދީ އެ އިނާޔަތްތަކުން މަހުރޫމްކޮށްލުމަކީ އިންސާފެއް ނޫން ކަމަށެވެ. އަދި ވަކި ޑިޕާޓްމެންޓްތަކާއި ސެންޓަރުންތަކުގެ މަސައްކަތްކުރާ ވަކި މުވައްޒަފުންތަކަކަށް މުސާރައިގެ އިތުރުން އެހެނިހެން އެލެވެންސްތައް ދިނުމަކީ ހަރަދު ކުޑަކުރުމަށް މިފްކޯއިން ހިންގާ ޕްރޮގުރާމް ތަކާމެދު ސުވާލު އުފެދޭ ކަމެއް ކަމަށް ވެސް މުޒާހިރާގެ ބައެއް ބައިވެރިން ބުނެ އެވެ. އަދި މިފްކޯގެ އެހެން މުވައްޒަފުންނާ މެދު ފިޔަވަޅު ނާޅައި ހަމައެކަނި ކޫއްޑުގެ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅައިގެން ނުވާނެ ކަމަށް ވެސް އެމީހުން ބުނަމުންގެންދިޔަ އެވެ.


ކޫއްޑޫ މަސް ކާރުހާނާގެ ޖެނެރަލް މެނޭޖަރު އައްބާސް އިބްރާހިމް މިއަދު ވިދާޅުވީ މުޒާހަރާކުރި މުވައްޒަފުންނާ ވާހަކަ ދެއްކުމަށް ފަހު މިއަދު އެ މީހުން ހުށަހެޅި ކަންތައްތަކަށް ހައްލު ހޯދުމަށް މިފްކޯއިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.


މިކަމާ ގުޅިގެން މިފްކޯގެ މީޑިއާ ކޯޑިނޭޓަރ އަބްދުﷲ މައުމޫން ވިދާޅުވީ މިފްކޯގެ ހުރިހާ މުވައްޒަފުންނާމެދު ވެސް އެ ކުންފުނިން ފިޔަވަޅު އަޅާނީ ހަމަހަމަ އުސޫލުން ކަމަށެވެ. އަދި މަސްވެރިކަން ދަށްވެފައިވާ ދަނޑިވަޅެއްގައި ހަރަދު ކުޑަކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށާއި ނަމަވެސް މުވައްޒަފަކު ވަކިނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ކޫއްޑޫގެ އިތުރުން ޅ. ފެލިވަރާއި ކަނޑުއޮތްގިރީގެ މުވައްޒަފުންގެ ވަޒީފާގެ ޝެޑިއުލްތަކަށް ވެސް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ.


މިފްކޯގެ ހަރަދު ކުޑަކުރުމަށް ކަމަށް ބުނެ، ގއ. ކޫއްޑޫ މަސްކާރުހާނާގެ މުވައްޒަފުނާމެދު އަޅަމުންގެންދާ ފިޔަވަޅުތަކާ މެދު ހިންހަމަ ނުޖެހިގެން މިދިޔަ ބުރާސްފަތި ދުވަހު ވެސް ވަނީ މުޒާހިރާކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު