19:00
ފައިސާގެ މައްސަލަތަކަކާ ގުޅިގެން، މެދު ދެކުނު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވާ ދޯނި ސާވިސްގެ މެނޭޖިން ޑައިރެކްޓަރ އަލީ މޫސާ ފުލުހުން ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އޭނާ ހައްޔަރު ކުރީ، މާލެއިން ކަމަށެވެ. ނަމަވެސް އޭނާ ހައްޔަރުކުރީ ކޮންތަނަކު ހުއްޓާ ކަމެއް އަދި އެ މައްސަލައާބެހޭ އިތުރު ތަފްސީލް އޮފިޝަލް ނުދެއްވި އެވެ.
އަލީ މޫސާ ހައްޔަރުކޮށްފައި މިވަނީ ފައިސާގެ މައްސަލަ ތަކެއްގައި ދޯނި ސާވިސްއާ ދެކޮޅަށް އެކި ފަރާތްތަކުން ކޯޓަށް މައްސަލަތަކެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގަ އެވެ. އޭގެ ތެރޭގައި 2.5 މިލިޔަން ރުފިޔާ ހޯދުމަށާއި، ލައްކައަކަށްވިރެ ގިނަ ރުފިޔާ ހޯދުމަށް ހުށަހަޅާފައިވާ މައްސަލަތައް ހިމެނޭ. އަދި އޭނާ ހައްޔަރު ކުރީ ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު މާލެ ވަޑައިގެންނެވިތާ ތިންވަނަދުވަހެވެ.
ތ. އަތޮޅާއި ލ. އަތޮޅުގައި މީހުންއުޅޭ ހުރިހާ ރަށަކާއި، އިގްތިސާދީ މަސައްކަތްކުރާ ހަތްރަށާއެކު މެދު ދެކުނު ޕްރޮވިންސްގެ ފެރީގެ ހިދުމަތް ދިނުމަށް ދޯނި ސާވިސްއާ، ސަރުކާރުން ހަވާލުކޮށްފައިވަނީ، ހަވާލުކޮށްފައިވަނީ 50 އަހަރުގެ މުއްދަތަކަށެވެ. އަދި އެ ހިދުމަތުގެ ބަދަލުގައި އެ ޕްރޮވިންސްގެ ކޮންމެސް އެއްރަށެގައި ސިޓީހޮޓަލެއް އެޅުމަށް ބޭނުންވާ ބިން ވެސް ދޯނި ސާވިސްއަށް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.