އައިސްލެންޑްގެ އަލިފާން ފަރުބަދައެއް ގޮވުމާ ގުޅިގެން އެއާލައިންތަކަށް އެތައް ސަތޭކަ މިލިއަން ޑޮލަރުގެ ގެއްލުން ޖެހިއްޖެ

19:00


އައިސްލެންޑްގެ އަލިފާން ފަރުބަދައެއް ގޮވުމާ ގުޅިގެން އުފެދިފައިވާ ކަޅު ދުމުގެ ސަބަބުން ޔޫރަޕްގައި ދަތުރުކުރަން ހަމަޖެހިފައި އޮތް އެތައް ހާސް ފްލައިޓެއް ކެންސަލްވެ އެއާލައިންތަކަށް އެތައް ސަތޭކަ މިލިއަން ޑޮލަރުގެ ގެއްލުމާ ކުރިމަތިލާން ޖެހިއްޖެ އެވެ.


ޔޫރަޕްގެ ވައިގެ ދަތުރުފަތުރުތައް ކޮންޓްރޯލް ކުރާ އިސް މުއައްސަސާ ކަމަށްވާ ޔޫރޯކޮންޓްރޯލުން ބުނެފައިވަނީ ކުރިއަށް އޮތް ދެދުވަހުގެ ތެރޭގައި ވެސް ފްލައިޓްތައް ކެންސަލްވުން އެކަށީގެންވާ ކަމަށާއި މި ދެދުވަހުގެ ތެރޭގައި އެ ސަރަހައްދުގައި އޮޕަރޭޓް ކުރަމުންދާ ފްލައިޓްތަކުގެ އަދަދު ގާތްގަނޑަކަށް ތިންގުނައަށް ތިރިވާނެ ކަމަށް ވެސް ބެލެވޭ ކަމުގަ އެވެ.


މައުލޫމާތުލިބޭ ގޮތުގައި ހުކުރު ދުވަހު އެކަނިވެސް، ކުރިން އޮޕަރޭޓް ކުރަން ހަމަޖެހިފައި އޮތް ސަތާރަ ހާހަށް ވުރެ ގިނަ ފްލައިޓް ވަނީ ކެންސަލްވެފަ އެވެ. މީގެ ތެރޭގައި ޔޫރަޕްގެ އެތެރޭގެ އުދުހުން ތަކުގެ އިތުރުން އޭޝިއާ އާއި އެފްރިކާއިން ޔޫރަޕަށް ކުރަން ހަމަޖެހިފައި އޮތް ދަތުރުތައް ވެސް ހިމެނެ އެވެ.


ޖައްވުގައި އުފެދިފައިވާ ކަޅު ދުމުގެ ސަބަބުން އެތައް އެއާޕޯޓެއް ވެސް ވަނީ ބަންދުކުރަން ޖެހިފަ އެވެ. މީގެ ތެރޭގައި ލަންޑަން، ޕެރިސް އަދި ފްރެންކްފަޓްގެ އެއާޕޯޓްތައް ފާހަގަކޮށްލެވެ އެވެ.


މިއީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އެއާލައިންތަކުން ކުރާ ދަތުރުތަކަށް މިހާ ބޮޑު އަސަރެއް ކުރި ފުރަތަމަ ފަހަރެވެ.   

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު