ލ. ގަމުގައި ގްރޫޕަކުން ހިންގި ހަމަނުޖެހުމެއް ހުއްޓުވުމަށް ހަރަކާތްތެރިވި ފުލުހުންނަށް ހަމަލާދީ ޒަހަމް ކޮށްލައިފި

10:00


ލ. ގަމުގައި ގްރޫޕަކުން ހިންގި ހަމަނުޖެހުމެއް ހުއްޓުވުމަށް ހަރަކާތްތެރިވި ފުލުހުންނަށް ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ.


ފުލުހުން ބުނީ، ރޭ ފަތިހު ގާތްގަނޑަކަށް ހަތަރެއްޖަހާކަންހާއިރު މި ގްރޫޕުން ވަނީ މުކުރިމަގު އަވަށުގެ ބަނދަރު ކައިރީގައި ހުރި ހަޓެއް ރޯކޮށްލާ، މުކުރިމަގު އަވަށުގެ ދެ ގެއަކާއި ހޮޓަލެއްގެ ބިއްލޫރިތައް ތަޅާލާ ގެއްލުން ދީފައި ކަމަށެވެ. އަދި މަތިމަރަދޫ ސިނާއީ ސަރަހައްދުގައި ހުރި ފިހާރައެއްގެ ބިއްލޫރިތައް ވެސް ތަޅާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.


މަތިމަރަދޫ އަވަށުން މުކުރިމަގު އަވަށަށް ދިޔަކަމަށް ބެލެވޭ މި ގްރޫޕުން މުކުރިމަގު އަވަށުގެ ވަލުތެރެއިން ކުއްލިއަކަށް މުކުރިމަގަށް އަރާ ހިންގަން ފެށި މި ކަންތައްތައް އެރަށުގައި ހަރަކާތްތެރިވާ ފުލުހުންގެ ދެ ވެހިކަލަކުން ހުއްޓުވުމަށް މަސައްކަތް ކުރުމުން އެ ގްރޫޕުން ވަނީ ފުލުހުންގެ ދެ ވެހިކަލަށް ހަމަލާދީ އެއް ވެހިކަލްގެ ބިއްލޫރިތައް ތަޅާލައި އޭގައި ތިބި ފުލުހުންނަށް ހަމަލާދީފަ އެވެ. އަދި މި ގްރޫޕުން ފުލުހުންނަށް ހަމަލާދިނުމުގެ ސަބަބުން ދެ ފުލުހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން އެއް ފުލުހެއްގެ އަނގަމަތީގައި ދަނގަޑު ހޮޅިބުރިއަކުން ޖެހުމުގެ ސަބަބުން ދަތެއް ބިނދި އަނގަމަތި ފަޅައިގެން ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މީގެ އިތުރުން މޮހޮރު ޖަހާފައި ހުރި ފިލާގަނޑަކުން ޖަހާ އަތަށް މޮހޮރުތައް ވައްދާލާފައިވާކަމަށާއި، އިތުރު ފުލުހެއްގެ އަތަށާއި ބުރަކައްޓަށް ވެސް ދަނގަޅު ހޮޅިބުރިއަކުން ހަމަލާދިނުމުގެ ސަބަބުން ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.


މި މައްސަލައާ ގުޅުން ހުރި ކަމަށް ބެލެވޭ ދެމީހަކާއި އެމީހުން މިޢަމަލު ހިންގުމަށް ބޭނުންކޮށްފައިވާ ކަމަށް ބެލެވޭ ބައެއް ތަކެތި ރޭ ފަތިހުގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، އޭގެ ތެރޭގައި ދަނގަޑު ހޮޅިބުރި އާއި، ލަކުޑި ފައްޗާއި، ވަޅި އަދި ކަނޑިފަދަ ތަކެތި ހިމެނޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު