ހަމީދުގެ ތައުޒިޔާ ދަފްތަރުގައި ރައީސް އާއި ނައިބު ރައީސް ސޮއި ކުރައްވައިފި

މިއަދު ރައްޔިތުންގެ މަޖިލީހުގައި ރައީސް ޔާމިން ތައުޒިޔާގެ ދަފްތަރުގައި ސޮއި ކުރައްވަނީ--- ސަން ފޮޓޯ: ފަޔާޒް މޫސާ

ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ އަބްދުﷲ ހަމީދު އަވަހާރަވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބު ސޮއި ކުރައްވައިފި އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ނައިބު ރައީސް ތައުޒިޔާ ދަފްތަރުގައި ސޮއި ކުރައްވަނީ-- ސަން ފޮޓޯ: ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގައި މިއަދު މެންދުރު ރައީސާއި ނައިބު ރައީސް އެ ދަފްތަރުގައި ސޮއި ކުރައްވާފައިވާ އިރު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ވަނީ އެ ދަފްތަރުގައި ސޮއި ކުރައްވައިފަ އެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިކަމުގެ ލަގަބު އަރުވާފައިވާ، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމާއި ވަޒީރުކަމުގެ މަގާމު ދިގު މުއްދަތަކަށް ފުރުއްވާފައިވާ، އަލްއުސްތާޒު އަލްމަރަހޫމް އަބްދުﷲ ޙަމީދު އަވަހާރަވުމާ އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ދަފުތަރެއް ހުޅުވާފައިވާ އިރު އެ ދަފުތަރު ހުޅުވާފައި އޮންނާނީ މިއަދުގެ ނިޔަލަށެވެ.

އަބްދުﷲ ހަމީދު ވަނީ އެޓޮލްސް މިނިސްޓަރު ކަމުގެ އިތުރުން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވައިފަ އެވެ. އަދި އެޑިޔުކޭޝަން މިނިސްޓަރު ކަމާއި އެ ނޫނަސް ދައުލަތުގެ ވަރަށް ގިނަ ވަޒީފާތަކެއް އަދާ ކުރައްވާފައިވެ އެވެ.

އަބްދުﷲ ހަމީދަކީ ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަމުން ގިނަ ދުވަސްތަކެއް ވަންދެން އަތޮޅުތައް ބެލެހެއްޓެވި އެންމެ އިސް މޭސްތެރި އެވެ.

ހިތުގެ އާލާސްކަންފުޅަކަށް ފަރުވާ ދެމުން އަންނަނިކޮށް އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި މިދިޔަ އަންގާރަ ދުވަހު އަވަހާރަވި އަބްދުﷲ ޙަމީދުގެ ހަށިކޮޅު ވަނީ ރާއްޖެ ގެނެސް ރަސްމީ އިއްޒަތުގައި ފަސްދާނުލައިފަ އެވެ.

comment ކޮމެންޓް