ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ކުރީގެ އެޓޯލްސް މިނިސްޓަރު އަބްދުﷲ ހަމީދު އަވަހާރަވުމާ ގުޅިގެން ތިން ދުވަހަށް ގައުމީ ދިދަ ބައި ދަނޑިއަށް ތިރިކުރާ ގޮތަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ މާދަމާއިން ފެށިގެން ހުކުރު ދުވަހާއި ހަމައަށް ގައުމީ ދިދަ ބައި ދަނޑިއަށް ތިރިކުރާ ގޮތަށް ރައީސް އަބްދުﷲ ޔާމީން ނިންމަވާފައިވާ ކަމަށެވެ.
އަބްދުﷲ ހަމީދު އަވަހާރަވުމާއި ގުޅިގެން ތިން ދުވަހަށް ގައުމީ ދިދަ ބައި ދަނޑިއަށް ތިރިކުރަން ރައީސް ޔާމީން ނިންމަވާފައިވާއިރު އަބްދުﷲ ހަމީދުގެ ހަށިކޮޅު ރާއްޖެ ގެނެސް ރަސްމީ އިއްޒަތުގައި ފަސްދާނަލެއްވުމަށް ވެސް ރައީސް ޔާމީން ވަނީ ނިންމަވާފައި އެވެ.
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިކަމުގެ ލަޤަބް އަރުވާފައިވާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމާއި، ވަޒީރު ކަމުގެ މަޤާމު، ދިގު މުއްދަތެއް ވަންދެން ފުރުއްވާފައިވާ އަބްދުﷲ ހަމީދު އަވަހާރަވީ މީގެ ތިން ދުވަސް ކުރިން ހާޓްއެޓޭކެއް ޖެހިގެން އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގަ އެވެ.