ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުގެ އަހަރީ ރިޕޯޓް:
ފުދޭ ވަރަށް ފައިސާ އާއި މުވައްޒަފުން ނުލިބޭތީ މަސައްކަތް ހިންގަން ވަރަށް ދަތި!

ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ) އަށް ބޭނުންވާ ވަރަށް ފައިސާ އާއި މުވައްޒަފުން މިހާތަނަށް ވެސް ލިބިފައިނުވާތީ ކޮމިޝަން ހިންގުމަށް ވަރަށް ބޮޑަށް ދަތިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ޕީއައިސީގެ އަހަރީ ރިޕޯޓުގައި ބުނެފައި ވަނީ 2009 ވަނަ އަހަރެކޭ ވެސް އެއްފަދަ އިން މިދިޔަ އަހަރު ވެސް އެ ކޮމިޝަން ހިންގުމުގައި އިދާރީ ގޮތުން ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެންމެ ބޮޑު މައްސަލައަކީ ފުދޭ ވަރަށް ފައިސާ އާއި މުވައްޒަފުން ނުލިބުން ކަމަށާއި ކޮމިޝަނުގެ ބަޖެޓުގައި ހިމެނޭ ފައިސާ ހޯދުމަށް ވެސް ގިނަ ދަތިތަކެއް ކުރިމަތިލާންޖެހި ބައެއް ފަހަރު ފައިސާ ނުލިބޭ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ އެ ކޮމިޝަނުގެ މިއަހަރުގެ ބަޖެޓުގައި އިތުރު މުވައްޒަފުންނާއި ވަސީލަތްތައް ހޯދުމަށް ބަޖެޓުކޮށްފައިވާ ކަމަށާއި ނަމަވެސް ހަމަ މިއާ އެކު ކޮމިޝަން ހިންގާ އިމާރާތުގައި މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަން ވެސް ހައްލުވާން ޖެހޭ ކަމަށެވެ.

މީގެ އިތުރުން އެ ރިޕޯޓުގައި ބުނެފައި ވަނީ ޕީއައިސީގެ ގަވާއިދު ހެދުމަކީ ފުލުހުންގެ ގާނޫނުގެ ދަށުން ހޯމް މިނިސްޓްރީން ކުރަން ޖެހޭ ކަމެއް ކަމަށާއި ނަމަވެސް މިހާތަނަށް ވެސް އެ މިނިސްޓްރީން ގަވާއިދު ހަދާފައިނުވާ ކަމަށެވެ.

ޕީއައިސީން ބުނެފައި ވަނީ މިދިޔަ އަހަރު އެ ކޮމިޝަނުން 121 މައްސަލަ ބަލައި ނިންމާފައިވާ ކަމަށެވެ. އަދި 52 ދެ މައްސަލަ ބަލަމުން ގެންދާ ކަމަށް ވެސް އެ ރިޕޯގައިވެ އެވެ. އެ ކޮމިޝަނުން ބަލައި ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން ތިން މައްސަލައެއް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށާއި އެ ތިން މައްސަލައަކީ ވެސް އާންމުންނަށް ފުލުހުން އަނިޔާކޮށްފައިވާ މައްސަލަތައް ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ. މީގެ ތެރޭގައި ފިރިހެނަކާއި އޭނާގެ އަނބިމީހާ އަށް އަނިޔާކޮށްފައިވާ މައްސަލައެއް ތަހުގީގަށް ސާބިތުވާތީ ޕީޖީ އޮފީހަށް ފޮނުވާފައިވާނެ ކަމަށް ވެސް އެ ރިޕޯޓައިވެ އެވެ.

މީގެ އިތުރުން އަންހެނަކަށް އަނިޔާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ބަޔަކަށް އަނިޔާ ކުރި މައްސަލައަކާއި އިތުރު މީހަކަށް ފުލުހުން އަނިޔާ ކުރި މައްސަލައެއްގެ ހެކި ލިބިފައިވާތީ ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ. މީގެ އިތުރުން މާރާމާރީއެއްގެ މައްސަލައިގައި ކަމާ ނުބެހޭ މީހަކު ހައްޔަރު ކުރި މައްސަލައެއް ވެސް ޕީއައިސީން ބަލާފައިވެ އެވެ. އެ މައްސަލައިގައި ކޮމިޝަނުން ނިންމާފައި ވަނީ ފުލުހުން އެމީހާ ހައްޔަރުކޮށްފައި ވަނީ ބަލަންވާ ވަރަށް ނުބަލައި ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު