ޝަންގްރިއްލާ ރިސޯޓްގެ މުވައްޒަފުންތަކެއް ކުރި ހަޅުތާލާ ގުޅިގެން 60 މުވައްޒަފަކު ސަސްޕެންޑްކޮށްފި

އައްޑޫ އަތޮޅު ވިލިނގިލީގައި ހިންގަމުން އަންނަ ޝަންގްރިއްލާ ރިސޯޓްގެ މުވައްޒަފުންތަކެއް އެ ރިސޯޓްގައި ކުރި ހަޅުތާލާ ގުޅިގެން 60 މުވައްޒަފަކު ސަސްޕެންޑްކޮށްފި އެވެ.


ޝަންގްރިއްލާ ވިލިނގިލި ރިސޯޓްސް އެންޑް ސްޕާގެ ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަން ލެސްލީ ގާސިއާ މިއަދު ވިދާޅުވީ އެ ރިސޯޓްގައި މަސައްކަތް ކުރަމުންދިޔަ ފަސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ވަނީ އެރިސޯޓްގެ ގަވާއިދާ ހިލާފަށް އެ މުވައްޒަފުން އަމަލްކުރުމުން ކަމަށާއި އެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ވާނީ ވަޒީފާއާ ބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އެރިސޯޓްގެ މުވައްޒަފުންތަކެއް މަސައްކަތް ހުއްޓާލައި ކުރިއަށް ގެންދިޔަ ހަމަނުޖެހުމާ ގުޅިގެން ރިސޯޓްގެ އޮޕަރޭޝަނަށް ވަރަށް ގިނަ ދަތިތަކެއް ކުރިމަތިވި ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި މިހާރު ރިސޯޓްގެ މެނޭންމަންޓުން އެމައްސަލަ ބަލައިނިމެންދެން، އިއްޔެ އެ ހަޅުތާލުގައި ބައިވެރިވި 60 މުވައްޒަފުން ވަޒީފާއަށް ނުނުކުމެ މަޑުކުރުމަށް އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


ޝަންގްރިއްލާ ރިސޯޓްގެ ހަތަރު މުވައްޒަފަކު ވަޒީފާއިން ވަކިކުރި މައްސަލައާ ގުޅިގެން އެ ރިސޯޓްގެ  ގިނަ އަދަދެއްގެ ދިވެހި މުވައްޒަފުންތަކެއް އިއްޔެ ހަވީރުން ފެށިގެން ހަޅުތާލުކުރަމުން ގޮސް، މިއަދު ހެނދުނުން ފެށިގެން ގެންދަނީ އެއަތޮޅު ފޭދޫ ބަނދަރުމަތީގައި މުޒާހަރާ ކުރަމުންނެވެ.


މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ ހަވީރުން ފެށިގެން އެރިސޯޓްގެ ފަސްދޮޅަހަކަށް މުވައްޒަފުން ވަނީ މަސައްކަތް ހުއްޓާލައި ހަޅުތާލުކުރަން ފަށާފަ އެވެ. އަދި ފުލުހުން އެރަށަށް ގޮސް ރޭ ދަންވަރުގެ ވަގުތެއްގައި އެމީހުން އެރަށުން ބޭލުމާ ގުޅިގެން މިހާރު ސަތޭކައަށްވުރެ ގިނަ މުވައްޒަފުން ގެންދަނީ ފޭދޫ ބަނދަރުމަތީގައި މުޒާހަރާކުރަމުންނެވެ.


މި މުޒާހިރާގެ ބައިވެރިއަކު ސަންއެފްއެމްގެ ބްރޭކިން ނިއުސް އަށް މައުލޫމާތު ދެމުން ބުނީ ހަތަރު މުވައްޒަފަކު ވަޒީފާއިން ކަނޑާލި މައްސަލާގައި އެމީހުން މެނޭންމަންޓާ ބައްދަލުކޮށް، އެމީހުން ވަޒީފާ އަށް އަނބުރައި ގެންދިއުމަށް އެދިފައިވާ ކަމަށެވެ. އަދި އެމީހުން ވަޒީފާ އިން ވަކިކޮށްފައި ވަނީ ވަޒީފާއާ ބެހޭ ޤާނޫނާ ހިލާފަށާއި އެމީހުން ވަޒީފާ އިން ވަކިކުރާނެ ފަދަ ސަބަބެއއް މެދުވެރިވެފައިނުވާ ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ އަދި ބުނީ އެމައްސަލައާ ގުޅިގެން ޝަންގްރިއްލާގައި އެމީހުން ހަޅުތާލުކުރަމުން ދަނިކޮށް ފުލުހުން އެ ރަށަށް ގޮސް ރޭ އެމީހުން އެރަށުން ބޭލީ ހަތަރެއް ޖަހާކަންހާއިރު ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު