މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލުވާން ގެއްލުނު މައްސަލަ ތަހުގީގު ކުރުމަށް މިނިވަން ތަހުގީގެއް ހިންގުމަށް ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓް (ސީޕީޖޭ) އިން ސަރުކާރަށް ގޮވައިލައިފި އެވެ.
ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރަމުން އަންނަ ބައިނަލްއަގުވާމީ ޖަމިއްޔާ ސީޕީޖޭ އިން އެކަމަށް ގޮވާލައިފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަށް އެޑްރެސްކޮށް ލިޔެފައިވާ ސިޓީއެއްގަ އެވެ.
އެކަމާ ކަންބޮޑުވުން ފާޅުކޮށް އެ ޖަމިއްޔާ އިން ނެެރެފައިވާ ސިޓީގައި ރިޟުވާން ގެއްލުނު މައްސަލަ ބަލައިގަނެވޭ ފަދަ މިނިވަން ތަހުގީގެއް ހިންގުމަށް ސަރުކާރަށް ވަނީ ގޮވަލައިފަ އެވެ. ރިލުޟާން ގެއްލުނުތާ އަހަރެއް ވެފައިވާ އިރު ވެސް އޭނާ ފެނިފައިނުވާތީ އެ ޖަމިއްޔާ އިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ރިޟުވާން ހޯދުމަށް އެކަށީގެންވާ ތަހުގީގެއް ކަމާ ބެހޭ އިދާރާތަކުން މިހާތަނަށް ކޮށްފައިނުވާކަން އެ ޖަމިއްޔާ އިން ވަނީ ފާހަގަކޮށްފަ އެވެ.
ރިޟުވާން ގެއްލުނު މައްސަލާގައި މިނިވަން ތަހުގީގެއް ނުހިންގިއްޖެ ނަމަ، ސީރިއާ ރަޝިއާ މެކްޝިކޯ ފަދަ ނުރައްކާ ބޮޑު ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް އެ ޖަމިއްޔާ އިން ވަނީ ބުނެފަ އެވެ.
އޮގަސްޓް އަށް ވަނަ ދުވަހުގެ ރޭ ރިޟުވާން ގެއްލުނީ މިނިވަން ނޫހުގައި އޭނާ ލިޔަމުން ގެންދިޔަ ލިޔުންތަކާއި ޝޯސަލް މޯޑިއާގައި އޭނާ ފާޅުކުރަމުން ގެންދިޔަ ހިޔާލުތަކާ ގުޅިގެން ވަރަށް ގިނަ އިންޒާރު ދީފައިވަނިކޮށެވެ. ރިލުޝާން އެންމެ ފަހުން ފެނުނު ކަމަށް ފުލުހުން ބުނެފައި ވަނީ އެރޭ ހުޅުމާލެއަށް ދާން ޓިކެޓް ނަގަން ގޮސް ހުއްޓަ އެވެ. ފުލުހުން ވަނީ އޭނާ ޓާމިނަލްގައި ހުންނަ މަންޒަރު ދައްކުވައިދޭ ސީސީޓީވީ ފޫޓޭޖެއް ވެސް އާއްމުކޮށްފަ އެވެ.
ރިޟުވާން ގެއްލުނު މައްސަލަ އަދިވެސް ފުލުހުން ތަހުގީގު ކުރަމުން އަންނައިރު އޭނާ ގެއްލުނު މައްސަލާގައި ހައްޔަރުކުރި މީހުންނާ އެ މައްސަލައާ އެއްވެސް ގުޅުމެއް ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ސީޕީޖޭ އިން ރައީސް ޔާމީނަށް ފޮނުވާފައިވާ އެ ސިޓީގެ ކޮޕީއެއް ހޯމް މިނިސްޓަރަށާއި ޑިޕެންސް މިނިސްޓަރަށާއި ކޮމިޝަނާ އޮފް ޕޮލިސްއަށާއި ފޮރިން މިނިސްޓަރުގެ އިތުރުން އެމެރިކާގެ ހިއުމަން ރައިޓްސްއާ ބެހޭ ބައެއް މިޝަންތަކަށް ވެސް ވަނީ ފޮނުވާފަ އެވެ.