ޑީއާރްޕީގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމް އެއްފަރާތް ކޮށްގެން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އަހުމަދު ތަސްމީން އަލީއަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.
ދިއެފްއެމްގެ "ވަން ޓު ވަން" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޔުމްނާ މިއަދު ވިދާޅުވީ ގިނަ ރައްޔިތުންގެ ތާއީދު އަދިވެސް އޮތީ އޭނާގެ ބައްޕާފުޅު މައުމޫންނަށް ކަމަށެވެ. މައުމޫންގެ ތާއީދާއި މަސައްކަތާއި ނުލާ ޑީއާރްޕީގެ ލީޑަރު، ތަސްމީނަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ތަސްމީންގެ ތާއީދު އިތުރުކުރަން ބޭނުންފުޅުނަމަ މައުމޫން އެކަހެރި ނުކުރައްވާ މައުމޫނާއެކު މަސައްކަތް ކުރައްވަން ޖެހޭ ކަމަށެވެ.
"... ރާއްޖޭގެ ގިނަ ރައްޔިތުން އަދިވެސް ތާއީދުކުރަނީ ޒައީމަށް. އެހެންވީމަ ޒައީމް އެއްފަރާތްކޮށްގެން އެގޮތަކަށް (ތަސްމީނަށް) ތާއީދު ހޯއްދެވޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ޒައީމްގެ ތާއީދު ނެތި 2013 ގެ އިންތިހާބު ކާމިޔާބު ކުރުމަކީ ވެސް ފަސޭހަ ކަމަކަށް ނުވާނެ. ކާމިޔާބު ކުރެވޭނެއެކޭ ވެސް އަޅުގަނޑު ނުދަންނަވާނަން،" ޔުމްނާ ވިދާޅުވި އެވެ
ޑީއާރުޕީގެ ބައިބައިވުންތަކުގެ ފަހުން މައުމޫންގެ އާއިލާގެ ފަރާތުން މީޑިޔާގައި ވާހަކަދައްކަވާ ޔުމްނާ ވިދާޅުވީ ތަސްމީން އުޅުއްވަނީ އޭނާގެ އަމިއްޕަ ޕްރޮފައިލް ކުރިއަރުވައި ވޭތުވެ ދިޔަ 30 އަހަރުވެސް ހަދާން ނައްތަވައި ލައްވަން ކަމަށެވެ.
އަންނަ ރިޔާސީ އިންތިހާބުގައި މައުމޫން ވާދަކުރެއްވުމާ މެދު ވިސްނަވާތޯ ސުވާލުކުރުމުން ޔުމްނާ ވިދާޅުވީ ވަރަށް ގިނަ ފަރާތްތަކުން ރިޔާސީ އިންތިހާބުގައި މައުމޫން ވާދަކުރެއްވުމަށް އެދެމުން އަންނަ ކަމަށާއި މައުމޫން އެކަމާ ގުޅޭ ގޮތުން "ތަފާތު ގޮތްގޮތަށް ވިސްނަވާ" ކަމަށެވެ. އަދި ވިދާޅުވީ އެކަމާ މެދު ވަކިގޮތެއް ނުނިންމަވާ ކަމަށެވެ.
"އެތައް ބަޔަކު، އެތައް އާންމު މެމްބަރުންނެއް ޒައީމް އަރިހުން އެދިވަޑައިގަންނަވާ، ޒައީމް ނުކުމެވަޑައިގަންނަވައިގެންނޭ (ރިޔާސީ އިންތިހާބު) ކާމިޔާބު ކުރެއްވޭނީ، އެހެންވީމަ ޒައީމް ނުކުމެވަޑައިގަންނަވާށޭ. އެތައް ބައެއްގެ އާދޭސް ޒައީމްގެ ކަންފަތްޕުޅާ ހަމައަށް އެބަދޭ. އެކަމާ މެދު ވަކި ގޮތެއް ނިންމެވީކީ ނޫން އަދި،" ޔުމްނާ ވިދާޅުވި އެވެ.
ޑީއާރުޕީގެ ތެރޭގައި މިހާރު އުފެދިފައިވާ ބައިބައިވުންތަކުގެ ސަބަބުން މައުމޫން ޑީއާރުޕީން ވަކިވެ ވަޑައިގެން އެހެން ޕާޓީއެއް ހައްދަވަފާނެ ތޯ ސުވާލު ދެންނެވުމުން ޔުމްނާ ވިދާޅުވީ ޑީއާރުޕީ އުފެއްދި މަގުސަދު ހާސިލް ނުވާނަމަ އަމަލުކުރައްވާނެ ގޮތަކާއި މެދު މައުމޫން މިހާރު ތަފާތު ފަރާތްތަކާ މަޝްވަރާކުރައްވަމުން ގެންދާވާ ކަމަށާއި އެކަމާމެދު ވެސް އަދި ވަކިގޮތެއް ނުނިންމަވާ ކަމަށެވެ. ޔުމްނާ ވިދާޅުވީ އެ ޕާޓީ އުފެއްދެވި މަގުސަދު ހާސިލް ނުވާނަމަ އެހެން ގޮތްގޮތުންވެސް ޒައީމް މަސައްކަތް ކުރައްވާނެ ކަމަށެވެ.
"ނަމަވެސް ވަރަށް ގިނަ ޕާޓީގެ އާންމު މެމްބަރުންގެ ޝުއޫރެއްކަން ނޭނގެ، ޑީއާރުޕީއަކީ ޒައީމްއޭ. ޒައީމްއޭ ޑީއާރުޕީ އަކީ. ޑީއާރުޕީ ދޫކޮށްލެއްވުމަކީ އެއްގޮތަކަށް ވެސް އާންމު މެމްބަރުން ބޭނުންވާނެ ކަމެއް ނޫން. އެހެންވީމަ ޒައީމް ވެސް ވިސްނާވަޑައިގަންނަވާނެ. މި ނޫން އެއްވެސް ގޮތެއް އޮތް ކަމުގައިވާ ނަމަ (މައުމޫން) ޑީއާރުޕީއެއް ދޫކޮށް ނުލައްވާނެ،" ޔުމްނާ ވިދާޅުވި އެވެ.
ތަސްމީން، މައުމޫނާ މެދު ނަފްރަތުގެ ގޮތަކަށް ބައްލަވާ ކަމަށް ވިދާޅުވަމުން ޔުމްނާ ވަނީ މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނުތެރޭ ބައެއް ރަށްރަށުގައި މައުމޫންގެ ފޮޓޯ ހުރުމުން ތަސްމީން އެ ރަށްރަށް ދަތުރުފުޅު ކުރެއްވުމަށް ދެކޮޅު ހެއްދެވި ކަމަށް ތުހުމަތު ކުރައްވާ ފައެވެ.
އިއްޔެ މައުމޫނަށް ތަސްމީނު ފޮނުއްވި ސިޓީގައި ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ޔުމްނާ އާއި އޭނާގެ ފިރިކަލުން މުހައްމަދު ނަދީމް ތަސްމީން އާއި އާއިލާގެ އަތުން ގިނަ އަދަދެއްގެ ފައިސާ ގެންދަވާފައިވާ ކަމަށް ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވަމުން ޔުމްނާ ވިދާޅުވީ " 200000 އެއްހާ ރުފިޔާ، ތަސްމީންގެ ކޮއްކޮ ނާޝިޒު މެދުވެރި ކުރައްވައި، އަޅުގަނޑުގެ ފިރިމީހާ ނަދީމްއާ ހަވާލު ކުރެއްވި. މީގެ އިތުރުން ތަސްމީން ކޮށްދެއްވި އަނެއް ކަމަކީ އަޅުގަނޑުމެން އޭރު ތައްޔާރުކުރި މެނިފެސްޓޯ ލީފްލެޓެއްގެ ގޮތުގައި ޗާޕްކުރަން ވެގެން، ނާޝިޒާ ވާހަކަ ދެކެވިގެން ސީޕްރިއާ ޕްރިންޓުން ޗާޕްކޮށްދެއްވީ. މިއަށް ދާނީ ގާތްގަނޑަކަށް ލައްކައެއްހާ ރުފިޔާ. އެހެންވީމަ ތިން ލައްކަ ރުފިޔާގެ ވާހަކަ މި ދައްކަނީ، މިއީ (ތަސްމީން އަތުން) އަޅުގަނޑުމެންނަށް އަތަށް ލިބުނު ފައިސާ އަކީ އަޅުގަނޑަށް އެނގިގެން. މިއަށް ވުރެ އިތުރު އެއްޗެއްގައި ނޯންނާނެ އަޅުގަނޑު ނޫނިއްޔާ އަޅުގަނޑުގެ ފިރިމީހާ ވެސް ހަވާލުވެފައި. އެހެންވީމަ މި ފައިސާ މިއީ ހައިރާންވާ ވަރުގެ އަދަދަކަށް ވެފައި ނޫނިއްޔާ ގިނަ އަދަދެކޭ ވިދާޅުވަނީ ހަގީގަތުގައި އޮޅުވާލުމެއްހެން.
އަދި ފަހަކަށް އައިސް ތަސްމީންގެ ފެކްޝަނުން ޔުމްނާ އާއި ދެކޮޅަށް ވާހަކަ ދައްކަމުން އަންނަނީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ތަސްމީން ކުރާ ކަންތައްތައް ފާހަގަކޮށް ފާޅުގައި އެވާހަކަ ދައްކާތީ ކަމަށެވެ.
"އަޅުގަނޑު ބަލާނީ މިއީ ޒާތީ ގޮތުން އަޅުގަނޑުމެންނާ ދިމާލަށް އައި ކަމެއް ކަމަށް،" ޔުމްނާ ވިދާޅުވި އެވެ.