ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖާފަތަށް ކުރި ހަރަދާ އަޅާބަލާއިރު "ފެންވަރު" ދަންވި މައްސަލަ ފެންމަތިވެފައި ވަނިކޮށް، އެ ޖާފަތާމެދު ކުރެވޭ ކޮރަޕްޝަންގެ ތަހުގީގު އަންނަ ހަފްތާގައި ނިންމާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފި އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު 'ސަން'އަށް ވިދާޅުވީ ޖާފަތް އިންތިޒާމް ކުރުމުގެ ތެރޭގައި ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ހިމެނިފައިވޭތޯ ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި އެ މައްސަލަ ނިންމައި އަންނަ ހަފްތާގެ ތެރޭގައި ގޮތެއް ނިންމަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މައްސަލަ ބަލަމުން މި ގެންދަނީ، އެހެންވެ އެކަމާ އެއްޗެއް ދަންނަވަން ދަތި، އަންނަ ހަފްތާގައި ގޮތެއް ނިންމާނަން އެ މައްސަލާގައި،" ލުތުފީ ވިދާޅުވި އެވެ.
ބޮލަކަށް 8000 ރުފިޔާގެ މަގުން 800 މީހުންގެ އެ ޖާފަތަށް 6.4 މިލިއަން ރުފިޔާ އަރާއިރު ޖީއެސްޓީއާ އެކު އެ ބިލަށް އަރާފައިވަނީ ހަތް މިލިޔަން ރުފިޔާ އެވެ. އެހެން ނަމަވެސް އެޑްވާންސްކޮށް ދައްކާފައި ވަނީ ހަ މިލިޔަން ރުފިޔާ ކަން ސަން އަށް ވަނީ އެނގިފަ އެވެ.
ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖާފަތް ނިއުޕޯޓުން އިންތިޒާމްކޮށްފައިވާއިރު އެ ޖާފަތާ މެދު ބޭރުގެ އިއްޒަތްތެރިންގެ އިތުރުން ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރުންގެ މެދުގައި ވެސް ވަނީ ވަރަށް ހޫނު ބަހުސަކަށް އެ ޖާފަތްވެފަ އެވެ.
ހުދު ރައީސުލް ޖުމްހޫރިއްޔާ ވެސް ވަނީ އެ ޖާފަތާ މެދު ހިތް ހަމަނުޖެހިވަޑައިގެން އެ ވާހަކަ ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ވައިބާގައި އެވާހަކަ ވިދާޅުވެފަ އެވެ.
ޕީޕީއެމްގެ އިސް އޮފިޝަލަކު މިއަދު 'ސަން' އަށް ވިދާޅުވީ ޖާފަތުގެ ކަންކަން އިންތިޒާމްކުރުމުގައި ކޮރަޕްޝަންގެ އެެއްވެސް އަމަލެއް ހިނގާފައިވޭތޯ ބެލުމަށް ރައީސް އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި ޖާފަތުގެ މައްސަލަ އެހާ ހޫނުވީ ނިއުޕޯޓުން އެ ފެންވަރުގެ ޖާފަތެއް އިންތިޒާމް ކުރީ ސަރުކާރުން ތައްޓާއި ކަޓްލަރީޒް (އޫ،ސަމްސާ) ފަދަ ތަކެތި ހިލޭ ފޯރުކޮށްދީފައިވަނިކޮށް ކަމަށެވެ.
"ބޮލަކަށް 8000 ރުފިޔާގެ މަގުން މި ބޭއްވި ޖާފަތަކީ ވަަރަށް ދަށް ފެންވަރުގެ ޖާފަތެއް، އަނެއް ކޮޅުން އެ އަގުގައި ޖާފަތް އިންތިޒާމް މުކުރީ ތައްޓާއި ހުރިހާ ކަޓްލަރީޒެއް ސަރުކާރުން ހިލޭ ފޯރުކޮށްދީފައިވަނިކޮށް،" ނަން ނުޖެހުމަށް ސަރުތުކޮށް އޭނާ ވިދާޅުވި އެވެ.
ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު މިއަދު ވިދާޅުވީ އެ މައްސަލާ ސީދާ ރައީސް އޭސީސީއަށް ހުށަހެޅުއްވި ކަމެއް އެނގިވަޑައިނުގެންނަވާ ކަމަށެވެ. ނަމަވެސް ކޮރަޕްޝަނަށް ޝައްކުކުރެވޭ ވަރުގެ ކަމެއް ވިޔަސް މިސަރުކާރުން އެކަމެއް ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.