ގައުމީ ފިލްމް އެވޯޑަށް ނަން ހުށަހެޅުމަށް ހުޅުވާލައިފައިވާ މުއްދަތު އިތުރުކޮށްފި އެވެ.
ނޭޝަނަލް ސެންޓާ ފޯ ދަ އާޓްސް އިން ބުނީ އެ އެވޯޑަށް ކުރިމަތިލުމަށް މިދިޔަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ހުޅުވާލާފައިވާ އެ ފުރުސަތު އަންނަ މަހުގެ 20 ވަނަ ދުވަހުގެ 15:00 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.
އެންސީއޭގެ އެގްޒެކެޓިވް ކޯޑިނޭޓަރު އަބްދުﷲ މުއާޒު މިއަދު 'ސަން' އަށް ވިދާޅުވީ މުއްދަތު އިތުރުކުރީ ފާއިތުވި މަހު ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އައުމުން ކަމަށެވެ.
މި އެވޯޑް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އޮކްޓޯބަރު މަހުގެ 15 ގަ އެވެ.
މި ފަހަރުގެ އެވޯޑުގައި ބައިވެރި ކުރަނީ 2008 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރުގެ ނިޔަލަށް ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަންގައި ރަޖިސްޓްރީކޮށްފައިވާ ފިލްމްތައް އެކަންޏެވެ.
ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންގެ އަގުވަޒަންކޮށް ހިތްވަރު ދިނުމަށް ބާއްވަމުން އައި އެ އެވޯޑުގައި މި އަހަރު ޖުމްލަ 33 ކެޓަގަރީއެއް ވަނީ ހިމަނާފަ އެވެ. އޭގެެތެރޭގައި ފިލްމްތަކުގައި ހިމަނާފައިވާ މިއުޒިކް ބައިން ދެވޭ އެވޯޑްތައް ވެސް ހިމެނެ އެވެ.
ގައުމީ ފިލްމް އެވޯޑު އެންމެ ފަހުން ދީފައި ވަނީ 2008 ވަނަ އަހަރު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގަ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ވަނީ ފިލްމް އެވޯޑް ދިނުން ވަނީ ހުއްޓާލާފަ އެވެ.