ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ޕާޓީ ހިންގެވުމުގައި މިހާރު ވެސް ޢަމަލު ކުރެއްވަމުން ގެންދަވާ "ޚުދުމުހުތާރު ގޮތުން" ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިޚާބުވެ ވަޑައިގެންފި ނަމަ ގައުމުގެ ރައްޔިތުންނަށް ދިމާވެދާނެ ކަންތައްތަކާ މެދު ފުންކޮށް ވިސްނަން ޖެހިފައިވާ ކަމަށް ވިދާޅުވެ އެ ޕާޓީގެ ޒައީމް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމްގެ ސިޓީފުޅެއް ތަސްމީނަށް ފޮނުއްވައިފި އެވެ.
ބާރަ ސޮފްހާގެ އެ ސިޓީގައި ޒައީމް މައުމޫން ވަނީ ތަސްމީން ޢަމަލު ކުރައްވަމުން ގެންދަވާ ޚުދުމުހުތާރު ގޮތުން މައުމޫން އަޅުއްވަން ޖެހޭ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ. އަދި މައުމޫން ވަނީ އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާ އަށް ތަސްމީން ހައްދަވުމުން ގެންދަވާ ދެރަވަރުގެ ގޮތުގެ ތަފްސީލް ލިޔުއްވައިފަ އެވެ.
އެގޮތުން އާންމު އިންތިޚާބުގެ ތެރޭގައި ލީޑަރު ތަސްމީންގެ އާއިލާގެ ފަސް ބޭފުޅަކަށް ތާއީދު ހޯއްދަވައި ދެއްވުމަށްޓަކައި ކެމްޕެއިން ކުރެއްވި ނަމަވެސް ޣައްސާން މަޢުމޫނަށް ތާއީދު ހޯއްދަވައި ދެއްވުމަށް ތ. އަތޮޅަށް ވަޑައިގެން ދެއްވުމަށް ތަސްމީން އަރިހުގައި ދެންނެވުމުން ވެސް ވަޑައިގެންފައިނުވާ ކަމަށް މައުމޫން ވިދާޅުވެފައިވެ އެވެ.
އަދި 2009 ވަނަ އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ރޭ ގާނޫނާއި ގަވާއިދާ ޚިލާފަށް މައުމޫން ފުލުސް އޮފީހަށް ހާޒިރު ކުރެއްވެވި ރޭ ތަސްމީން އަލިވާގޭގައި ހުންނަވާފައި އޭރުގެ ހޯމް މިނިސްޓަރު މުހައްމަދު ޝިހާބުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަންގަވަން އޭގެ އަނެއް ދުވަހު މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އެކަން ވަނީ ހަނދުމަފުޅު ނައްތަވާލަފައި ކަމަށް މައުމޫން ވިދާޅުވެފައިވެ އެވެ. އަދި މިހާރު އިނގިރޭސި ވިލާތުގެ ޕްބަލިކް ރިލޭޝަން ކުންފުންޏެއްގެ ލަފާގެ މަތިން މައުމޫންގެ ގަދަރު ކުޑަ ކުރެއްވުމަށް މަސައްކަތް ކުރައްވާކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވެސް އެސިޓީގައި ވިދާޅުވެފައިވެ އެވެ.
ރިޔާސީ ކެމްޕެއިނަށް ޚަރަދުވި، 33 މިލިއަން ރުފިޔާގެ ތެރެއިން ތަސްމީން ޚަރަދު ކުއްރަވާފައި ވަނީ ތިން ލައްކަ ރުފިޔާ ކަމަށް ވެސް މައުމޫން ލިޔުއްވާފައިވެ އެވެ. އެވާހަކަ ވެސް މައުމޫންގެ އިސްތަށިފުޅުގައި ދޮގު އިލްޒާމްތަކެއް އަޅުއްވައި ތަސްމީންގެ އަރިހުގައި ތިއްބެވި ބޭފުޅުން މީޑިއާގައި ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށް ވެސް އެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
ތަސްމީނަށް ފާޑު ވިދާޅުވަމުން މައުމޫން ވަނީ ތަސްމީން ޚުދުމުހުތާރުކޮށް ޕާޓީ ހިންގެވުމުގައި ކުރައްވާ ކަންތައްތައް ހާމަ ކުރައްވައިފަ އެވެ. އެގޮތުން ކައުންސިލްގެ ޖަލްސާތައް ބޭއްވުމަށް ކަނޑައަޅާފައިވާ ދުވަސްތަކުގައި އެތައް މަހެއް ފާއިތު ވެގެން ދާއިރު ވެސް ޖަލްސާތައް ނުބާއްވާ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ވޭތުވެދިޔަ 11 މަސް ދުވަހުގެ ތެރޭގައި 49 ޖަލްސާ ބާއްވަން ޖެހޭ އިރު ބޭއްވިފައި ވަނީ ކައުންސިލްގެ އެންމެ 14 ޖަލްސާ ކަން ވެސް ވަނީ ފާހަގަ ކުރައްވައިފަ އެވެ. އަދި ކައުންސިލްގެ މަޝްވަރާ ހޯއްދެވުމަކާ ނުލައި ޕާޓީގެ ލީޑަރު ތަސްމީން އަމިއްލަފުޅަށް ޕާޓީގެ ވަރަށް ގިނަ ކަންތައްތަކެއް ނިންމަވައިގެން އަދި ކައުންސިލްގެ ނިންމުންތަކަށް ހުރަސް އަޅުއްވައިގެން އެފަދަ ހުރިހާ މަސައްކަތްތަކެއް ހުއްޓުވުފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.
ކައުންސިލްގެ ޖަލްސާތަކަށް ޕާޓީގެ ލީޑަރު ވަޑައިގެންނަވަނީ ޖަލްސާ ބޭއްވުމުގެ ކުރިން ކައުންސިލްގެ މެމްބަރުންނާ ގުޅުއްވައި މެމްބަރުންގެ ވޯޓު ހަމަ ކުރައްވައިގެން ކަމަށް ވުމުން، ޕާޓީގެ އެކި ގުނަވަންތަކަށް މަޖުބޫރު ވެގެން އެކި މައްސަލަތައް ނިންމަމުން ގެންސްގޮސްފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.
މައުމޫންގެ އެ ސިޓީގައި ވިދާޅުވެފައި ވަނީ "ކައުންސިލްގެ ޖަލްސާތަކުގެ އެޖެންޑާ އޮންނަ ދުވަހެއްގެ ތިން ދުވަސް ކުރިން ކައުންސިލްގެ މެމްބަރުންނަށް ލިބެންވާނެ ކަމަށް ކައުންސިލްގެ ގާވާއިދުގައި އޮންނަ އިރު، ގަވާއިދާ އެއްގޮތަށް ޢަމަލު ކުރެއްވުމަށް އެދި ކައުންސިލް މެމްބަރުން ލިޔުމުން ދަންނަވާފައި ވަނިކޮށް ވެސް، އެކަން އެގޮތަށް ނުކުރައްވާ" ކަމަށެވެ. އަދި "ގިނަ ފަހަރަށް ކައުންސިލްގެ ޖަލްސާގެ އެ ޖެންޑާ މެމްބަރުންނަށް ފޮނުވަނީ ޖަލްސާ ބާއްވާ ދުވަހުގެ ކުރީރޭ ނުވަތަ ކުރީ ދުވަހު" ކަމަށް ވެސް މައުމޫން ވިދާޅުވެފައިވެ އެވެ.
އެކަމުގެ މިސާލެއްގެ ގޮތުން މައުމޫން ވިދާޅުވެފައި ވަނީ ދާދި ފަހުން ޕާޓީގެ ފަރާތުން އިޢުލާން ކުރި "ކޮފީ ވިތު ޑީއާރުޕީ" ޕްރޮގްރާމަކީ އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސަކަށް ވެސް އަދި ޒުވާނުންގެ ކައުންސިލަށް ވެސް އެއްވެސް މައުލޫމާތެއް ދެއްވުމެއް ނެތި ހިންގަމުން ގެންދަވާ ޕްރޮގްރާމެއް ކަމަށާއި ލޯކަލް ކައުންސިލްތަކަށް ކުރިމަތިލި އަންހެން ކެންޑިޑޭޓުންނަށް ތާއިދު ހޯއްދަވައި ދެއްވުމަށް އެހީތެރިވެ ވަޑައިގަތުމަށް އަންހެނުންގެ ގޮފިން ޑީއާރުޕީގެ އަންހެން މެމްބަރުންގެ ލިސްޓެއް ހޯދުމަށް އަންހެނުންގެ ގޮފީގެ ފަރާތުން އެދުމުން ވެސް ވަގުތު ފާއިތު ވަންދެން އެ ލިސްޓު ނުދެއްވައި ހިފަހައްޓަވާފައި ކަމަށް ވިދާޅުވެފައިވެ އެވެ.
އޭގެ ސަބަބުން "ދިވެހި ރައްޔިތުންނަށް އެތައް ދަތިތަކެއް ކުރިމަތިވެ އެތައް ބުރަތަކެއް ތަހައްމަލް ކުރަންޖެހިފައިވާ އިރު، އެކަންތައްތަކާ އަޅުގަނޑު އާޅާނުލާ ހަނުހުންނަ ކަމުގައިވާ ނަމަ، ބެލެވެނީ އެފަދަ ކަން ކަމަށް އަޅުގަނޑު ވެސް ތާއީދު ކުރާ ކަމަށް" ކަމަށް މައުމޫން ވިދާޅުވެފައިވެ އެވެ.
ޕާޓީގެ ގިނަ މެމްބަރުންތަކެއް ލީޑަރު ތަސްމީނާ މެދު ހިތް ހަމަނުޖެހޭ ކަން ފާހަގަ ކުރައްވަމުން ޒައީމް މައުމޫން ވިދާޅުވެފައި ވަނީ ގައުމަށާއި ރައްޔިތުންނަށް ގެއްލުން ހުރި ގޮތަށް ކުރަމުން ގެންދާ ކަންތައްތައް ހުއްޓުވައި އެކަންތަކަށް ސަރުކާރު ޖަވާބު ދާރީކުރުވައި ޒިންމާދާރު ކުރުވުމަށް އެކަށީގެންވާ ވަރާ ގާތަށް ވެސް ޑީއާރުޕީން މަސައްކަތް ކުރަމުން ނުދާ ކަމަށެވެ.
އެގޮތުން މައުމޫން ފާހަގަ ކުރައްވާފައި ވަނީ "ބައެއް ސިޔާސީ ގާނޫނާ ޚިލާފަށް ހައްޔަރުކޮށް އެކަހެރި ކުރުމާއި، ފަނޑިޔާރުން ތިއްބަވާ ގޭގެ ދޮށަށް އެމްޑީޕީގެ އެކްޓިވިސްޓުން ފޮނުވައިގެން ބިރުދެއްކުމާއި، ސުޕްރީމް ކޯޓުގައި ތަޅުއެޅުވުމާއި، ޖުޑީޝަލް ކޮމިޝަން ހިސޯރު ކުރުމާއި އިންތިޚާބުތަކަށް ސަރުކާރުގެ ނުފޫޒު ފޯރުވުމާއި، ވޯޓު އޮޅުވާލުމާއި، ސަރުކާރާއި ސަރުކާރު ހިއްސަވާ ކުންފުނިތަކުގައި ތިބޭ މުވައްޒަފުންގެ ތެރެއިން ޑީއާރުޕީގެ މެމްބަރުންނަށް ބިރުދެއްކުމާއި، ވާޒީފާ އިން ވަކިކުރުމާއި، އެމްޑީޕީ އަށް ސޮއި ކުރުމަށް މަޖުބޫރު ކުރުވުމާއި، މާލިއްޔަތު ގާނޫނަށް ގެނައި އިސްލާހާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ ރުހުމެއް ނުހޯދައި ބޭރުގެ ފަރާތަކަށް މާލޭ އިންޓާނޭޝަނަލް އެއާޕޯޓު ދިގު ދިގުމުއްދަތަކަށް ކުއްޔަށްދިނުމާއި، އެމްބީސީގެ ގާނޫނަށް ސަރުކާރުން ޢަމަލު ނުކޮށް ސަރުކާރުގެ މީޑިއާގެ ވަސީލަތްތައް ސަރުކާރު ބޭނުންވާހާ ގޮތަކަށް ބޭނުންކުރަމުން ދިޔުމާއި، ޓެންޑަރ ކުރުމަށް ހަމަޖެހިފައިވާ އުސޫލުތަކާ ގަވާއިދާ ޚިލާފަށް ސަރުކާރުގެ ބޮޑެތި މަސައްކަތްތައް އެމްޑީޕީގެ މީސްމީހުންނާއި ހަވާލުކުރަމުން ގެންދިޔުމާއި، ވަޒީރު ކަމަށް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ލިބިވަޑައިނުގެން ތިއްބެވި ބޭފުޅުން މިނިސްޓަރުންގެ ބާރާއެކު އެ ބޭބޭފުޅުންގެ މަގާމުތަކުގައި ދެމިތިއްބެވުމާއި، މިފަދަ ގާނޫނާ ޚިލާފު އެތައް އެތަށް ކަމެއް ސަރުކާރުން ކުރަމުން ގެންދާއިރު ވެސް، ޑީއާރުޕީގެ ފަރާތުން ސަރުކާރާ ދެކޮޅަށް އަޑުއުފުލައި، ސަރުކާރަށް ޕްރެޝާ ކުރުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމަށް އެކަށީގެންވާ މަސަކަތެއް ކުރަމުން ނުގެންދާ" ކަމަށެވެ.
އެ ސިޓީގައި މައުމޫން ވިދާޅުވެފައި ވަނީ މިހާތަނަށް އެއްވެސް ކަމެއްގައި ތަސްމީން އިސްވެ މައުމޫނާއި މަޝްވަރާ ކުރައްވާފައި ނުވާ ކަމަށެވެ. އަދި އުމަރު ނަސީރުގެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވުމުން އެ މައްސަލަ އަނބުރާ ގެންދިއުމަށް ފެންނަ ކަމަށް ތަސްމީނަށް އެސްއެމްއެސް އަކުން ދެންނެވުމުން ވެސް ތަސްމީން "ރުންކުރު ގޮތަކަށް" ޖަވާބު ދެއްވީ "އައުޓް އޮފް ދަ ކުއެޝަން" ކަމަށް ކަމަށެވެ. އަދި ރައީސް ނަޝީދު މައުމޫނަށް "މަރުގެ އިންޒާރު" ދެއްވުމާ ވިދިގެން އެކަމާ ނުރުހުން ފާޅުކުރުމަށް ޑީއާރުޕީގެ މެމްބަރުން ބޭއްވި ބައްދަލުވުމަށް ތަސްމީން ވެސް އަދި އާއިލާގެ ބޭފުޅަކު ވެސް ގޮސްފައިނުވާ ކަމަށް ވެސް ވަނީ ވިދާޅުވެ ފަ އެވެ.
އަދި ޒައީމް މައުމޫން މާލެ ވަޑައިގެންނަވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށް ހދ. ހަނިމާދޫގައި ޑީއާރުޕީގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ޖަލްސާ ބޭއްވިކަން ވެސް ވަނީ މައުމޫންގެ އެ ސިޓީގައި ފާހަގަ ކުރައްވައިފަ އެވެ.
ޑީއާރުޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ކަންކަން ހިނގަމުންދާ ގޮތަށް އަލި އަޅުވާލައްވަމުން މައުމޫން ވިދާޅުވީ ޑީއާރުޕީ އަކީ އެންމެ ބޮޑު އިދިކޮޅު ޕާޓީ އަށް ވެފައި އަދި އެންމެ މެމްބަރުން ވެސް ގިނަ ޕާޓީ އަށް ވީ އިރު މަޖިލީހުގެ ބައެއް މުހިންމު ވޯޓުތަކުގައި ތަސްމީން ވިޕް ނެރުއްވަނީ މަޖިލީހުގެ ތަޅުމުގައި އެ ވޯޓް ނެގުމަށް މަދު މިނެޓް ކޮޅަކަށް ވެފައި ވަނިކޮށެވެ. އެގޮތުން ވިދާޅުވެފައި ވަނީ "ޓޫރިސްޓު ރިޒޯޓްތަކުގެ ކުލީގެ މުއްދަތު 50 އަހަރަށް އިތުރުކުރުމަށް ނެގި ވޯޓުގެ ކުރިން، އެކަމާ މެދު ޕާލިމެންޓްރީ ގްރޫޕުން ގޮތެއް ނިންމުމާއި ވިޕެއް ނެރުމާ މެދު ކުރި މަޝްވަރާ އެއްގައި، އެކަމަކީ މަނިކުފާނުގެ އަމިއްލަ މަސްލަހަތު ހިމެނޭ ކަމެއް ކަން އެނގިވަޑައިގެން ހުންނަވާ، ރިޔާސަތުގައި އިންނަވާފައި ޕާޓީގެ އަސާސީ ގަވާއިދުގެ 110 ވަނަ މާއްދާއާ ކަނޑައެޅިގެން ޚިލާފަށް އަދި ޑިމޮކްރަސީގެ އުސޫލުތަކާ ވެސް ޚިލާފަށް، އަމިއްލަފުޅަށް ވޯޓު ދެއްވި" ކަމަށެވެ.
އެ ސަބަބުތައް ބަޔާން ކުރައްވައި މައުމޫން ތަސްމީނަށް ފޮނުއްވި ސިޓީ ނިންމާވާލައްވާފައި ވަނީ ދިވެހިންގެ އިސްލާމީ އަޤީދާ އާއި ދިވެހިރާއްޖޭގެ މިނިވަން ކަމާއި އަމިއްލަ ވަންތަކަން ރައްކާތެރިކޮށް، ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި އަޅަން ޖެހޭނެ ކަމަށް ފެންނަ ފިޔަވަޅުތައް އަޅުގަނޑު އަޅަމުންދާނެ ކަމަށް ވަނީ ވިދާޅުވަމުން ނެވެ.