ފުރިހަމަ މިިނިވަންކަން ދަމަހައްޓަން އިގްތިސާދީ ގޮތުން ފުދުންތެރިވާން ޖެހޭ

މިނިވަން 50އާ ގުޅުވަގެން، މާލޭގެ މަގުތަކުގައި ބޭއްވި ފުޅަނދު ބުރުގެ ތެރެއިން -- ސަންފޮޓޯ/ އަލީ ނަސީރު

މިނިވަން 50ގެ އުފާ ދިވެހި ރައްޔިތުން ލިބިގަންނަމުންދާއިރު ވިސްނުން ބަހައްޓަން ޖެހޭ އެންމެ މުހިއްމު އެއް ކަމަކީ މި މިނިވަންކަން ދެމެހެއްޓޭނީ ކިހިނެއްތޯ ދެނެގަތުމުގަ އެވެ. ދުނިޔޭގެ ކުރީގެ ތާރީޚަށް ބަލާއިރު ގައުމުތައް އަޅުވެތިކުރީ ކަނޑިބަޑިން ހަނގުރާމަކޮށްގެންނެވެ. ބާރާއި ނޫފުޒު ތަމްސީލްކުރާ އެއްޗަކަށް ހެދީ ހަތިޔާރެވެ. ގައުމުގެ ހައިބަތު ދައްކުވައިދޭ އެއްޗެއް ކަަމަށް ގަބޫލުުރީ އަސްކަރީ ބާރާއި ކުޅަދާނަ ކަމެވެ.

މިއަދު ވެސް ދުނިޔޭގައި ހަނގުރާމަތައް އެބަހިނގަ އެވެ. އެހެންނަމަވެސް އަޅުވެތިކުރުމަށް މިހާރު ބޭނުންކުރާ އަސާސީ ވަސީލަތް މިވަނީ ތަފާތުވެފަ އެވެ. ބަވަނަވަމުންދާ އަދުގެ ދުނިޔޭގައި ގައުމުތަކަށް ނުފޫޒް ފޯރުވުމަށް ބޭނުންކުރާ އެއްޗަކީ އިގްތިސާދެވެ. ފައިސާ އާއި ވިޔަފާރި އާއި މާލީ ނިޒާމްތަކެވެ. މީގެ ހެކި ފެންނަން އެބަހުއްޓެވެ. އިރާން އާއި އެމެރިކާ އާ ދެމެދު އުފެދިފައިވަ ޒާމާންވީ ހަތުރުވެރިކަމުގައި އެމެރިކާ ބޭނުންކުރީ ޒަމާނީ ޓޭންކަރާއި ޑްރޯން ހަމަލާތަކެއް ނޫނެވެ. އިގްތިސާދީ ގޮތުން އިރާން ނިކަމެތިކޮށްލުމަށް ވިޔަފާރީގެ ދަތިކުުރުމުގެ ފިޔަވަޅުތައް އެޅީ އެވެ.

މިނިވަން، 'އަޅުވެތި' ގްރީސް

އެ ގައުމެއްގެ ވާހަކަ މިހާރު މީޑިއާގައި އެންމެ ބޮޑަށް ދެކެވޭ އެއް ގައުމަކީ ގްރީސް އެވެ. މިނިވަން މުސްތަގިއްލު ގައުމެކެވެ. ތާރީޚީގޮތުން ފަޚުރުވެރިވާން ޖެހޭ ކަންތައްތައް ހުރި މުޅި ދުނިޔެއަށް އިލްމު ފެތުރުމަށް މުހިއްމު ދައުރެއް އަދާކުރި ގައުމެކެވެ. އެހެންނަމަވެސް މިއަދު ޔޫރަޕްގެ އެހެން ގައުމުތައް ކުރިމަތީ ކުޑަކަކޫ ޖަހަން ޖެހުނީ ގައުމުގެ ދަރަނި ބޮޑުވެ އިގްތިސާދީ ބާރު ކެނޑުމުންނެވެ. މިއަދު ގްރީސް ވަނީ މިނިވަން ގައުމެއްގެ ގޮތުގައި އޮވެ އިގްތިސާދީ ގޮތުން އަޅުވެތިވެފަ އެވެ.

ދިވެހި ގައުމުގެ ތާރީޚަށް ބަލާއިރު ވެސް އިގްތިސާދީ ގޮތުން ރާއްޖެ އަށް ނުފޫޒް ފޯރުވަން މަސައްކަތްކޮށްފައި ހުރިކަން ތާރީޚުން ހެކިދެ އެވެ. އެއްމެ ފާހަގަކޮށްލެވެނީ ވޯރާ ވިޔަފާރިވެރިންނެވެ. ވޯރާ ވިޔަފާރިވެރިން ރާއްޖެ އައިސް، މާލޭގައި ވިޔަފާރިކުރަން ތިބުމުގެ ހުއްދަ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (4) ދެއްވީ 1857 ވަނަ އަހަރު އެވެ. އޭގެ ފަހުން އަހަރުތަކެއް ނުވަނީސް ސަރުކާރުގެ އިގްތިސާދީ ސިޔާސަތަށް ފާޅުގައި ދެކޮޅު ހަދަން ފެށި އެވެ.

އިންޑިއާގެ ވޯރާ ވިޔަފާރިން 'ކަޅު ފައިސާ' ބޭނުންކޮށްގެން އެ މީހުން ބޭނުންވާކަންތައްތައް ކުރުމަށް މަސައްކަތް ކުރި އެވެ.

މިނިވަންކަމުގެ ފުރިހަމަ އިހްސާސްކުރެވޭނީ އިގްތިސާދީ ފުދުންތެރިބަޔަކަށް ވެގެން

މިނިވަން ދުވަހުގެ ރަސްމީ ދަރުބާރުގައި ގައުމާއި މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ވިދާޅުވީ ގައުމަކަށް ލިބިފައިވާ މިނިވަންކަމުގެ އަގު އެއްމެ ފުރިހަމައަށް ވަޒަންކުރެވޭނީ އެ ގައުމެއްގައި އިގްތިސާދީ ފުދުންތެރިކަން ގާއިމުކުރެވި އެކަމުގެ މަންފާ ގައުމުގެ އެންމެހާ ރައްޔިތުންނަށް ލިއްބައިދެވިގެން ކަމަށެވެ.

"ޝައްކެއްނެތްގޮތުގައި، ޤައުމެއްގައި އިޖުތިމާޢީ ހަމަޖެހުން ގާއިމުކޮށް، އިޖުތިމާޢީ ގޮތުން ރައްޔިތުން ބާރުވެރިކޮށް، އުފާފާގަތި ދިރިއުޅުމެއް ރައްޔިތުންނަށް ކަށަވަރު ކޮށްދެވޭނީ އިޤްތިޞާދީ ފުދުންތެރިކަން ރައްޔިތުންނަށް ހޯދައިދެވިގެން،" ރައީސް ޔާމިން ވިދާޅުވި އެވެ. އެ ރަސްމިއްޔާތުގައި ރައީސް ޔާމިން ވަނީ އިގްތިސާދީ ކަންތަައްތަކުގެ ތެރެއިން ނުފޫޒު ފޯރުވަމުންދާ ކަަމަށް ފާޅުގައި ވިދާޅުވެފަ އެވެ.

މިނިވަން 50ގެ ރަންޔޫބިލް ފާހަގަކުރުމުގެ ދަރުބާރުގެ ތެރެއިން --- ރައީސް އޮފީސް

އެ ނުފޫޒޒްތައް ކުޑަކުރެވޭނެ ގޮތަކީ އިގްތިސާދީ ލާމެހުން އިތުރުކޮށް ކުރިއަރާފައިވާ ގައުމުތަކުގެ ބޮޑެތި ކުންފުނިތައް ރާއްޖެ ގެނެސް ގެން ކަމަށާއި މަލްޓިނޭޝަނަލް ކުންފުނި ގިނަވުމަކީ 'މިނިވަން ކަމަށް އަންނަ ނުރައްކާ އެތައް ގުނައަކުން ކުޑަވެގެންދާނެ ކަމެއް' ކަަމަށް ރައީސް ވިދާޅުވި އެވެ.

އިގްތިސާދީ ބާރުވެރިކަމަކީ ދައުލަތެއްގެ ނިސްބަތުންނާއި ފަރުދެއްގެ ނިސްބަތުން ވެސް ވަރަށް މުހިއްމު އެއްޗެއްކަމަށާއި ބައިނަލްއަގުވާމީ މަސްރަހުގައި ބަސްވިކޭނީ އިގްތިސާދީގޮތުން ކުރިއަރައިގެން ކަަމަށް ރައީސް ޔާމިން ގަބޫލުކުރައްވަ އެވެ.

ދިވެހިވަންތަ ކަމާއެކު ބަވަނަވުން

މިނިވަންކަމަށް 50 އަހަރު މިފުރުނީ 21 ވަނަ ގަރުނުގެ ވަރަށް ތަހުޒީބު މުޖްތަމައުއަކަމަށާއި ވިޔަފާރި އާއި އިގްތިސާދީ ގޮތުން ދުނިޔެ ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި އެވެ. ބަވަނަވަމުންދާ ދުނިޔޭގައި ދިވެހިން ވެސް އިގްތިސާދީގޮތުން ކުރިއަށްދާން ޖެހޭ ކަމަށާއި އަދި އެގޮތަށް ކުރިއަށް ދިއުމުގައި ދިވެހިންވަންތަކޮށް އަމިއްލަ ފުދުންތެރިކަން އިތުރުކުރަން ޖެހޭ ކަަމަށް ސައީދު ވިދާޅުވި އެވެ.

ޗައިނާ އާއި ރާއްޖެ އާއި ދެ ގައުމުގެ ދެމެދުގައި ހިލޭ އެހީތެރިކަން ފޯރުކޮށް ދިނުމުގެ އެއްބަސްވުމުގައި ސޮއި ކުރި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ އިބްރާހިމް މުއާޒު އަލީ

"އޭގެ އަސްލު މަންފާ ރާއްޖެ އަށް ފެންނާނެ، އަދި ފެންނަ މަންފާ އާއި ލިބޭ ނަފާގެ އަސްލަކަށް ވެގެންދާނީ އަޅުގަނޑުމެން އަޅުގަނޑުމެންގެ އަމިއްލަ މިނިވަންކަންމަތީ ހަރުދަނާކޮށް ބައްޓަންކުރެވި އަޅުގަނޑުމެން ޕޮޒިޝަން ޑިފައިން ކުރެވި އަންނަން އޮތް ޖީލުތަކަށް ރާއްޖެ ގެންގޮސްދީގެން،" ސައީދު ވިދާޅުވި އެވެ.

ދިވެހިންނަށް މިވަގުތު ލިބިފައިވާ އެންމެ ބޮޑު އެއް ނަސީބަކީ ވަރަށް ވިސްނުންތެރިކަމާ އެކު ރާއްޖޭގެ ނިންމުންތައް ނިންމާ ސަރުކާރުން އޮތުން ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ދައުލަތަށް ލިބޭ އާމްދަނީ ދެކޮޅު ޖެއްސުމުން ނުފޫޒް ނުފޯރުވޭ

އިކޮނަމިކް މިނިސްޓަރު ކަމާއި ފިނޭންސް މިނިސްޓަރު ކުރައްވާފައިވާ އަހުމަދު އިނާޒް ވިދާޅުވީ ދައުލަތަށް ލިބޭ އެއްޗަކުން ދައުލަތުގެ ޚަރަދު ފޫބެއްދުމަކީ އިގްތިސާދީ ގޮތުން ވަަރަށް މުހިއްމު ކަމެއް ކަމަށެވެ.

"އެހެން ދައުލަތަކަށް ބަރޯސާނުވެ އެހެން ގައުމަކަށް ނޫނީ އެހެން މިސާލަކަށް މަލްޓިނޭޝަނަލް ބޮޑެތި ކުންފުނިތަކަށް މުޅި އިގްތިސާދު ބަރޯސާނުވެ ވީހާވެސް ފުޅާދާއިރާއެއްގައި ގިނަ ވިޔަފާރިތަކުގެ މައްޗަށް އެކުލެވޭ ނިޒާމެއްގެ ތެރެއިން ޚަރަދުތައް" ބެލެހެއްޓޭ ނަމަ އެހެން ގައުމަކަށް ބަރޯސާވާން ނުޖެހޭނެ ކަމަށް އިނާޒް ވިދާޅުވި އެވެ. މިހާރު ނިއުޒިލެންޑްގައި އިގްތިސާދީ ދާއިރާއިން ޕީއެޗްޑީ އަށް ކިޔަވަމުންދާ އިނާޒް ވިދާޅުވީ ދައުލަތުގެ ޚަރަދުތައް އަމިއްލަ އަށް ފޫބެންދޭ ނަމަ އެހެން ގައުމެއްގެ ނުފޫޒް އެގައުމަކަށް ނުކުރާނެ ކަަމަށެވެ.

އަމާޒަކީ ފުދުންތެރިވުން

ގައުމަކީ ކިތައްމެ ކުޑަ ގައުމަކަށް ވިޔަަސް އަދި ކިތައްމެ ބޮޑު ގައުމަކަށް ވިޔަސް އިގްތިސާދީ ފުދުންތެރިކަމަކީ ވަރަށް މުހިއްމު ކަމެކެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކުން ކުޑަ ގައުމުތަކަށް ނުފޫޒް ފޯރުވަން ބޭނުންކުރާ އުކުޅުތައް މި ވަނީ ތަފާތުވެފަ އެވެ. އެހެންގައުމެއްގެ އަޅުވެތިކަމަށް ނުގޮސް މިވަންކަންމަތީ އޮންނަން ބޭނުންކަމަށްވާ ނަމަ އަމާޒަކަށް ވާންޖެހޭނީ ގައުމުގެ އިގްތިސާދު ފުޅާކޮށް ފުދުންތެރިކަން އިތުރުކުރުމެވެ.

comment ކޮމެންޓް