އެންމެ 10 ސިކުންތުގެ ތެރޭގައި ފުރިހަމައަށް ޗާޖުވާ ބެޓެރިއެއް ހިމެނޭ ކަރަންޓް ބަސްތަކެއް ޗައިނާގެ އިރުމަތީ ސިޓީއެއްގައި ދަތުރުތައް އިއްޔެ ފަށައިފި އެވެ.
މިދިޔަ އޭޕްރިލް މަހު އާއްމުކޮށް ދައްކާލި، ދިގުމިނުގައި 18 މީޓަރު ހުންނަ ދުނިޔޭގެ އެންމެ އަވަހަށް ޗާޖުވާ އެ ބަސްތައް ޗައިނާގެ ޒެއިޖިންގް ޕްރޮވިންސްގެ ނިންގްބޯގެ 24 ތަނަކަށް މަޑުކުރާއިރު، 11 ކިލޯ މީޓަރަށް އެ ބަސްތަކަށް ދަތުރުކުރެވޭނެ ކަމަށް ޗައިނާގެ އޮތޯރިޓީތަކުން ބުނެ އެވެ.
އެ ބަސްތައް އުފައްދާ ކުންފުނި، ޒޫޒްހޯ އިލެކްޓްރިކް ލޮކޯމޯޓިވްގެ ރައީސް ޖޯ ކިންގްހީ ވިދާޅުވާގޮތުން ބަސްތައް ޗާޖުވާނީ މަޑުކޮށްލައިގެން އޮންނަ ވަގުތު ތަކުގަޔާއި ފަސިންޖަރުން އަރާ ފައިބާ ވަގުތުގައި ކަމަށެވެ. އަދި ޗާޖުވާ ކޮންމެ ފަހަރަކު މަދުވެގެން ފަސް ކިލޯ މީޓަރަށް އެ ބަސްތަކަށް ދަތުރުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެން ކަރަންޓް ވެހިކަލްތަކަށް ވުރެ 50 – 30 ޕަސެންޓް މަދުން ކަރަންޓް ބޭނުންކުރާ އެ ބަސްތަކުގައި އެއް މިލިއަން ފަހަރަށް ޗާޖުކޮށްލެވޭ 10 އަހަރަށް ބޭނުންކުރެވޭ އަދި ކިތަންމެ ހޫނުގަދަ ވިޔަސް އަސަރެއް ނުކުރާނެ ކެޕޭސިޓާއެއް ވެސް ހަރުކޮށްފައި ހުރެ އެވެ.
ކަރަންޓު ބަސް އުފައްދާ ޕްލާންޓް ހުންނަ ނިންގްބޯގައި ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 1200 ކަރަންޓް ބަސް އާއްމު ދަތުރުފަތުރަށް ބޭނުންކުރާނެ އެވެ.
މައުލޫމާތު: ޒިންހުއާ ނިއުސް އެޖެންސީ