ޓީޓީ އެސޯސިއޭޝަން ކަޕް: ފިރިހެން ޑިވިޝަންގެ ޗެމްޕިއަން މުންސިފް، އަންހެން ޑިވިޝަނުން މުއިނާ

ޓީޓީ އެސޯސިއޭޝަން ކަޕްގެ މެޗެއްގެ ތެރެއިން --- ސަން ފޮޓޯ: އަލީ ނަސީރު

ޓޭބަލް ޓެނިސް އެސޯސިއޭޝަން ކަޕްގެ އެއް ވަނަ ޑިވިޝަންގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މޫސާ މުންސިފް އަހްމަދު ހޯދިއިރު އަންހެން ސިންގަލްސް ޗެމްޕިއަންކަން މުއިނާ މުޙައްމަދު ހޯދައިފިއެވެ.

ފައިނަލްގައި މުންސިފް ކާމިޔާބުކުރީ އިބްރާހިމް ޝިއުރީގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ރޭ ކުޅުނު މެޗްގެ ޗެމްޕިއަންކަން މުންސިފް ހޯދީ ސީދާ ހަތަރު ސެޓް ހޯދައިގެންނެވެ.

އަންހެން ސިންގަލްސް ފައިނަލްގައި މުއިނާ ޗެމްޕިއަން ކަން ހޯދީ ގައުމީ ޓީމްގައި އޭނާގެ ކައުންޓަޕާޓް އާމިނަތު ޝިއުރާ ޝަރީފުގެ މައްޗަށް ހަތަރު ސެޓް އެއް ސެޓުން ކުރި ހޯދައިގެންނެވެ.

ފުރަތަމަ ޑިވިޝަންގެ މެންސް ޑަބަލްސް ކުޅުނީ ޕޮއިންޓް ސިސްޓަމަށެވެ. އެގޮތުން އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ޗެމްޕިއަންކަން ހޯދީ ސިންގަލްސް ފައިނަލްގައި ވާދަކުރި މުންސިފާއި ޝިއުރީގެ ޕެއާއެވެ.

ދެ ވަނައަށް އެންމެ ގިނަ ޕޮއިންޓް ލިބިގެން ރަނަރަޕް މަގާމު ލިބުނީ މުހައްމަދު ޒީސްތު ނަސީމާއި އަހްމަދު މާދުގެ ޕެއާއެވެ.

މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ މުއިނާއާއި ޝިއުރީގެ ޕެއާއެވެ. އެދެކުޅުންތެރިން ޗެމްޕިއަންކަން ހޯދީ ފާތިމަތު ޖުމާނާ ނިމާލްއާއި މުސްސިފްގެ ޕެއާ ތިން ސެޓް ދެ ސެޓުން ކާމިޔާބު ކުރުމަށްފަހުއެވެ.

މުބާރާތުގެ ދެ ވަނަ ޑިވިޝަންގެ ސިންގަލްސް އިވެންޓްގެ ޗެމްޕިއަންކަން އިސްމާއީލް ސުޖާއު ހޯދީ ނައުވާން އަރުޖުން ސީދާ ތިން ސެޓުން ބަލިކުރުމަށްފަހުގައެވެ.

ދެ ވަނަ ޑިވިޝަންގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދި ސުޖާއުއާއި އަހްމަދު ވަހީދުގެ ޕެއާއެވެ.

މުބާރާތުގައި ކުރިއަށް ގެންދިޔަ އުމުރު ފުރާގެ ބައިން 18 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޒީސްތު ހޯދީ މުހައްމަދު މައިޒަރު އާދާމް ޒާހިރު ސީދާ ތިން ސެޓުން ބަލިކުރުމަށްފަހުގައެވެ.

ފަނަރަ އަހަރުން ދަށުގެ އަންހެން ޑިވިޝަންގެ ސިންގަލްސް ޗެމްޕިއަންކަން އައިޝަތު ރާފާ ނާޒިމު ހޯދީ ލައިސާ ފަތުﷲ ގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދުމަށްފަހުއެވެ.

ބާރަ އަހަރުން ދަށުގެ އުމުރު ފުރާގެ އަންހެން ސިންގަލްސް ޗެމްޕިއަންކަންވެސް ހޯދީ ރާފާއެވެ. އެ އުމުރުފުރާގެ ފައިނަލްގައި އޭނާ ކުރިހޯދީ ޒުބާ އަހްމަދު ރިޔާޒުގެ މައްޗަށް ސީދާ ތިން ސެޓުން ކާމިޔާބު ހޯދުމަށްފަހުގައެވެ.

އެއުމުރު ފުރާގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދީ މުހައްމަދު އަޙްނަފު އަޙްމަދު ސީދާ ތިން ސެޓުން ބަލިކުރުމަށްފަހުގައެވެ.

އެއުމުރުފުރާގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ލައިސާއާއި ރާފާ ހޯދީ ފާތިމަތު މަލްޝާ މުއާޒުއާއި އޭނާގެ ކޮއްކޮ އާމިނަތު މަލީޝާ މުއާޒުގެ ޕެއާގެ މައްޗަށް ސީދާ ތިން ސެޓް އެއް ސެޓުން ކުރިހޯދުމަށްފަހުގައެވެ.

މުބާރާތުގެ 12 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އައިހަމް ރަޝީދު ހޯދީ ފައިނަލްގައި މުހައްމަދު ރަޝްވާން ސިދާ ތިން ސެޓުން ބަލިކުރުމަށްފަހުގައެވެ.

ނުވަ އަހަރުން ދަށުގެ އަންހެން ޑިވިޝަންގެ ސިންގަލްސް ޗެމްޕިއަންކަން ދީމް ސިފާހް ސައީދު ހޯދީ ފާތިމަތު މިޝްގާ ނިޔާޒު ތިން ސެޓް އެއް ސެޓުން ބަލިކުރުމަށްފަހުގައެވެ.

އެއުމުރު ފުރައިގެ ފިރިހެން ސިންގަލްސް ކުޅުނީ ޕޮއިންޓް ސިސްޓަމަށެވެ. އެގޮތުން އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ޗެމްޕިއަންކަން ޒީކް ހަސަން ލަތީފު ހޯދިއިރު ދެ ވަނަ އަށް ދިޔައީ މުހައްމަދު ރަމީޒެވެ.

comment ކޮމެންޓް