އިންޖީނުގެ ޔުޓިލިޓީޒް ކުންފުންޏާ ހަވާލުކުރުމާ މެދު ހިތްހަމަނުޖެހިގެން ރައްޔިތުންގެ ބަޔަކު ރަށު އޮފީހުން ކައިރިއަށް އެއްވެ ނުރުހުން ފާޅުކޮށްފި

14:30


ނ. މާފަރުގެ އިންޖީނުގެ ޔުޓިލިޓީޒް ކުންފުންޏާ ހަވާލުކުރުމަށް ރައްޔިތުންނާ މަޝްވަރާކުރުމަށް ރަށު އޮފީހުން އެދުމުން ރައްޔިތުން ރަށު އޮފީސް ކައިރިއަށް އެއްވެ ނުރުހުން ފާޅުކޮށްފި އެވެ.


ރައްޔިތުންގެ އަމިއްލަ ހަރަދުގައި ހިންގަމުންދާ މާފަރު އިންޖީނުގެ ޔުޓިލިޓީޒް ކުންފުންޏާ ހަވާލުކުރުމަށް ސަރުކާރުން ބޭނުންވާ ކަމަށް ބުނެ، އެކަމުގައި ރައްޔިތުން ގޮތެއް ނިންމުމަށް އެދި ރޭ އެރަށު ރައްޔިތުންގެ އެއްކުރުމުން ރައްޔިތުން ވަނީ އެކަމާ ދެކޮޅުހަދައި ނުރުހުން ފާޅުކޮށްފަ އެވެ.


ސަންއެފްއެމްއަށް މައުލޫމާތު ދެމުން މާފަރު މީހަކު ބުނީ އިންޖީނުގެ ޔުޓިލިޓީޒް ކުންފުންޏާ ސަރުކާރުން ހަވާލުކުރުމުގެ ކުރިން ރައްޔިތުން އެ ކަމުގައި ގޮތެއް ނިންމުމަށް ކަމަށް ބުނެ ރަށު ކައުންސިލަރ އިބްރާހިމް އަބޫބަކުރު ރޭ އެ ރަށު އޮފީސް ދޮށަށް ރައްޔިތުން އެއްކޮށްފައިވާ ކަމަށެވެ. އަދި އިންޖީނުގެއިން މަހެއްގެ މައްޗަށް ފައިދާގެ ގޮތުގައި އައްޑިހަ ހާހަށްވުރެ ގިނަ ރުފިޔާ ލިބޭ ކަމަށާއި އަދި ރައްޔިތުންގެ އަމިއްލަ ފައިދާގައި ހިންގާ ތަނެއް ވަކި އެހެން ބަޔަކަށް ދީގެން ނުވާނެ ކަމަށް ބުނެ ރޭގައި ރަށު އޮފީސް ދޮށުގައި ޝުއޫރު ފާޅުކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި މީގެ ކުރިން ވެސް ރައްޔިތުންގެ ރުހުމަކާ ނުލައި އެ ރަށު އިންޖީނުގެ ޔުޓިލިޓީޒް ކުންފުންޏާ ހަވާލު ކުރުމަށްޓަކާ ބަޔަކު އެ ރަށަށް ފޮނުވައިފައިވާ ކަމަށް މާފަރުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.


މާފަރު ކައުންސިލަރ އިބްރާހިމް އަބޫބަކުރު މިއަދު ވިދާޅުވީ ރޭ ރައްޔިތުން އެއްކޮށްފައި ވަނީ އިންޖީނުގޭގެ އިންޖީނެއް ހަލާކުވެގެން އެ އިންޖީނު ހަދަން ރައްޔިތުންނާ މަޝްވަރާ ކުރުމަށް ކަމަށެވެ. އަދި އިންޖީނުގެ ޔުޓިލިޓީޒް ކުންފުންޏާ ހަވާލުކުރުމާ ބެހޭ ގޮތުން އެއްވެސް ވަރަކަށް މަޝްވަރާކޮށްފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް މީގެ ދުވަސްތަކެއް ކުރިން ސަރުކާރުން އެ ގޮތަށް އެންގުމުން ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމުން އެނގުނީ ޔުޓިލިޓީޒް ކުންފުންޏާ އިންޖީނުގެ ހާވަލުކުރުމަށް ރައްޔިތުންގެ ބައެއް މީހުން ބޭނުންނުވާކަން ކަމަށް ވެސް މާފަރު ކައުންސިލަރ އިބްރާހިމް އަބޫބަކުރު ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު