ގައުމެއްގެ ގައުމީ ހަޔާތުގައި އެއްޗެއް މުހިންމުވަނީ އެ އެއްޗަކުން ލިބުނު ޚިދުމަތާއި އޭގައި ރަމްޒުކުރެވޭ ކަންކަމާއި މާނަތަކަށް ބަލައިގެންނެވެ. އެމެރިކާގެ ޕާކަރު ކުންފުނިން އުފެއްދި ގަލަމެއް ދިވެހިންގެ ގައުމީ ހަޔާތުގެ ރަމްޒެއް ކަމަށް ވެގެން ގޮސްފައިވަނީ ދިވެހި މިނިވަންކަމުގެ އެއްބަސްވުމުގައި އޭގެ ގަލަމަކުން ސޮއިކުރެވިފައި ވުމުގެ ސަބަބުންނެވެ.
ކޮންތާކު، ކޮންއިރަކު؟
އިސްވެ ދެންނެވި އެއްބަސްވުމަކީ، ހިމާޔަތުގެ އެގްރީމެންޓޭ ކިޔާ ލިޔުމާއި، ޖިޒީ ކަނޑައިލުމުގެ އެއްބަސްވުމަށް އަމަލުކުރުން ނިމުމަކަށް ގެނެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ސޮއިކުރެވިފައި ވަނީ 26 ޖުލައި 1965 ވަނަ ތާރީޚުގައި ސްރީލަންކާ (ސިލޯނު)ގައި، ވެސްޓްމިންސްޓަރ ހައުސްގަ އެވެ.
މި އެއްބަސްވުމުގައި ދިވެހި ދައުލަތުން ސޮއިކުރެއްވީ އޭރުގެ ވަޒީރުލް އަޢުޡަމް (ވަޒީރުލް އައުޒަމް، ބޮޑުވަޒީރު) ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނެއެވެ. އެގްރީމަންޓްގައި ސޮއިކުރެއްވީ ޕާކަރު 51 ގެ މަރުކާގެ ދަށުން އުފެއްދި ގަލަންތަކުގެ ތެރެއިން 10/1ގެ 12ކޭ، ގަލަމަކުންނެވެ. މިއީ އިބްރާހީމް ނާޞިރުގެ އަމިއްލަފުޅު ގަލަންކޮޅެއް ކަމަށާއި އޭގެ ކުރިން ވެސް އެ މަނިކުފާނު މި ގަލަންކޮޅު ބޭނުންފުޅު ކުރައްވަމުން ގެންދެވި ކަމަށް ޢަބްދުއް ސައްތާރު މޫސާ ދީދީ ވިދާޅުވިއެވެ.
ޕާކަރު 51، 10/1 ، 12ކޭ - މާނައަކީ ކޮބައި؟
މިއީ ޕާކަރު ކުންފުނީގެ ބްރޭންޑް ނަމެކެވެ. 51 ރަމްޒުކޮށްދެނީ ޕާކަރު ކުންފުނީގެ 51 އަހަރު ފުރޭ މުނާސަބަތެވެ. ޕާކަރު ކުންފުނި އުފެދުނީ މީލާދީން 1888 ގައެވެ. މިއީ ހިމާޔަތުގެ "އެގްރީމެންޓް" އެކުލަވައިލެވުނު އަހަރާ ވިދިގެން އައި އަހަރެވެ. މި ކުންފުންޏަށް 51 އަހަރު ފުރުނީ 1939 ވަނަ އަހަރުގައެވެ.
10/1 ގެ މާނައަކީ ރަން އެކުލެވިފައިވާ ނިސްބަތެވެ. މިގަލަމުގެ ދޯރީގެ ބޭރުން ވަނީ ރަނުގެ ފަށަލައެއް ލައިފައެވެ. 10/1 އިން ދޭހަކޮށްދެނީ މިގަލަމުގެ ދޯރީގެ ބަރުދަނުގެ ދިހަ އިންސައްތަ އަކީ ރަންކަމެވެ. 12ކޭ އަކީ 12 ކެރެޓްގެ ރަނެވެ. ދޯރީގައި ހިމަނައިފައިވާ ރަނުގެ ޚާލިސްކަމުގެ ނިސްބަތެވެ.
މި ގަލަން ނެރެން ފެށީ މީލާދީން 1942ގައެވެ. ނެރުން ހުއްޓާލީ 1972ގައެވެ. މިއީ އެދުވަސްވަރު ވަރަށް ނަންހިނގާލި ގަލަމެކެވެ. ދަ ފައުންޓައިން ޕެން ނެޓްވަރކް އިން އެއްކޮށްފައިވާ މައުލޫމާތުން އެނގޭގޮތުގައި މި ގަލަމުގެ 30 އަހަރުގެ ތާރީޚުގައި 400 މިލިޔަން ޑޮލަރުގެ ވިޔަފާރި ކުރެވިފައިވެއެވެ.
މި ގަލަންކޮޅު މުހިންމުވީ ސަބަބުތައް
މި ގަލަންކޮޅަކީ ދިވެހިރާއްޖޭގެ ވަޒިރުލް އައުޒަމް ކަމާއި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވައިފައިވާ އިބްރާހީމް ނާސިރުގެ އަމިއްލަފުޅު ގަލަންކޮޅެކެވެ. އެމަނިކުފާނަކީ މިޒަމާން މިދެކޭ ދިވެހި މިނިވަންކަމުގެ އެއްވަނަ ބަޠަލެވެ. އިނގިރޭސި ދައުލަތުގެ "ހިމާޔަތުން" ދިވެހިންނަށް ލިބުނު މިނިވަންކަން ގާނޫނީ ގޮތުން ފުރިހަމަވެ ސައްހަވެގެން ދިޔައީ، މިނިވަންކަމުގެ އެއްބަސްވުމުގެ ކަރުދާހަށް މި ގަލަންކޮޅުން އޮހިގެންދިޔަ ދެލިފޮދަކުންނެވެ. އެއީ ދިވެހި ސަރުކާރުގެ އެންމެ އިސްވެރިޔާ އިބްރާހީމް ނާޞިރުގެ ސޮއެވެ. އެއީ ދިވެހިރާއްޖެ މިނިވަންވެއްޖެ ކަމުގެ ފުރަތަމަ ހެތްކެވެ. މި ގަލަންކޮޅަކީ ހެކިދިން "ހެކިވެރިޔާ"އެވެ. އެހެންކަމުން ގިނަ ސަބަބުތަކަކުން މި ގަލަންކޮޅު ވަނީ މުހިންމުވެގެން ގޮސްފައެވެ.
މީގެ އިތުރުން މި ގަލަންކޮޅުން ބޭރުގެ ވަރަށް އިއްޒަތްތެރި ދެ ބޭފުޅަކު ވަނީ ސޮއިކުރައްވައިފައެވެ. އެއީ އިނގިރޭސި ރާނީ ކްއީން އެލިޒަބަތު 2، އާއި ދުނިޔޭގެ ފުރަތަމަ އަންހެން ބޮޑުވަޒީރު އަދިސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު، އަދި ސިރީމާވޯ ބަންޑަރަނައިކަ އެވެ. އެއީ އިއްތިފާގަކުން ދިމާވި ކަމެކެވެ.
ޢަބްދުއްސައްތާރު މޫސާ ދީދީ ވިދާޅުވި ގޮތުގައި، ކްއީން އެލިޒަބަތު މާލެ ވަޑައިގެން މުލީއާގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ހަނދާނީ ފޮތުގައި ސޮއިކުރައްވަން ވަޑައިގެންނެވިއެވެ. އެކަމަށްޓަކައި ޚާއްސަކޮށްފައިވާ އަގުބޮޑު ގަލަންކޮޅެއް އޮތެވެ. ނަމަވެސް ރާނީ ބޭނުންފުޅުވީ ދެލިއަޅާ ގަލަންކޮޅެކެވެ. އިއްތިފާގަކުން އެވަގުތު ޢަބްދުއްސައްތާރު މޫސާ ދީދީގެ ޖީބުފުޅުގައި މި ގަލަންކޮޅު ހުއްޓެވެ. ރާނީ އަތްޕުޅަށް މި ގަލަންކޮޅު އެރުވުމުން ރާނީ އެދުވަހު ސޮއިކުރެއްވީ މިގަލަންކޮޅުންނެވެ. ސިރީމާވޯ ސޮއިކުރެއްވީ ވެސް އެކަމަނާ ރާއްޖެއަށް ވަޑައިގެންނެވި ދަތުރުފުޅެއްގައެވެ. ރަސްމީ ސޮއެއް ކުރައްވަން އޮތް ގަލަންކޮޅުގެ ބަދަލުގައި އެކަމަނާ ވެސް ބޭނުންފުޅުވީ ދެލިއަޅާ ގަލަންކޮޅެކެވެ. އެވަގުތު އެކަމާގެ އަތްޕުޅަށް މިގަލަންކޮޅު އެރުވީ ވެސް ޢަބްދުއްސައްތާރު މޫސާ ދީދީ އެވެ. ސްރީމާވޯ ބަންޑާރަނައިކަ ވެސް އެދުވަހު ސޮއިކުރެއްވީ މި ގަލަންކޮޅުންނެވެ.
މިނިވަންކަމުގެ އެގްރީމަންޓް
އިނގިރޭސީންގެ ހިމާޔަތުން މިނިވަންވުމަށް ދިވެހިން ކުރަމުން އައި މަސައްކަތުގެ ސަބަބުން ދިވެހިންނަށް މިނިވަންކަން ދޭން އިނގިރޭސި ދައުލަތުން އެއްބަސްވިއެވެ. އޭގެ ފަހުން އޮތީ މިނިވަންކަން ދިނުމާއި އޭގެ ފަހުން ބައެއް ކަންކަން ހިންގާނެ ގޮތަކާ މެދު އެއްބަސްވުމެވެ. މިފަދަ ކަންކަމުގެ މައްޗަށް އެކުލެވޭ އެއްބަސްވުމުގެ ދެލިކޮޕީއެއް ދިވެހި ސަރުކާރުގެ އެދުމުގެމަތިން ތައްޔާރުކުރީ އިނގިރޭސި ސަރުކާރުންނެވެ. ވަޒީރުލް އައުޒަމް އިބްރާހީމް ނާޞިރުގެ ލަފާފުޅާ އެއްގޮތަށެވެ. މި ދެލިކޮޕީއާ މެދު ދެފަރާތުން ވާހަކަ ދެއްކީ ސިލޯނުގައެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި ވާހަކަތަކުގައި ބައިވެރިވެވަޑައިގެންނެވީ އޭރު ސިލޯނުގައި ހުންނެވި ދިވެހި ސަފީރު ޢަބްދުއްސައްތާރު މޫސާ ދީދީ އެވެ. ޢަބްދުއްސައްތާރު ވިދާޅުވި ގޮތުގައި އެގްރީމަންޓާ މެދު ވާހަކަދެކެވޭ ކޮންމެ ބައްދަލުވުމެއްގައި އެމަނިކުފާނުގެ އަރިހުގައި ކަނޑި އަޙުމަދު އިސްމާޢީލް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ދެކެވޭ ވާހަކަތަކުގެ މައްޗަށް ބިނާވާ ކަންކަން ނިންމަވަމުން ގެންދެވީ މާލެ އިން ވަޒީރުލް އައުޒަމް އިބްރާހީމް ނާސިރު ދެއްވާ ލަފާފުޅާ އެއްގޮތަށެވެ. މި މުއާމަލާތު ހިންގެވީ ވަޔަރލެސް ޓެލެގްރަފީ އިންނެވެ. މި ނިޒާމުގައި މެސެޖް ފޮނުވަނީ މޯސް ކޯޑް ބޭނުންކޮށްގެންނެވެ. ޢަބްދުއްސައްތާރު މެސެޖް ލިޔުއްވަނީ އިނގިރޭސި އަކުރުން ދިވެހި ބަހުންނެވެ. މި މެސެޖްތަކަށް ވަޒީރުލް އައުޒަމްގެ ފަރާތްޕުޅުން އަވަސް ޖަވާބުތަކެއް ލިބެމުން ދިޔައެވެ. މިގޮތުގައި މަސައްކަތްކޮށް އެއްބަސްވުމުގެ ފަހުގެ ދެލިކޮޕީ ނިންމައިލެވުނެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުން
ދިވެހި ސަރުކާރުން ހުށަހެޅި އެގްރީމަންޓްގެ ދެލިކޮޕީއާ މެދު ވާހަކަދައްކައި ދެފަރާތުން އެއްބަސްވެފައި ވަނިކޮށް، ވަޒީރުލް އައުޒަމާއި ކީރިތި މަހާރަދުން ބޭސްކޮޅަކަށް ސިލޯނަށް ވަޑައިގެންނެވިއެވެ. މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރާނެ ތާރީޚަކީ 26 ޖުލައި 1965 ކަމުގައި ހަމަޖައްސަވައި އެ ތާރީޚުގައި ސޮއިކުރެވުނީ މި ދަތުރުފުޅުގައެވެ. މިއީ ދަތުރުފުޅުގެ ކުރިން އެއްބަސް ވެވިފައިވާ ތާރީޚެއް ނޫންކަމަށް ޢަބްދުއްސައްތާރު ވިދާޅުވިއެވެ.
"މިގަލަން ޢަބްދުއްސައްތާރަށް"
އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު އޮތީ ހެނދުނު 10 ޖަހާއިރަށް ތައްޔާރުވެފައެވެ. ދިވެހި ވަފުދުގައި ބައިވެރިވެ ވަޑައިގެންނެވީ ވަޒީރުލް އަޢުޡަމް އިބްރާހީމް ނާސިރާއި ސިލޯނުގައި ހުންނަވާ ދިވެހި ސަފީރު ޢަބްދުއްސައްތާރު މޫސާ ދީދީ އާއި "މޯލްޑިވްސް ނޭޝަނަލް ޓްރޭޑިން ކޯޕަރޭޝަން އިން ސިލޯން"ގެ ޑައިރެކްޓަރ ޢަލީ ޢުމަރު މަނިކު (ކޮލިގޭ އަލިމަނިކު) އާއި ދިވެހި ސަފީރުގެ އޮފީހުން ކަނޑި އަޙުމަދު އިސްމާޢީލެވެ.
ސޮއިކުރެއްވުމުގެ ރަސްމިއްޔާތަށް ފަހު އެނބުރި ވަޑައިގެންނެވީ ފެހިގެއަށެވެ. ވަޒީރުލް އައުޒަމް ހުންނެވީ ފެހިގޭގައެވެ. ސަފީރުގެ އޮފީސް ހުންނަނީ ވެސް އެތާގައެވެ. އެއީ މިހާރު ވެސް ލަންކާގައި އެހުންނަ ދިވެހިންގެ ފެހިގެއެވެ. އެވަރގްރީން އެވެ. ގެއަށް ވަޑައިގެންނެވުމަށް ފަހު ވަޒީރުލް އައުޒަމްގެ ޖީބުފުޅުން ގަލަންކޮޅު ނަންގަވައި ޢަބްދުއްސައްތާރަށް ދިއްކޮށްލަވައްވަމުން ވިދާޅުވީ "މިގަލަން ޢަބްދުއްސައްތާރަށް" ކަމުގައެވެ. ޢަބްދުއްސައްތާރު އެ ގަލަންކޮޅު ގަބޫލުފުޅު ކުރެއްވިއެވެ.
ޢަބްދުއްސައްތާރަށް ދެއްވީ ކީއްވެ؟
ޢަބްދުއްސައްތާރަށް ގަލަންކޮޅު ދެއްވުމުގެ އެއްވެސް ސަބަބެއް ނުވަތަ އެއްވެސް މާނައެއް އެނގިވަޑައި ނުގަންނަވާ ކަމަށް ޢަބްދުއްސައްތާރު ވިދާޅުވިއެވެ.
އޭރު ވަޒީރުލް އައުޒަމްގެ ނައިބަކަށް ހުންނެވި އިބްރާހީމް ރަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި އޭގެ ސަބަބުތަކެއް އެބަހުއްޓެވެ. އެއް ސަބަބަކީ ދިވެހި ގައުމުގެ މިނިވަންކަމަށްޓަކައި ޢަބްދުއްސައްތާރު ކުރެއްވި މަސައްކަތްޕުޅަކީ މާއްދީ ގޮތުން އަގުނުކުރެވޭ މަސައްކަތްޕުޅުތަކެއް ކަމަށާއި، އެ މަސައްކަތްޕުޅު ވަޒަންކުރެވޭނީ ރަމްޒީގޮތެއްގައި ކަމަށްވުމާ އެކު، ޢަބްދުއްސައްތާރުގެ ޚިދުމަތްޕުޅުގެ އެންމެ އެކަށޭނަ ރަމްޒަކީ މިނިވަންކަމުގެ އެއްބަސްވުމާއި، އޭގައި ސޮއިކުރެވުނު ގަލަންކޮޅު ކަމަށް ވަޒީރުލް އައުޒަމް އިބްރާހީމް ނާޞިރު ގަބޫލުފުޅު ކުރެއްވުމެވެ. އަނެއް ސަބަބަކީ ގައުމީ ހަޔާތުގެ މިފަދަ ރަމްޒެއް އެންމެ ރައްކާތެރިކަމާއެކު ބަލަހައްޓަވައި ގެންގުޅުއްވާނޭ ޝަޚުސީ ސިފަފުޅުތަކާއި ސުލޫކީ ސިފަފުޅު ތަކެއް ޢަބްދުއްސައްތާރުގެ ފަރާތްޕުޅުން ވަޒީރުލް އައުޒަމަށް ފެނިވަޑައިގެންފައި ވުމެވެ.
މި ގަލަންކޮޅު އާސާރު ކުރުމަށްޓަކައި އެހެން ފަރާތަކާ ހަވާލުކުރެއްވުމާއި، މި ގަލަންކޮޅު ވިއްކަވައިލެއްވުމާ މެދު ދެންނެވޭ ދެންނެވުންތަކަށް ޢަބްދުއްސައްތާރު ދެއްވަމުން ގެންދަވާ ޖަވާބުތަކުން އިބްރާހީމް ރަޝީދު ދެކެވަޑައިގަންނަވާ ސަބަބުތަކަށް ބާރު ލިބެއެވެ.
ޢަބްދުއްސައްތާރު ވިދާޅުވީ "އަޅުގަނޑު ދުނިޔޭގައި ހުރެގެން، މިގަލަން އެއްވެސް ފަރާތަކާ ހަވާލެއް ނުކުރާނަން. މީހަކަށް ނުވެސް ދޭނަން. އަމުދުން އަޅުގަނޑު އެބަ އުޅޭތޯ ވިއްކާލަން، އެގޮތަށް ހީވެސް ކުރާކަށް ނުވާނެ ނޫންތޯ ... " ކަމުގައެވެ.
މިނިވަން ފަންސާހުގެ މުނާސަބާގައި މި ގަލަންކޮޅުގެ ނަކަލެއް އަމިއްލަ ފަރާތަކުން އުފެއްދީ ޢަބްދުއްސައްތާރުގެ އަތްޕުޅުން މި ގަލަން ގެންގޮސްގެނެއް ނޫނެވެ. ނަމަވެސް އެގޮތަށް މިއާ ވައްތަރު ނަކަލެއް ނެރުމަކީ އެންމެ ރަނގަޅު ކަމެއް ކަމުގައި ޢަބްދުއްސައްތާރު ދެކެވަޑައިގަންނަވައެވެ.
މި ގަލަންކޮޅު ޢަބްދުއްސައްތާރަށް ލިބިވަޑައިގަތް ފަހުން 50 އަހަރުވީއެވެ. 1965 ވަނަ އަހަރު އެމަނިކުފާނުގެ އުފާވެރި މޫނުފުޅުގައި ހުރި ތާޒާކަން މިއަދު ބަދަލުވެފައި ވިޔަސް ގަލަންކޮޅުގެ ސިއްހަތު ވަރަށް ރަނގަޅެވެ. ދެލިއައުން ބަރާބަރެވެ. ތުނޑުގެ އޮމާންކަމުގެ މައްސަލައެއް ނެތެވެ. ލަސް ލިޔުމާއި އަވަސް ލިޔުމުގައި ދެލިފޭދުމެއް ނެތެވެ. އަޅައިގަތުމުގެ އެއްވެސް މިންވަރެއް ފާހަގައެއް ނުކުރެވެއެވެ.
މި ގަލަންކޮޅަކީ އެމަނިކުފާނުގެ ހަޔާތްޕުޅުގެ އެންމެ ޚާއްސަ އެއް ރަމްޒެވެ. ގައުމަށްޓަކައި ކޮށްދެއްވި އަގުހުރި ޚިދުމަތެއްގެ ނިޝާނެވެ. އެހެންކަމުން އެމަނިކުފާނު މި ގަލަންކޮޅު ގެންގުޅުއްވަނީ ވަރަށް ވެސް ފަރުވާތެރިކަމާއި ރައްކާތެރިކަމާ އެކުގައެވެ. ގަލަންކޮޅަށް ދެލިއަޅުއްވައިގެން ގެންގުޅުއްވައެވެ. ގަލަންކޮޅު އެންމެ ފުރަތަމަ އާންމުކޮށް ދައްކައިލެވިފައި ވަނީ، 26 ޖުލައި 2010 ވަނަ ތާރީޚުގައި ސަން އެފްއެމްގެ ވިޒުއަލް ރޭޑިއޯގެ ސްޓޫޑިއޯ އިން އުފައްދައި ދުރަށް ފޮނުވި "މިނިވަންކަމުގެ ހިޔަލުގައި" މިނަންކިޔާ ޕްރޮގޮރާމެއްގައެވެ. އަބްދުއްސައްތާރު ގަލަންކޮޅަށް ދެއްވާ ޚާއްސަކަން ފާހަގަކުރެވޭތީ އެރޭ އެމަނިކުފާނު ގަލަންކޮޅު ހިއްޕަވައިގެން ސްޓޫޑިއޯއަށް ވަޑައިގެންނެވި ވަގުތު، ސަން އެފްއެމްގެ މެނޭޖުމަންޓުން ވަނީ ފުލުހުންގެ ރައްކާތެރިކަން ވެސް ހޯދައިފައެވެ.
މިހާރު މި ގަލަންކޮޅަކީ ޢަބްދުއްސައްތާރުގެ ހަޔާތްޕުޅުގެ ޚާއްސަ ބައިވެރިއެކެވެ. ގައުމީ ޔުނިވަރުސިޓީގެ ޚާއްސަ ސެޝަންތަކަށް ވަޑައިގަންނަވާއިރު އެ ގަލަންކޮޅު ގެންދެވުމަށް ދަރިވަރުންނާއި ލެކްޗަރަރ އިން އެދެއެވެ. އެ ގަލަންކޮޅާ އެކު ޢަބްދުއްސައްތާރުގެ އަރިހުގައި ފޮޓޯ ނެގުމަކީ ކިޔަވާ ކުދިންގެ ޚާއްސަ އުފަލެކެވެ. މި އުފާވެރިކަމަށް ފުރުސަތު ދެއްވުމަކީ ޢަބްދުއްސަތާރުގެ ވަކިން ޚާއްސަ އުފާފުޅެއް ކަމަށް ގަބޫލުކުރެވެއެވެ.