ރައްޔިތުން އެދޭވަރަށް ހޮސްޕިޓަލްތަކުން ހިދުމަތް ނުދެވޭ ކަމަށް ރައީސް ވިދާޅުވެއްޖެ

ރައްޔިތުން އެދޭ މިންވަރަށް ހޮސްޕިޓަލުތަކުން ހިދުމަތްތައް ދެވެމުން ނުދާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހަންމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޕަބްލިކް ހެލްތް ސާވިސްގެ މަސައްކަތްތައް ރަށު ކައުންސިލާއި އަތޮޅު ކައުންސިލްތަކަށް ބަދަލުކުރުމާ ގުޅޭ ގޮތުން ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ ހަގީގަތަކީ ރައްޔިތުން އެދޭ ވަރަށް ހޮސްޕިޓަލްތަކުން ހިދުމަތް ދެވެމުން ނުދިޔުން ކަމަށާއި އެކަމަށް ސަރުކާރުން އަވަދި ނެތި މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އަބަދު ވެސް މި އަޑުއިވެނީ މެޝިން މަދު ވާހަކަ އާއި އެކަށީގެންވާ ހިދުމަތްތައް ހޮސްޕިޓަލުތަކުން ނުލިބޭ ވާހަކަ. އެކަމުގެ ހަގީގަތް އަޅުގަނޑު ވެސް ދަންނަވާނީ ރައްޔިތުން އެދޭ މިންވަރަށް ހޮސްޕިޓަލުތަކުން އެންމެ ރަނގަޅު ހިދުމަތްތައް މިއަދު މި އޮތީ ނުލިބިފައޭ. އެކަންތައްތައް ތަރައްގީ ކުރުމުގައި ސަރުކާރުން އަވަދިނެތި އުޅުމަކީ ކޮންމެހެން ބޭނުންތެރި ކަމެކޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ޕަބްލިކް ހެލްތުގެ މަސައްކަތްތައް ކައުންސިލްތަކަށް ބަދަލުކުރުމުން ރަށްރަށުގައި ތިބި ހެލްތު ވޯކަރުން ވެސް ކައުންސިލްތަކުގެ ދަށަށް ބަދަލުވާނެ ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ލާމަރުކަޒީ އުސޫލުން ސަރުކާރު ހިންގަން ފެށުމުން ފުރަތަމަ ހަރަދުތައް ބޮޑުވެގެން ދިޔަ ކަމުގައި ވިޔަސް މުސްތަގުބަލުގައި ހަރަދުތައް ކުޑަވެގެން ދާނެ ކަމަށެވެ. އަދި ވިދާޅުވީ ލާމަރުކަޒީ ކުރުމުގެ މަގުސަދަކީ ރައްޔިތުންނާ ވީހާ ވެސް ކައިރިން ހިދުމަތްތައް ފޯރުކޮށް ދިނުން ކަމަށާއި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އެ މަގަށް ކަމަށެވެ.

"ކުރު މުއްދަތުގައި ހަރަދު ބޮޑުވިޔަސް ދިގު މުއްދަތަށް ވިސްނާ ނަމަ ހަރަދުތައް ކުޑަވާނެ. ސަރުކާރަށް މިހާރު ވެސް ފެނިފައި އެބަހުރި ސެންޓްރަލައިޒް ކުރުމަށް ވުރެ ޑިސެންޓްރަލައިޒް ކުރުމުން އަގުހެޔޮވާނެ ކިތަންމެ ކަމެއް. ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް ލާމަރުކަޒީ ކުރަން ފަށާއިރު ހަރަދުތައް ބޮޑުވާނެ. އެއީ ޝައްކެއް އޮތް ކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ދާދިފަހުން އައިޖީއެމްއެޗުގައި ކުއްޖެއްގެ ކަރު ބުރިކޮށްލައިގެން ނެގި މައްސަލައާ ގުޅިގެން، ނޫސްވެރިޔަކު ދެންނެވި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ ބަލިވެ އިންނަ ދުވަހުން ފެށިގެން ވެސް ހެލްތު ވޯކަރު އެކަން ރެކޯޑްކޮށް ބަލަން ޖެހޭ ކަމަށާއި ކަމެއް ދިމާވުމުގެ ކުރިން އެކަމެއްގެ ރައްކާތެރިކަން ހޯދަން ޖެހޭނެ ކަމަށެވެ.

"ކުޑަ ރަށެއް އެ ރަށެއްގައި މީހަކު އަންހެނަކު އަލަތު ކައިވެންޏަކަށް ފަހު ދެމަފިރިން އިނދެ އަންހެނަކު ބަލިވެ އިނީ. އަލުގަނޑުމެން މިދެކެނީ އެ އަލަތު ކައިވެނި ވެސް ހެލްތު ވޯކަރަށް ރެކޯޑް ކުރެވެން ޖެހޭނޭ. އަދި ބަލިވެ އިން ދުވަސް ވެސް ރެކޯޑް ކުރެވެން ޖެހޭނޭ. ބަލިވެ އިނުމަށް ފަހު އެ އަންހެން މިހާ އަށް ވަމުން އަންނަ ހުރިހާ ގޮތެއް ރެކޯޑް ކުރެވެން ޖޭހޭނޭ. އެ އަންހެން މީހާ އަނގަމަތި މަސްދޯންޏެއްގައި މާކަނޑަށް ނުޖެހޭނޭ [ވިހާކަށް]." ރައީސް ވިދާޅުވި އެވެ.

ޕަބްލިކް ހެލްތްގެ މަސައްކަތްތައް ލާމަރްކަޒީ އުޞޫލުން ހިންގަން ވަޒީރުންގެ މަޖިލީހުން ނިންމެވީ އިއްޔެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު