"ޖުރެސިކް ވޯލްޑް"ގެ ދެވަނަ ފިލްމެއް 2018ގައި ނެރެނީ

ފިލްމް، "ޖުރެސިކް ވޯލްޑް"ގެ މަންޒަރެއް ---

ސައިންސް ފިކްޝަން އެޑްވެންޗާ ފިލްމް، "ޖުރެސިކް ވޯލްޑް"ގެ ދެވަނަ ފިލްމެއް 2018 އަހަރު ނެރެމަށް ހަމަޖެހިފައިވާ ކަމަށް އެމެރިކާގެ މަޝްހޫރު ފިލްމް އުފައްދާ ކުންފުނި، ޔުނިވާސަލް ސްޓޫޑިއޯ އިން ރަސްމީކޮށް އިއުލާންކޮށްފި އެވެ.

ޔުނިވާސަލް އިން ބުނި ގޮތުގައި، ޖުރެސިކް ވޯލްޑުގެ ދެވަނަ ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ 22 ގަ އެވެ. އަދި ދެ ވަނަ ފިލްމުން ވެސް ފުރަތަމަ ފިލްމުގެ ލީޑް ރޯލުން ފެނިގެން ދިޔަ ކްރިސް ޕްރެޓް އާއި ބްރައިސް ޑަލާސް ހޮވާޑް ފެނިގެންދާނެ ކަމަށް އެ ސްޓޫޑިއޯ އިން ބުންޏެވެ.

ޖުރެސިކް ވޯލްޑްގެ ދެވަނަ ފިލްމުގެ ޑައިރެކްޓް ކުރާނެ މީހަކު އަދި އިއުލާން ކޮށްފައިނުވާ އިރު، ސްކްރިޕްޓް ލިޔާނީ ފުރަތަމަ ފިލްމުގެ ޑައިރެކްޓަރު އަދި ދެވަނަ ފިލްމުގެ އެކްޒެކެޓިވް ޕްރޮޑިއުސަރަކަށް ހަމަޖައްސާފައިވާ ކޮލިން ޓްރެވޮރޯ އާއި ޑެރެކް ކޮންނޮލީ އެވެ.

މީގެ އިތުރުން، ދެވަނަ ފިލްމުގެ އެކްޒެކެޓިވް ޕްރޮޑިއުސަރުކަން ދުނިިޔޭގެ މަޝްހޫރު ޑައިރެކްޓަރު، ޕްރޮޑިއުސަރު އަދި ޖުރެސިކް ޕާކުގެ ޑައިރެކްޓަރު ސުޓީވަން ސްޕިލްބާގަށް ދީފައިވާ އިރު، ޕްރޮޑިއުސަރުކަން ދީފައިވަނީ ފްރޭންކް މާޝަލް އަށެވެ.

ޔުނިވާސަލް އިން މިހާތަނަށް ނެރުނު ހުރިހާ ފިލްމަކަށް ގޮންޖަހާފައިވާ، ފިލްމް ޖުރެސިކް ވޯލްޑަށް މިހާތަނަށް ވަނީ 1.5 ބިލިއަން ޑޮލަރުގެ ފައިދާއެއް ލިބިފަ އެވެ.

އެ ފައިދާއާ އެކު ޖުރެސިކް ވޯލްޑް ވަނީ، މާވެލް ސްޓޫޑިއޯ އިން މި އަހަރު ރިލީޒްކުރި ފިލްމް، "އެވެންޖާސް: އޭޖް އޮފް އަލްޓްރޯން" ފަހަތަށް ޖައްސާލުމަށް ފަހު، ދުނިޔޭގައި މިހާތަނަށް ނެރުނު ފިލްމްތަކުގެ ތެރެއިން، އެންމެ ބޮޑު ފައިދާއެއް ލިބުނު ފިލްމުތަކުގެ ލިސްޓުގެ ތިން ވަނަ މަގާމު ހޯދާފަ އެވެ.

މައުލޫމާތު: ހޮލީވުޑް ރިޕޯޓާ، ޑެޑްލައިން އަދި ނޫސް އެޖެންސީތައް

comment ކޮމެންޓް