ރައްޔިތުން މަޖިލިސް:
ކުށްތައް މަދުކުރުމަށް މަރަށް މަރުގެ އަދަބު ދޭން ޖެހޭ ކަމަށް ބައެއް މެންބަރުން ވިދާޅުވެއްޖެ

މާރާމާރީ އާއި އެނޫން ކުށްތައް މަދުކުރުމަށް މަރަށް، މަރުގެ އަދަބު ތަންފީޒު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ގޮވާލައްވައިފި އެވެ.

މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގައި، މަރުގެ ހުކުމް 25 އަހަރުގެ ޖަލު ހުކުމަށް ބަދަލުކުރެވޭ ގޮތަށް އޮތް މާއްދާ އިސްލާހްކޮށް، މަރަށް މަރުގެ ކުހުމް ތަންފީޒު ކުރުމަށް އެ ގާނޫނުގައި ހިމެނުމަށް ހޯރަފުށީ ދާއިރާގެ އަހްމަދު ރަޝީދު ހުށަހަޅުއްވާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން، ބައެއް މެންބަރުން ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރެވިގެން ނޫނީ ގައުމުގައި ހިނގަމުން މިދާ މައްސަލަތަކަށް ހައްލެއް ނާންނާނެ ކަމަށެވެ.
ތިމަރަފުށީ ދާއިރާގެ މުސްތަފާ ވިދާޅުވީ، މީހަކު މެރިކަމުގެ ކުށް ސާބިތުވެފައިވާ މީހަކު 25 އަހަރަށް ޖަލަށް ލުމަކީ އިންސާފެއްނޫން ކަމަށެވެ.

"މަރުގެ ހުކުމް ތަންފީޒު ކުރުމަށް 25 އަހަރަށް ޖަލަށް ލުމަކީ އިސްލާމްދީނާއި އަދި ސަމާވީ ދީންތަކުން ވެސް ގަބޫލުކުރާ ކަމެއްނޫން. މިހާރު ގައުމުގެ ހާލަތު އޮތް ގޮތުން މިހާރު މިހިނގާ ނުރައްކާތެރި ކުށްތައް، މަރުގެ އަދަބު ތަންފީޒުކޮށްގެން ނޫނީ ނުހުއްޓުވޭނެ. މީހަކު މަރާ މީހަކަށް ހުކުމް ކުރާ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ހުކުމް ތަންފީޒު ކުރެވެން ޖެހޭނެ. ތިން މީހުންގެ ހުކުމް ތަންފީޒު ކުރެވޭއިރު ހުރިހާ ކަމެއް ހަމަޖެހޭނެ. އެއްހާސް މީނުންގެ ސަލާމަތަށް ޓަކައި އެކަކު މަރާލުމަކީ މައްސަލައެއްނޫން،" މުސްތަފާ ވިދާޅުވި އެވެ.

ފަރެސްމާތޮޑާ ދާއިރާގެ އިބްރާހީމް މުއްތަލިބު ވެސް ވިދާޅުވީ، ގާނޫނު އަސާސީގެ މައިގަނޑު މަސްދަރަކީ އިސްލާމްދީން ކަމަށް ބަޔާތްކޮށްފައިވާ އިރު މި ގައުމުގައި ހިންގަން ޖެހޭނީ އިސްލާމީ ޝަރީއަތް ކަމަށެވެ. އަދި މި މުޖުތަމައަކީ ސައްތައިން ސައްތަ އިސްލާމީ މުޖުތަމައަކަށް ވާހިދު މުޖުތަމައަށް ހަމަޖެހުން އަންނާނީ އިސްލާމީ ޝަރީއަތުގައިވާ ގޮތަށް އަދަބުތައް ތަންފީޒު ކުރެވިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނޮޅިވަރަމު ދާއިރާގެ މުހައްމަދު ނަޝީދު ވިދާޅުވީ، ގާނޫނުތައް ބައްޓަންވެގެންދާން ވާނީ ފާޅުގައި އަޅުގަނޑުމެންގެ ތެރޭގައި ކުށް ކުރާ މީހުންނަށް އަދަބު ލިބޭ ގޮތަށް ކަމަށެވެ. އަދި މި ގައުމަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވާ ހިނދު ގައުމުގައި އިސްލާމީ ޝަރީއަތް ގާއިމު ކުރެވިގެންނޫނީ ގައުމުގައި މިހާރު ހުރި މައްސަލަތައް ހައްލުވެދާނެ ކަމަށް ގަބޫލެއް ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެންމެ ފަހުގެ މަރުހަލާއެއްގެ ގޮތުގައި މަރުގެ އަދަބުދިނުން އެއީ ހައްލެއްކަމަށް އަޅުގަނޑު ދެކެން. މައްސަލައިގެ އަސްލަކީ އެކަން ކުރިޔަ ނުދިނުމަށް އެޅެން ހުރި ފިޔަވަޅުތައް އެޅުން. ނަމަވެސް، ފަހު މަރުހަލާއެއްގެ ގޮތުން ގިސޯސްހިފުން އޮންނަން ޖެހޭނެ،" ނަޝީދު ވިދާޅުވި އެވެ.

މި އިސްލާހް ހުށަހެޅުއްވި އަހްމަދު ރަޝީދު ވިދާޅުވީ، މީހަކު މެރުމުގެ އަދަބެއްގެ ގޮތުން 25 އަހަރަށް ޖަލަށް ލުމަކީ ހައްލެއް ނޫން ކަމަށެވެ. އަދި އެގޮތަށް ޖަލަށްލާ މީހާ ތިން ދުވަސް ތެރޭގައި މުޖުތަމައަށް ނިކުމެ އަލުން ކުށް ތަކުރާރު ކުރަމުންދާ ކަން ވެސް އަހްމަދު ރަޝީދު ފާހަގަ ކުރެއްވި އެވެ. އަދި މަޖިލީހުގެ ހުރިހާ މެންބަރުން އެއްބައިވެ މުޖުތަކައުގެ ސަލާމަތަށް ޓަކައި މި އިސްލާހް ގާނޫނަށް ގެނައުމަކީ މުހިއްމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި އިސްލާހަށް ވާހަކަ ދެއްކެވި ބައެއް މެންބަރުން ވިދާޅުވީ މަރަށް މަރުގެ އަދަބު ދިނުމަށް ނިންމާ އިރު ކަމާ ބެހޭ މުއައްސަސާތައް އެކަމަށް ތައްޔާރުތޯ ބަލަން ޖެހޭ ކަމަށެވެ. އެގޮތުން ޝަރުއީ އާދިރާ އާއި ފުލުހުންނާއި ކަމާ ބެހޭ އެހެން މުއައްސަސާތައް ޕްރޮފެޝަނަލް ވާން ޖެހޭ ކަމަށާއި އެ މުއައްސަސާތަކާ މެދު ރައްޔިތުންގެ އިތުބާރު އޮތްގޮތް ބަލަން ޖެހޭ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.

އަހްމަދު ރަޝީދު ގާނޫނަށް އިސްލާހް ހުށަހަޅުއްވާފައި ވަނީ، ސުޕްރީމް ކޯޓުން މީހެއްގެ މައްޗަށް ހުކުމް ކަނޑައަޅައިފާ ހިނދެއްގައި ދަށު ކޯޓުން ނުވަތަ ހައިކޯޓުން މީހެއްގެ މައްޗަށް ކަނޑައަޅާފައިވާ މަރުގެ ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި ހިނދެއްގައި އެހުކުމް ތަންފީޒު ކުރަންވާނެ ކަމަށް ބުނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު