ފެމެލީ ކޯޓުން މަސައްކަތް ކުރަނީ އިންސާފުންތޯ ބަލައި ދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު ގޮވައިލައިފި

ފެމެލީ ކޯޓުގެ މަސައްކަތް ކުރިއަށް ގެންދަނީ އެންމެ އިންސާފުވެރިކޮށްތޯ ބެލުމަށްޓަކައި ހިއުމަންރައިޓްސް ކޮމިޝަނުން ދިރާސާއެއް ކުރުމަށް ރައްޔިޔުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ގޮވާލައްވައިފި އެވެ.

އަންހެނުންގެ ދުވަސް ބައިނަލްއަގުވާމީ ގޮތެއްގައި ފާހަގަ ކުރާތާ 100 އަހަރު ފުރުމުގެ މުނާސަބަތުގައި ޔޫއެންއެފްޕީއޭ އާއި "ތިރީސް ނުވައެއް" ޖަމިއްޔާ އިން ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި ކޯޓްތަކުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފައްދަމުން އިވާ ވިދާޅުވީ ފެމެލީ ކޯޓުގެ މަސައްކަތް ކުރިއަށް ދަނީ އެންމެ އިންސާފުވެރިކޮށްތޯ ބަލަން ޖެހޭ ކަމަށެވެ.

"ކޯޓް ތައް، ހާއްސަކޮށް އާއިލާ ކޯޓްގެ މަސައްކަތް ގެންދަނީ އެންމެ އިންސާފުވެރިކޮށްތޯ ބަލަން އަޅުގަނޑުމެން ހިއުމަންރައިޓްސް ކޮމިޝަނުން އިންތިޒާމީ ގޮތެއްގައި ދިރާސާއެއް ކުރަން ޖެހޭ. ދިރާސާތަކަށް ބަލައި ސިޔާސަތުތައް ކަނޑެއެޅުމުން ބޮޑެތި ބަދަލްތަކެއް ގެނެވޭނެ،" އީވާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގައުމުގެ ހާލަތު ބަދަލުވަމުންދާއިރު ކުރިން ފެންމަތި ނުވާ މައްސަލަތަކެއް މިއަދު ފެންނަމުންދާ ކަމަށާއި އެގޮތުން ބަޔަކު ދައްކާ ވާހަކަތަކާ ގުޅިގެން ސްކޫލްތަކުގެ ބައެއް ހަރަކާތްތަކުން އަންހެން ކުދިން މަހުރޫމްކޮށްފައިވާ ކަމަށެވެ. އަދި އެއީ އެ ކުދިންގެ މުސްތަގުބަލަށް އެޅޭނެ ހުރަހެއް ކަމަށާއި ކަންކަމުގައި އިސްނަގައި ހަރަކާތެރިވުމަށް އޮތް ހުރަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ބައިނަލްއަހުވާމީ ފެންވަރުގައި ބައިވެރިވެފައިވާ މުހާހަދާތަކާއި އިންސާނީ ހައްގުތަކުގެ މުހާހަދާތަކާ އެއްހަމައެއްގައި ދިވެހިން ފައިތިލަ ހަމަކުރަން ޖެހޭ ކަމަށެވެ.

ދިވެހި ރާއްޖެ އަށް މިހާރު އަންނަމުންދާ ބަދަލުގައި އަންހެނުންގެ ހިއްސާ ވަރަށް ބޮޑު ކަމަށް ފާހަގަ ކުރައްވައި އީވާ ވިދާޅުވީ ސިޔާސީ ބޮޑެތި ޕާޓީތައް ކާމިޔާބުކަން މަތީ ހިންގުމަށް އަންހެނުންގެ ހިއްސާ ބޮޑު ކަމަށެވެ.

"އެތައް ބައިވަރު އަންހެނުންތަކެއް އެކި ދިމަދިމާލުން ނުކުމެގެން، މަސައްކަތްކޮށްގެން ގެނައި ބަދަލުތަކެއް. މަގުމައްޗަށް ނުކުމެ މުޒާހަރާކޮށްގެން، ވިދިވިދިގެން އައި ހުރިހާ އިންތިހާބެއްގައި ފުރިހަމައަށް ބައިވެރިވެގެން އަދި މިގެނައި ހުރިހާ ބަދަލްތަކެއްގައި ބޮޑެތި ހުރިހައި ޕާޓީތަކެއް ހިންގައިދިނީ، ކާމިޔާބު ޕާޓީތަކަށް ހަދައިދިނީ އަދި ހަރަކާތްތެރި ޕާޓީތަކަށް ހަދައިދިނީ އަންހެނުންތަކެއް ވަރަށް ބޮޑަށް ޝާމިލްވެގެން،"

ރޭގެ ޖަލްސާގައި އަންހެނުންގެ ހާލަތާ މެދު ތާރީހީ ނަޒަރަކުން ބައްލަވައިލައްވަމުން ކުރީގެ ޖެންޑާ މިނިސްޓަރު އަނީސާ އަހުމަދު ވިދާޅުވީ އަންހެނުނަށް އިވޭ އަޑުތަކާ ގުޅިގެން، އެކަމާ ފަސްޖެހޭ އަންހެނުން ރާއްޖޭގައި އެބަތިބި ކަމަށެވެ.
.."ބައިވަރު "ސަޅި އަންހެނުން" ރާއްޖޭގައި އެބަތިބި. އެހެން ނަމަވެސް އެ މީހުން ތިބިކަން އަޅުގަނޑުމެންނަށް ނޭނގެނީ. އެ މީހުން ޓެޕް ނުކުރެވެނީ. އަދި މިހާރުގެ ހަގީގަތަކީ މި ދެންނެވި ކަހަލަ އަންހެނުން, އެ ތަނުން އެއް އަންހެނަކު ފާހަގަކުރިހެން, މިހާރު އަންހެނުން ތިބެން ޖެހޭނީ ފަރުދާވެގެން ގޭތެރޭގައޭ ބުނާ އަޑު އިވޭތީ އެކަމާ
ޖެހިލުންވެ ކުރަން ބޭނުންވާ މަސައްކަތްތައް ކުރުމަށް ވެސް ފަސް ޖެހެނީ،" އަނީސާ ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ ގޮތެއްގައި އަންހެނުންގެ ދުވަސް ފާހަގަ ކުރާތާ މިއަދަށް، 100 އަހަރު ފުރޭއިރު ރާއްޖޭގައި ފުރުތަމަ ފަހަރަށް އަންހެނުންގެ ދުވަހެއް ފާހަގަކޮށްފައި ވަނީ 1983ގަ އެވެ. އަންހެނުންގެ ދުވަސް ބައިނަލްއަގުވާމީ ގޮތެއްގައި ފާހަގަ ކުރަންފެށީ، މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކާއި އިންސާނީ ހައްގުތައް ފޯރުކޮށްދިނުމުގައި ދިމާވާ ތަފާތުކުރުންތަކާ ގުޅިގެން އަންހެނުން އިސްނަގައިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުފުލި އަޑުތަކާ ގުޅިގެންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު