ޑިޒްނީގެ މެރިޑާ، ވަންސް އަޕޯން އަ ޓައިމް އަށް އަންނަނީ

ޑިޒްނީގެ މަޝްހޫރު ކާޓޫނު "ބްރޭވް"ގެ ލީޑް ކެެރެކްޓާ މެރިޑާ ކުޑަ ސްކްރީން ޓީވީޝޯ "ވަންސް އަޕޯން އަ ޓައިމް" އަށް ގެނައުމަށް ނިންމަފި އެވެ.

ސެންޑިއޭގޯ ކޮންވެންޝަން ސެންޓަރުގައި ކުރިއަށްދިޔަ ކޮމިކް-ކޯން އިންޓަނޭޝަނަލްގައި ވަންސް އަޕޯން އަ ޓައިމްގެ ޕެނަލް ބޯޑުން މެރިޑާ، އެ ސީރީޒްގެ ކުރިއަށް އޮތް ސީޒަން ކަމަށްވާ ސީޒަން ފަހެއްގައި ފީޗާ ކުރާނެ ކަމަށް ބުންޏެވެ.

ވަންސް އަޕޯން އަ ޓައިމްގައި މެރިޑާގެ ކެރެކްޓަރު ކުޅޭނީ ސްކޮޓިޝް އެކްޓްރެސް އޭމީ މެންސަން އެވެ. މެންސަން އަކީ ޓީވީ ސީރީޒް އެޓްލެންޓިސްގައި ހަރަކާތްތެރިވެފައިވާ ފަންނާނެކެވެ.

އެގޮތުން ރޭގެ ކޮމިކް-ކޯން ގައި ވަނީ ވަންސް އަޕޯން އަ ޓައިމްގައި މެރިޑާ ދައްކާލާ ކްލިޕެއްވެސް ވަނީ އާންމުކޮށްފަ އެވެ.

ވަންސް އަޕޯން އަ ޓައިމް އަކީ އެކި ކާޓޫން އަދި ފިލްމުތަކުގެ ފިކްޝަނަލް ކެރެކްޓަރުން އުޅޭ ސީރީޒް އެކެވެ. އެގޮތުން މިދިޔަ އަހަރު އެ ސީރީޒްގެ ހަތަރު ވަނަ ސީޒަން އަށް ވަނީ ޑިޒްނީ ފްރޯޒެންގެ ކެރެކްޓަރުން ވެސް ތައާރަފުކޮށްފަ އެވެ.

ބްރޭވް އަކީ ޑިޒްނީ އިން 2012 ވަނަ އަހަރު ނެރެފައިވަނީ އެނިމޭޓެޑް ކޮމެޑީ-ފެންޓެސީ ފިލްމެކެވެ. ބްރޭވްގެ ވާހަކަ ބިނާ ވެފައިވަނީ ކުއީން އެލިނޯ އާއި ކިންގް ފާގަސް އަށް ލިބިފައި ހުންނަ އަންހެން ދަރި މެރިޑާގެ މައްޗަށެވެ. ބުޅި އިސްތަށިގަނޑެއްގެ ވެރި، މެރިޑާއަކީ ތީރު ޖެހުމުގެ ހުނަރަށް ފަރިތަ އަންހެން ކުއްޖެކެވެ. އެ ފިލްމުގައި ދައްކުވައިދޭނީ މެރިޑާގެ ބޯހަރު ކަމުން ދިމާވާ ކަންތައްތައްތަކާއި އެކަމުން ސަލާމަތް ވުމަށް އޭނާ ކުރާ ކަންތައްތަކުގެ މައްޗަށެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު