ސައިބާ ބުލީ ކުރުމަކީ ގާނޫނީ ގޮތުން ކުށެއް ގޮތުގައި ކަނޑައަޅާ ބިލެއް ނިއުޒީލެންޑްގައި ފާސްކޮށްފިއެވެ.
އިންޓަނެޓް ބޭނުން ކޮށްގެން އެހެން ފަރާތްތަކަށް ގެއްލުން ދިނުން ހުއްޓުވުމަށް ނިއުޒީލެންޑްގައި ފާސް ކުރި ބިލު ގާނޫނެއްގެ ގޮތުގައި ރަސްމީކޮށް ހިމަނާނެއެވެ. މިއަދު ރޯޔަލް އެސެންޓް އަށް ފަހު އެ ބިލަށް އަމަލު ކުރަން ފަށާނެއެވެ.
"ހާމްފުލް ޑިޖިޓަލް ކޮމިއުނިކޭޝަން" ބިލުގައި ބުނާގޮތުގައި ސައިބާ ބުލީ ކޮށްފި ނަމަ އެކަން ކުރާ ފަރާތަކަށް އަދަބެއްގެ ގޮތުގައި 50،000 ޑޮލަރުގެ ޖޫރިމަނާއެއް ކުރެވޭނެ އެވެ.
ސައިބާ ބުލީގެ ތެރޭގައި ދީނަށް ފުރައްސާރަ ކުރުމާއި ނަސްލީގޮތުން ފާޑުކިޔުމާއި ނުކުޅެދުންތެރިކަމާއި ސެކްޝުއަލް އޮރިއެންޓޭޝަން އާ ގުޅޭގޮތުން މީހުން ދެރަވެ ލަދުގަންނަ ފަދަ ފޮޓޯއާއި މެސެޖުފަދަ ތަކެތި ޕޯސްޓު ކުރުން ހިމެނެއެވެ.
މީހަކު އަމިއްލައަށް މަރުވުމަށް ބާރު ދިނުމާއި އެކަމަށް މަގުފަހިވާ ގޮތަށް ކަންތައްތައް ކުރާ މީހަކު ތިން އަހަރުގެ މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށްވެސް އެ ބިލުގައި ބުނެފައިވެއެވެ.
ސައިބާ ބުލީ ކުރުމާ ގުޅޭގޮތުން ހާއްސަ "އެޕްރޫވްޑް އޭޖެންސީ" އެއް ގާއިމު ކުރެވޭނެ ކަމަށް އެ ބިލުގައި ބުނެފައިވެއެވެ.
އެ ބިލާ ބެހޭގޮތުން ގިނަ ބަޔަކު ވަނީ ތަފާތު ހިޔާލުތަކެއް ފާޅުކޮށްފައެވެ. އެއްބަޔަކު ދެކޭގޮތުގައި ބުލީ ކުރުން ހުއްޓުމަށް އެ ބިލަކީ ވަރަށް މުހިއްމު ފިޔަވަޅެކެވެ. ނަމަވެސް އަނެއް ބަޔަކު ދެކޭގޮތުގައި އެ ބިލަށް އަމަލު ކުރަން ފެށުމުން ހިޔާލުފާޅު ކުރުމުޔުގެ މިނިވަން ކަމަށް ބޮޑެތި ހުރަސްތަކެއް އަންނާނެ އެވެ.
ޓެކް ލިބާޓީގެ ކޯ ފައުންޑާ ތޯމަސް ބޭގްލް، އެ ބިލާ މެދު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެ ބިލުގައި "ބަގަނޑު"ތަކެއް ހުރި ކަމަށެވެ. އަދި އެފަދަ ކުށް ހުރި ބިލެއް ފާސް ކުރުމުން އެކަމާ ހިތާމަ ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.