ގައުމީ ޕާޓީގެ ރައީސް ކަމަށް ޑރ. ހަސަން އަދި ނައިބު ރައީސް ކަމަށް ރިޔާޒު ވޯޓަކަށް ނުގޮސް އިންތިހާބުވެއްޖެ

14:30


ގައުމީ ޕާޓީގެ ރައީސް ކަމަށް ޑރ. ހަސަން ސައީދު އަދި ނައިބު ރައީސް ކަމަށް ރިޔާޒު ރަޝީދު، ވޯޓަކަށް ނުގޮސް އިންތިހާބުވެއްޖެ އެވެ.


ގައުމީ ޕާޓީގެ ފުރަތަމަ ކޮންގްރެސް އަންނަ މަހު އެކެއްގައި ބާއްވާއިރު، އެ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލާފައިވާ ހަމައެކަނި ބޭފުޅަކީ، އެންމެ ފަހުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ޑރ. ހަސަން ސައީދު ކަމުން އޭނާ ވަނީ ވޯޓަކަށް ނުގޮސް އިންތިހާބުވެފަ އެވެ. އަދި ހަމަ ނައިބު ރައީސް ކަމަށް، ކުރިމަތިލެއްވި ފަސް ބޭފުޅުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވަނީ ނައިބު ރައީސެއްގެ މަގާމަށް ހޮވިވަޑައިގެންފަ އެވެ. އެއީ، އަސާސީ ގަވައިދުގައި ބުނާ ހަތަރު ނައިބުންކުރެ މަގާމަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ކުރިމަތިލައްވައިފި ނަމަ، އިންތިހާބަކާ ނުލައި އެ މަގާމަކަށް އޭނާ ހޮވޭ ގޮތަށް ހަމަޖެހިފައިވާތީ އެވެ. ނަމަވެސް، ނައިބު ރައީސްކަމުގެ އަނެއް ތިން ގޮނޑި އަށް ވާދަކުރައްވާ ހަތަރު ބޭފުޅުންގެ މެދުގައި ވޯޓުލުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ހަތަރު ބޭފުޅުންނަކީ ޑރ. މުހައްމަދު ޖަމީލު އަހުމަދާއި އިމާދު ސޯލިހާއި މުހައްމަދު މަލީހި ޖަމާލާއި އަބްދުލް މަތީން މުހައްމަދެވެ.


މީގެ އިތުރުން އެ ޕާޓީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމާއި އަންހެނުން ގޮފީގެ ރައީސް ކަމަށް ކުރިމަތިލެއްވި ހަމައެކަނި ދެ ބޭފުޅުން ވެސް ވަނީ އިންތިހާބަކާ ނުލައި އެ މަގާމުތަކަށް ހޮވިވަޑައިގެންފަ އެވެ. އެއީ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ކުރިމަތިލެއްވި އަބްދުﷲ އަމީނާއި އަންހެނުން ގޮފީގެ ރައީސް ކަމަށް ކުރިމަތިލެއްވި އައިޝަތު ވަހީދާ އެވެ.


ގައުމީ ޕާޓީގެ ކޮންގްރެސްއާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ކައުންސިލް މެންބަރު އިމާދު ސޯލިހް މިއަދު ވިދާޅުވީ ފާޓީގެ އަތޮޅުތަކުގެ ގޮފިތަކުން ގިނަ މެންބަރުންތަކެއް ކޮންގްރެސްއަށް މާލެ އަންނާނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު