އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) އިންޑިއާގެ ޖީއެމްއާރު ކުންފުނިން ނެގުމުން އެކަމުގެ ބަދަލެއްގެ ގޮތުގައި 803 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަަމަށް ބުނެ ޖީއެމްއާރުން ހުށަހެޅި ދައުވާ ބިނާކުރި އަސާސްތައް ބަލައިގަނެވެން ނެތް ކަަމަށް ސިންގަޕޫރު އާބިޓްރޭޝަން ޓްރައިބިއުނަލުން ނިންމައި ފިއެވެ.
މިދިޔަ ބުދަ ދުވަހު އެގޮތަށް ނިންމާފައި ވަނީ ލަންޑަނުގައި ބޭއްވި އަޑުއެހުމެއްގަ އެވެ. ސަރުކާރުގެ އިސް އޮފިޝަލަކު "ސަން"އަށް މިކަން ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.
ޖީއެމްއާރުން 803 މިލިއަން ޑޮލަރު ބަދަލުގެ ގޮތުގައި ދޭންޖެހޭނެ ކަަމަށް ބުނެފައި ވަނީ އެގްރިމެންޓް ބާޠިލް ކުރުމުން ލިބުނު ސީދާ ގެއްލުމާއި އަދި އެކުންފުންޏަށް ލިބުނު ލޮސް އޮފް ޕްރޮފިޓް (އާމްދަނީގެ ފައިދާ ނުލިބުމުން ވާ ގެއްލުން) އާއި އެ ކުންފުނީގެ ނަމާއި އިއްޒަތަށް ލިބުނު ހުތުރަށް ވެސް ބަދަލުދޭން ޖެހޭނެ ކަަމަށް ހިމަނައިގެންނެވެ.
އާބިޓްރޭޝަނުން އެ ގޮތަށް ނިންމާފައި ވަނީ ދިވެހި ސަރުކާރުން ޖީއެމްއާރުން ހުށަހަޅާފައިވާ އަދަދަކީ ރަނގަޅު އަދަދެއް ނޫންކަމަށާއި ބަދަލުދޭންޖެހޭ އަދަދު ކަނޑައަޅަންޖެހޭނީ އެގްރިމެންޓްގެ މާއްދާ އަކަަށް ރިއާޔަތްކޮށްފަ ކަމަށް ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ.
"އާބިޓްރޭޝަނުން ނިންމާފައި މި އޮތީ ދިވެހި ސަރުކާރުން ހުށަހެޅީ ރަނގަޅު ވާހަކައެއް ކަމަށް. ބަދަލު ދޭން ޖެހޭއިރު އެ ބަދަލުތަކުގެ ތެރޭގައި ނުހިމެނޭނެ ކަން ލޮސް އޮފް ޕްރޮފިޓް. އަދި ޓްރައިބިއުނަލުން ކަނޑައެޅި އެގްރިމެންޓްގެ އެ މާއްދާގެ ދަށުން ދޭން ޖެހޭ ޚަރަދުތަކުގެ ބަދަލު ފިޔަވާ އެހެން އެއްޗެއް ދޭން ނުޖެހޭނެ ކަަމަށް،" ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
ސަރުކާރުން ޖީއެމްއާރުގެ އެގްރިމެންޓް ބާޠިލްކުރުމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ފާއިތުވި އަހަރު ޖޫން މަހު އާބިޓްރޭޝަނުން ވަނީ ނިންމާފަ އެވެ. މި ނިންމުމާ އެކު ޖީއެމްއާރުން ފުރަތަމަ ހުށަހެޅީ ބަދަލެއްގެ ގޮތުގައި 1.4 ބިލިއަން އެމެރިކާ ޑޮލަރު ހޯދުމަށެވެ. ނަމެވެސް ފަހުން ޖީއެމްއާރުން ވަނީ 803 މިލިއަން އެމެރިކާ ޑޮލަރަށް އެ އަދަދު ދަށްކޮށްފަ އެވެ. ނަމަވެސް އެ އަދަދު ދަށް ކުރި ސަބަބެއް ޖީއެމްއާރުން ނުބުނެ އެވެ.
"ދިވެހި ސަރުކާރުން ގަބޫލު ކުރަނީ އެ އަދަދު މިއަށްވުރެ މާބޮޑަށް ދަށް ވާނެ ކަަމަށް،" ސަރުކާރުގެ އޮފިޝަލަކު ވިދާޅުވިއެވެ.
ސަރުކާރުން މީގެ ކުރިން ބުނެފައި ވަނީ ޖީއެމްއާރަށް ބަދަލުގެ ގޮތުގައި 300 މިލިއަން ޑޮލަރު ވެސް ދައްކަން ނުޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް ދިވެހި ސަރުކާރުން ދައްކަންޖެހޭނެ ކަަމަށް ގަބޫލުކުރާ މިންވަރަކީ ކޮބައިކަމެއް ސަރުކާރުން ނުބުނެއެވެ.