ޑީއާރުޕީ އަށް ފައިސާ ދޫކުރީ ހަބަށް ދައްކަން ޖެހޭ ފައިސާ ކެނޑުމަށް ފަހު: އިލެކްޝަންސް

2013 ވަނަ އަަހަރު ބޭއްވި ޑީއާރުޕީގެ ގައުމީ ޖަލްސާގެ ތެރެއިން -- ސަން ފައިލް ފޮޓޯ

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރި ފައިސާގެ ތެރެއިން ޑީއާރުޕީ އަށް ފައިސާ ދޫކޮށްފައި ވަނީ އެ ޕާޓީ އިން ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދައްކަން ޖެހޭ ފައިސާ ކެނޑުމަށް ފަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު މިއަދު 'ސަން' އަށް ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމަށް އިއްޔެ ފިނޭންސް މިނިސްޓްރީ އަށް ހުރިހާ ޑޮކިއުމަންޓެއް ފޮނުވާފައިވާ އިރު ޑީއާރުޕީ އަށް ދިނުމަށް ކަނޑައަޅާފައިވާ 2.2 މިލިއަން ރުފިޔާއަކީ އެ ޕަޓީ އިން ހަބަށް ދޭން ޖެހޭ އަދަދު ކެނޑުމަށް ފަހު ދައުލަތުގެ ބަޖެޓުން އެ ޕާޓީ އަށް ލިބޭ ފައިސާ ކަމަށެވެ. އަދި ހަބަށް ދައްކަން ޖެހޭ ފައިސާ ވެސް ސިވިލް ކޯޓު މެދުވެރިކޮށް ހަބް ކުންފުންޏަށް ދެއްކުމާ ބެހޭ ޑޮކިއުމަންޓްތައް ވެސް އިއްޔެ ފޮނުވާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އުސޫލެއްގެ ގޮތުން އިލެކްޝަންސް އިން ޕާޓީތަކަށް ފައިސާ ކަނޑައަޅާ އިރު އެ ޕާޓީތަކުގެ ދަރަންޏެއް އޮތްތޯ ބަލައި އެ ދަރަންޏެއް ކެނޑުމަށް ފަހު ފައިސާ ދޫކުރަނީ،" އޭނާ ވިދާޅުވި އެވެ.

ހަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ޑީއާރްޕީ އަށް ފޯރުކޮށްދީފައިވާ ޚިދުމަތްތަކަށް އެ ޕާޓީން ދައްކަން ޖެހޭ 718،438 ރުފިޔާ ނުދައްކައިގެން ހަބުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އަދި ހައިކޯޓުން ވެސް ވަނީ އެ ފައިސާ ދިނުމަށް އެ ޕާޓީގެ މައްޗަށް އަމުރުކޮށްފަ އެވެ. ނަމަވެސް ޑީއާރުޕީން އެ ފައިސާ ދައްކާފައިނުވާތީ ސިވިލް ކޯޓުން ވަނީ އެޕާޓީ ޖޫރިމަނާކޮށްފަ އެވެ. އަދި އެ ޕާޓީ އަށް ދައުލަތުން ފައިސާ ދޭ އިރު އެ ފައިސާ ކެނޑުމަށް ފަހު ދިނުމަށް ވަނީ އަމުރުކޮށްފަ އެވެ.

މިއަހަރު ދައުލަތުގެ ބަޖެޓުން އެންމެ ގިނަ ފައިސާ ލިބިފައި ވަނީ އެމްޑީޕީ އަށެވެ. އެ ޕާޓީއަށް ހަތް މިލިއަން ރުފިޔާ ލިބިފައިވާ އިރު ދެވަނަ އަށް އެންމެ ގިނަ ފައިސާ ލިބިފައި ވަނީ ޕީޕީއެމް އަށެވެ. އެ ޕާޓީ އަށް 5.4 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. އަދި ތިން ވަނަ އަށް އެންމެ ގިނަ ފައިސާ ލިބިފައި ވަނީ 14،750 މެމްބަރުން ރަޖިސްޓްރީކޮށްފައިވާ ޑީއާރުޕީ އަށެވެ. އެ ޕާޓީ އަށް 2.2 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު