ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކޮށްފި

ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމުން މާލޭގައި ބޭއްވި ހިނގާލުމެއްގެ ތެރެއިން -- ސަން ފައިލް ފޮޓޯ

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ކަނޑައަޅާފައިވާ ފައިސާ ހަތް ސިޔާސީ ޕާޓީއަކަށް ދޫކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އިއްޔެ އެ ފައިސާ ދޫކޮށްފައި ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 35 ވަނަ މާއްދާގެ (ނ) ގައިވާ އިޖުރާއަތުތައް ފުރިހަމަކޮށްފައިވާ ހަތް ސިޔާސީ ޕާޓީއަށް ކަމަށެވެ. އެ ފައިސާ ދޫކޮށްފައި ވަނީ އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި ޑީއާރުޕީ އާއި އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ އާއި ޖުމްހޫރީޕާޓީ އާއި ޕީޕީއެމް އަދި އެމްޑީއޭ އަށެވެ.

އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކަށް ފައިސާ ދޫކުރުމަށް ފޮނުވަން ޖެހޭ ލިޔެކިޔުންތައް އިއްޔެ ފިނޭންސް މިނިސްޓްރީ އަށް ފޮނުވާފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ އަދަދަށް ބަލާ އިރު މިއަހަރު އެންމެ ގިނަ ފައިސާ ލިބިފައި ވަނީ 44608 މެމްބަރުން ރަޖިސްޓްރީކޮށްފައިވާ އެމްޑީޕީއަށެވެ. އެ ޕާޓީއަށް ހަތް މިލިއަން ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅައިފަ އެވެ.

ދެވަނަ އަށް އެންމެ ގިނަ ފައިސާ ލިބިފައި ވަނީ 36،236 މެމްބަރުން ރަޖިސްޓްރީކޮށްފައިވާ ޕީޕީއެމް އަށެވެ. އެޕާޓީ އަށް 5.4 މިލިއަން ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅައިފަ އެވެ.

ތިންވަނަ އަށް އެންމެ ގިނަ ފައިސާ ލިބިފައި ވަނީ 14،750 މެމްބަރުން ރަޖިސްޓްރީކޮށްފައިވާ ޑީއާރުޕީ އަށެވެ. އެ ޕާޓީއަށް 2.2 މިލިއަން ރުފިޔާ ކަނޑައަޅައިފައިވެ އެވެ.

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގައި 13،990 މެމްބަރުން ތިބިއިރު މެމްބަރުންގެ ނިސްބަތުން އެޕާޓީ އަށް ދިނުމަށް ކަނޑައަޅާފައި ވަނީ 2.1 މިލިއަން ރުފިޔާ އެވެ.

މެމްބަރުންގެ ނިސްބަތުން އަދާލަތު ޕާޓީއަށް ދިނުމަށް ކަނޑައަޅާފައި ވަނީ 1.3 މިލިއަން ރުފިޔާ އެވެ. އެޕާޓީގައި 9000 މެމްބަރުން ރަޖިސްޓުރީ ކޮށްފައިވެ އެވެ.

ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްޑީއޭގައި 7،666 މެމްބަރުން ތިބި އިރު މެމްބަރުންގެ ނިސްބަތުން އެއް މިލިއަން ރުފިޔާ އެ ޕާޓީއަށް ދޫކޮށްފައިވެ އެވެ.

އެންމެ މީހުން މަދު ޕާޓީއެއްގެ ގޮތުގައި އިސްލާމިކު ޑިމޮކްރަޓިކް ޕާޓީ (އައިޑީޕީ) އޮތް އިރު އެޕާޓީ އަށް 300،000 ރުފިޔާ ލިބެ އެވެ. އެޕާޓީގައި ރަޖިސްޓުރީ ކޮށްފައި ތިބީ 2148 މެމްބަރުން ނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު