ޒުވާނުން ކުރިއަރަން ބޭނުން ކޮންމެ ދާއިރާއަކުންވެސް ކުރިއެރޭނެކަން ރޭސިން އިން ހާމަކޮށްދޭ: އުމަރު

މިނިވަން 50 ގުޅިގެން ކުރިއަށްދަ ރޭސިން ފެސްޓިވަލް ފެށުމުގެ ރަސްމިއްޔަތުގައި ހޯމް މިނިސްޓަ ޢުމަރު ނަޞީރު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި ޒުވަނުން ކުރިއަރަން ބޭނުންވި ކޮންމެ ދާއިރާއަކުންވެސް ކުރިއެރޭނެކަން ރޭސިންއިން ހާމާކޮށްދީފައިވާކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

މިނިވަން ފަންސާހާ ގުޅިގެން ކުރިއަށް ގެންދާ ރޭސިން ފެސްޓިވަލް އިފްތިތާހުކޮށްދެއްވުމަށް ރޭ ހުޅުމާލޭ ރޭސިން ގުރައުންޑްގައި ބޭއްވި ހަފުލާގައި ވާހަކަފުޅުދައްކަމުން އުމަރު ވިދާޅުވީ މީގެ ވިއްސަކަށް އަހަރު ކުރިން ބައެއް ބޭފުޅުންނަށް ހީވެފައި އޮންނަނީ ރޭސިންގެ އިވެންޓެއް ދުވަހަކުވެސް ރާއްޖޭގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ކަމަށެވެ.

ނަމަވެސް ދިވެހި ޒުވާނުންތަކެއް އިސްނަގައިގެން އެމީހުން އަމިއްލަ ޚަރަދުގައި ކާރުތަކާއި ސައިކަލްތައް ހޯދައިގެން ވަރަށް އުނދަގޫ ހާލަތެއްގެ ތެރެއިން އެކުޅިވަރު ރާއްޖެއަށް ތައާރަފްކޮށްފައިވާ ކަމަށާއި މިއީ ރާއްޖޭގައި ކުރިމަގު އޮތްކަމެއް ކަމަށް ގަބޫލު ކުރެވިއްޖެ ކަމަށް މިނިސްޓަރު އުމަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރޭސިންއަކީ ރާއްޖޭގައި ކުރިމަގު އޮތްކު ކަމެއްކަން ސަރުކާރަށް އެނގި މިނިވަން 50 ގެ ހަރަކާތްތަކުގައި ރޭސިންގް ފެސްޓިވަލް ކުރިއަށް ގެންދިއުމަށް ނިންމީ ކަމަށެވެ.

މިނިވަން 50 ގުޅިގެން ކުރިއަށްދަ ރޭސިން ފެސްޓިވަލް ފައްޓވައި ދެއްވުމުގެ ގޮތުން ރޭސިން ގުރައުންޑުގައި ކާރު ދުއްވާލުމަށް ހޯމް މިނިސްޓަރު ކާރު ކޮޅުގައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޭސިން ފެސްޓިވަލް ފައްޓަވައި ދެއްވުމުގެ ގޮތުން މިނިސްޓަރު އުމަރާއި މިނިވަން ފަންސާހުގެ ކޮމިޓީގެ ބައިވެރިން ވަނީ ރޭސިން ގުރައުންޑުގައި ކާރު ދުއްވާފައެވެ.

ރޭ ފެށި ރޭސިން ފެސްޓިވަލްގައި 19 އިވެންޓެއްގައި 80 ދުއްވުންތެރިން ވަނީ ރޭސިން އިވެންޓްތަކުގައި ދުއްވުމަށް ހަމަޖެހިފައެވެ. މިފެސްޓިވަލްގައި ކާރާއި ސައިކަލް ރޭސްތައްވެސް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިފެސްޓިވަލް ނިމޭނީ މިރޭއެވެ.

comment ކޮމެންޓް