މައުމޫން ފެކްޝަނުން މިރޭ މުޒާހަރާ ކުރާއިރު ބައެއް މަގުތައް ބަންދުކޮށްލާނެ: ޕޮލިސް

މާލޭގައި ބަޔަކު މިރޭ ބާއްވާ މުޒާހަރާ އާއި ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި ބައެއް މަގުތައް ބަންދުކުރަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މިރޭ މާލޭގައި މުޒާހަރާއެއް ބާއްވަނީ ޑީއާރްޕީގެ ޒައީމް މައުމޫނަށް ސަޕޯޓްކުރާ "މައުމޫން ފެކްޝަން"ގެ ފަރާތުންނެވެ. ސަރުކާރުން ހިންގާ ގާނޫނާ ހިލާފް އަމަލުތަކާ ދެކޮޅަށް އަޑު އުފުލާ އެ މުޒާހަރާ ފަށާނީ 9:00 ޖަހާއިރު އާޓިފިޝަލް ބީޗުންނެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނަނީ "ބައެއް ފަރާތްތަކުން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާ" އާއި ގުޅިގެން ސަލާމަތީ ބައެއް ސަބަބު ތަކަށްޓަކައި ފުލުހުންގެ ޤާނޫނުގެ ދަށުން ސަލާމަތީ ބައެއް މަރުކަޒުތައް ހިމެނޭ ސަރަޙައްދު ތަކާއި އެ ސަރަޙައްދު ތަކަށް ދެވެން އޮންނަ ބައެއް މަގުތައް ބަންދު ކުރާނެ ކަމަށެވެ.

"މިރޭ ބަންދު ކުރާ ސަރަހައްދު ތަކުގެ ތެރޭގައި މުލިއާގެ އާއި ފުލުހުންގެ އިދާރާއި، ސިފައިންގެ އިދާރާއި ޖުމްހޫރީ މައިދާން ހިމެނޭ، " ފުލުހުންގެ މީޑިއާ އޮފިޝަލު ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިޔާމް ވިދާޅުވި އެވެ

"... މިގޮތަށް ނިންމާފައި މިވަނީ މިފަދަ ބައެއް މުޒާހަރާތަކުގައި ސަލާމަތީ ސަބަބުތަކަށްޓަކައި ފުލުހުން ބަންދުކޮށްގެން ތިބޭ ސަރަޙަދުތަކަށް މުޒާހަރާކުރާ ބައެއް ފަރާތްތަކުން އައިސް ފުލުހުންނާ ކުރިމަތިލާ ފުލުހުންނަށް ހަމަލާދީ ގަދަކަމުން ފުލުހުން ބަންދުކޮށްފައި އޮންނަ ސަރަޙައްދުތަކަށް ވަންނަން މަސައްކަތް ކުރަމުން އަންނާތީ، އެފަރާތްތަކަށް ސަލާމަތީ ސަބަބުތަކަށްޓަކައި ފުލުހުން ބަންދުކުރާ ސަރަޙައްދުތަށް އާއްމުކޮށް އަންގާ ޢިއުލާން ކުރުމުގެ މަޤްސަދުގައެވެ." މިރޭ ނެރުނު އެ ބަޔާނުގައި ވެއެވެ. އަދި ބުނީ މިރޭ ފުލުހުން ބަންދުކުރާ ސަރަޙައްދުތަކަށް ގަދަކަމުންވަދެ ފުލުހުންނާ ކުރިމަތިލާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު