މައުމޫން ފެކްޝަނުން މިރޭ ބާއްވާ މުޒާހަރާގައި ވީހާ ގިނަ ބަޔަކު ބައިވެރިވުމަށް ޑީއާރުޕީގެ ލީޑަޝިޕުން ގޮވައިލައިފި

ސަރުކާރުން ހިންގާ ގާނޫނާހިލާފް އަމަލުތަކާ ދެކޮޅަށް ޑީއާރުޕީގެ ޒައީމު އަލްއުސްތާޒު މައުމޫނު އަބުދުލްގައްޔޫމުގެ ފެކްޝަނުން ރާވައިގެން މިރޭ ބާއްވާ މުޒާހަރާގައި އިދިކޮޅު ހުރިހާ ޕާޓީތަކަކުންނާއި ޑީއާރުޕީގެ އެންމެހާ މެންބަރުން ބައިވެރިވުމަށް ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީގެ ފެކްޝަނުން ގޮވާލައިފި އެވެ.

ޑީއާރުޕީ އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި އެ ޕާޓީގެ ސެކްރެޓަރީ ޖެނަލް އަބުދުއްރަޝީދު ނާފިޒު މިއަދު ވިދާޅުވީ، އެ މުޒާހަރާގައި ބައިވެރިވުމަށް ގޮވައިލެއްވީ އެކަމަކީ، ސަރުކާރުން ހިންގާ ގާނޫނާ ހިލާފު ހުދުމުހުތާރު ކަންތައްތަކާ ދެކޮޅަށް ޑީއާރުޕީގެ މެންބަރުންނާއި ސަޕޯޓަރުން ބާއްވާ މުޒާހަރާއަކަށް ވާތީ ކަމަށެވެ. އަދި ސަރުކާރުން މިހާރު ހިންގާ ހުދުމުހުތާރު އަމަލުތައް ހުއްޓުވުމަކީ ޑީއާރުޕީ އަށް އެކަނި ކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށާއި، އެކަންތައްތަކާ ދެކޮޅަށް އިދިކޮޅު އެހެން ޕާޓީތަކުން ވެސް ބައިވެރިވުމަށް ނާފިޒު ވަނީ ގޮވައިލައްވައިފަ އެވެ. އަދި އިދިކޮޅު ޕާޓީތަކުން މަޑުން ނުތިބެ ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ބައިވެރިވުމަށް ވެސް އޭނާ ގޮވައިލެއްވި އެވެ.

އަބުދުއްރަޝީދު ނާފިޒު ވިދާޅުވީ، ކ.ތުލުސްދޫ އާއި ށ. ފުނަދޫ ކައުންސިލް އޮފީސް ހިސޯރު ކުރުމަށް ފުލުހުން ހިންގާ ހަރާތް ހުއްޓުވުމާ ބެހޭ ގޮތުން ޑީއާރުޕީން މިއަދު ޕޮލިސް އިންޓަގްރިޓީ ކޮމިޝަނާ އެކު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި އެކަމަށް ހައްލު ހޯދުމަށް މަސައްކަތްކޮށްދޭނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު