ސަން އެފްއެމް އެވޯޑްސް 2010 އަށް ވާދަ ކުރައްވާ ފަރާތްތަކުގެ ނަންތައް ރޭ އިއުލާނު ކޮށްފި އެވެ. ސަން އެފްއެމް އެވޯޑް ކޮމެޓީން ރޭ ކުރި އިޢުލާނުގައިވާ ގޮތުން 2010 ވަނަ އަހަރުގެ ސަން އެފް އެމް އެވޯޑްސް ގައި ހިމެނޭ ހަ ދާއިރާގެ ނުވަ އެވޯޑަށް 59 ފަރާތެއްގެ ނަން ވަނީ ނޮމިނޭޓް ވެފަ އެވެ.
އެ ގޮތުން 2010 ވަނަ އަހަރުގެ އެންމެ މަގުބޫލު ޝަޚުސިއްޔަތަށް ދޭ އެވޯޑަށް ހަތް ފަރާތެއްގެ ނަން ވަނީ ނޮމިނޭޓް ވެފަ އެވެ. އެ ބޭފުޅުންނަކީ މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަލް އުސްތާޒް މައުމޫން ޢަބްދުލް ގައްޔޫމާއި ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން ޢަލީ އާއި ޕީއޭގެ ލީޑަރު ޢަބްދުﷲ ޔާމީނާއި މަޝްހޫރު ގާނޫނީ ވަކީލު ޢާއިޝަތު އާޒިމާ ޝަކޫރާއި އައްޝައިޚު މުހައްމަދު ޝަހީމް ޢަލީ ސަޢީދާއި މާލޭ ސިޓީގެ މޭޔަރު ސަރަނގު އާދަމް މަނިކެވެ.
ސަން އެފް އެމް އެވޯޑްސް 2010 ގައި އަލަށް ދިނުމަށް ހަމަޖައްސާފައިވާ އަހަރުގެ އެންމެ މަގުބޫލު އިޖުތިމާއީ ޝަޚުސިއްޔަތު އެވޯޑަށް ހަ ބޭފުޅަކު ވާދަ ކުރައްވަ އެވެ. އެ ބޭފުޅުންނަކީ ގާސިމް އިބްރާހީމް އާއި މުހައްމަދު ވަހީދުއްދީން އާއި ސަލްމާ ފިކުރީ އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އައިމަން ރަޝީދާއި ޖާދުއްﷲ ޖަމީލާއި ޑރ. އަހުމަދު ރާޒީ އެވެ.
ސަން އެފްއެމް އެވޯޑްސްގެ އަހަރުގެ އެންމެ މަގުބޫލު ވިޔަފާރި ޝަޚުސިއްޔަތު އެވޯޑަށް ހަ ބޭފުޅެއްގެ ނަން ވަނީ ނޮމިނޭޓް ވެފަ އެވެ. އެ ބޭފުޅުންނަކީ ޤާސިމް އިބްރާހީމާއި އިބްރާހީމް އާމިރު (ސަލްސާ އާމިރު) އާއި ޑރ. ޢަބްދުﷲ ޒާހިރު (އައިކެއަރ ޒާހިރު) އާއި ޝާއިރާ ސަލީމް (ޝެރީ ޝާއިރާ) އާއި އަލިމަނިކު (ޓެޕްކޯން އައްޔަ) އަދި އަހުމަދު ޝަރީފް ( ސައިރިކްސް ޝަރީފް) އެވެ.
ސަންއެފްއެމް އެވޯޑްސް އަށް މިއަހަރު އަލަށް ތައާރަފު ކުރި ދާއިރާ ތަކުގެ ތެރޭގައި ހިމެނޭ އަހަރުގެ އެންމެ މަގުބޫލު އެކްޓަރު އެވޯޑަށް ހަ ފަރާތަކުން ވާދަ ކުރެ އެވެ. އެއީ އަލީ ސީޒަން އާއި ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި މުހައްމަދު ޢަބްދުﷲ (މުހައްމާ) އާއި މުހައްމަދު މަނިކާއި އަހުމަދު އަޒްނީލް (އަޒޭ) އަދި ލުފްޝާން ޝަކީބު (ލޫއްޕެ) ވެ.
ސަންއެފްއެމް އެވޯޑްސް އަށް މިއަހަރު އަލަށް ތައާރަފު ކުރި ދާއިރާ ތަކުގެ ތެރޭގައި ހިމެނޭ އަހަރުގެ އެންމެ މަގުބޫލު އެކްޓްރެސް އެވޯޑަށް ހަ ފަރާތެއްގެ ނަން ވަނީ ނޮމިނޭޓް ވެފަ އެވެ. އެއީ ސަން އެފްއެމް އެވޯޑްސް 2009 ގެ އަހަރުގެ އެންމެ މަގުބޫލު މުނިފޫހި ފިލުވައިދިނުމުގެ ޝަޚުސިއްޔަތު އެވޯޑް (އަންހެން) ލިބުނު މަރިޔަމް އަފީފާގެ އިތުރުން ޝީލާ ނަޖީބާއި ނިއުމާ މުހައްމަދާއި އާމިރާ އިސްމާއީލާއި އާއިޝަތު ރިޝްމީ އާއި މަރިޔަމް އައްޒަ އެވެ.
ސަންއެފްއެމް އެވޯޑްސް އަށް މިއަހަރު އަލަށް ތައާރަފު ކުރި ދާއިރާ ތަކުގެ ތެރޭގައި ހިމެނޭ އަހަރުގެ އެންމެ މަގުބޫލު ފިރިހެން ލަވަކިޔުންތެރިޔާގެ އެވޯޑަށް ނުވަ ފަރާތަކުން ވާދަ ކުރެ އެވެ. އެއީ ސަން އެފްއެމް އެވޯޑްސް 2009ގެ އަހަރުގެ އެންމެ މަގުބޫލު މުނިފޫހި ފިލުވައިދިނުމުގެ ޝަޚުސިއްޔަތު އެވޯޑް (ފިރިހެން) ލިބުނު މުޚުތާރު އާދަމްގެ އިތުރުން ޢަބްދުﷲ ޝައްފާނާއި މޫސާ ސަމާއު އާއި މުހައްމަދު ޢަބްދުލް ޣަނީ (ތޭރަވާ) އާއި އިބްރާހީމް ޢަލީ (ކުޑަ އިއްބެ) އާއި ޝައްމޫނު މުހައްމަދު އާއި ހަސަން ޖަލާލާއި މުހައްމަދު މުސްތަފާ (މުސްތޮ) އަދި އަހުމަދު އިބްރާހީމް (އައްމަޑޭ) އެވެ.
ސަންއެފްއެމް އެވޯޑްސް އަށް މިއަހަރު އަލަށް ތައާރަފު ކުރި ދާއިރާ ތަކުގެ ތެރޭގައި ހިމެނޭ އަހަރުގެ އެންމެ މަގުބޫލު އަންހެން ލަވަކިޔުންތެރިޔާގެ އެވޯޑަށް ހަތް ފަރާތަކުން ވާދަ ކުރެ އެވެ. އެއީ މާއިން ރަޝީދާއި މަރިޔަމް ނަދާ އިނާޒާއި ޝިފާ ތައުފީގާއި މަރިޔަމް އުނޫޝާ އާއި ރާފިޔަތު ރަމީޒާ އާއި މަރިޔަމް އަޝްފާ އަދި އާމިނަތު ޝާނީ އެވެ.
ސަން އެފްއެމް އެވޯޑްސް 2010 ގެ އެންމެ މަގުބޫލު ފިރިހެން ކުޅިވަރު ޝަޚުސިއްޔަތު އެވޯޑަށް ވެސް ހަ ފަރާތަކުން ވާދަ ކުރެ އެވެ. އެއީ ސަން އެފްއެމް އެވޯޑްސް 2009ގެ އެންމެ މަގުބޫލު ކުޅިވަރު ޝަޚުސިއްޔަތު (ފިރިހެން) ހާސިލު ކުރި އިބްރާހީމް ނިޒާރުގެ އިތުރުން އަލީ އަޝްފާގާއި އިބްރާހީމް ފަޒީލާއި އިމްރާން މުހައްމަދާއި އަކްރަމް އަބްދުލް ގަނީ އަދި މޫސާ ކަލީމެވެ.
ސަން އެފްއެމް އެވޯޑްސް 2010 ގެ އެންމެ މަގުބޫލު އަންހެން ކުޅިވަރު ޝަޚުސިއްޔަތު އެވޯޑަށް ވެސް ހަ ފަރާތަކުން ވާދަ ކުރެ އެވެ. އެއީ އެއީ ސަން އެފްއެމް އެވޯޑްސް 2009ގެ އެންމެ މަގުބޫލު ކުޅިވަރު ޝަޚުސިއްޔަތު (އަންހެން) ހާސިލު ކުރި އާއިޝަތު ނާޒިމާގެ އިތުރުން މުއީނާ މުހައްމަދާއި ފާތުމަތު ރިޝްމާ އާއި މަރިޔަމް ޝީނީޒް އާއި ފަދުވާ ޒާހިރު އަދި މަރިޔަމް ސުހާނާ އެވެ.
ސަން އެފް އެމް އެވޯޑްސް 2010 އަށް މިހާރު ނޮމިނޭޓް ވެފައިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ކެޓެގަރީ އަކުން ވެސް ގަދަ ފަހެއް ހޮވުމަށް ވޯޓު ދިނުމުގެ ފުރުސަތު ރޭ ވަނީ ހުޅުވައިލައިފަ އެވެ. މި ފުރުސަތު ބަންދު ވާނީ މި މަހުގެ 11 ވަނަ ދުވަހުގެ ރޭ 12:00ގަ އެވެ. ވޯޓު ދޭނެ ގޮތަކީ އޭ ޑަބްލިޔޫ ޖަހާފަ ހުސް ތަންކޮޅެއް ދޫކޮށްފަ ތާއީދު ކުރާ ފަރާތުގެ ނަން ޖަހާފަ ދޭއް ހަތެއް ހަތަރެއް ހަތަކަށް ފޮނުވާނީ އެވެ.
މި ދިޔަ އަހަރު ކުރިޔަށް ގެންދިޔަ ސަން އެފްއެމް އެވޯޑްސް ގައި އަހަރުގެ ޝަޚުސިއްޔަތުން ހޮވާފައި ވަނީ 100 ޕަސެންޓް އާންމުންގެ އެސްއެމްއެސް ވޯޓުންނެވެ. އެހެން ނަމަވެސް މި އަހަރު އެ ވޯޑުގެ ގަވައިދަށް ވަނީ ބައެއް ކަހަލަ ބަދަލުތައް ގެނެސްފަ އެވެ. އެ ގޮތުން އާންމުންގެ ވޯޓަށް 50 ޕަސެންޓް އަދި ފަނޑިޔާރުންގެ ވޯޓަށް 50 ޕަސެންޓް ލިބޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. މި އެ ވޯޑުގެ އެކި ކެޓެގަރީ ތަކަށް ނަންތައް ނޮމިނޭޓް ވެފައިވާ ނަން ތަކަކީ ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި އާންމުން ހުށަހަޅާފައިވާ ނަންތަކުގެ ތެރެއިންނާއި ފަނޑިޔާރުންނަށް ފެނިވަޑައިގެން އެ ބޭފުޅުން ކެޓެގަރީ ތަކަށް އިތުރު ކުރައްވާފައިވާ ނަން ތަކެވެ.
މިދިޔަ އަހަރުގެ ބޭއްވި ސަން އެފްއެމް އެވޯޑްސް 2009 ގައި އެކި ދާއިރާ ތަކުން އެވޯޑް ހާސިލު ކުރެއްވި ފަރާތްތަކަށް ފައިސާގެ އިނާމެއް ދީފައެއް ނުވެ އެވެ. އެހެން ނަމަވެސް މި ފަހަރުގެ އެ ވޯޑުގައި ފައިސާގެ އިނާމުގެ ގޮތުގައި އެއް ލައްކަ ރުފިޔާ ވަނީ ހިމަނައިފަ އެވެ. އެ ގޮތުން ސަން އެފްއެމް އެވޯޑްސް 2010 ގެ އަހަރުގެ އެންމެ މަގުބޫލު ޝަޚުސިއްޔަތަށް ސަން އެފްއެމް އެވޯޑާ އެކު ދިނުމަށް ހަމަޖައްސާފައި ވަނީ ވިހިހާސް ރުފިޔާގެ ގެ ފައިސާގެ އިނާމެވެ. އަހަރުގެ އެހެންޝަޚުސިއްޔަތުންނަށް ހޮވޭ ފަރާތްތަކަށް އެވޯޑާ އެކު ދިނުމަށް ހަމަޖައްސާފައި ވަނީ ދިހަ ހާސް ރުފިޔާގެ ފައިސާގެ އިނާމެވެ.
ސަން އެފްއެމް އެވޯޑްސްގެ ފަނޑިޔާރުންގެ ޕެނަލުގައި މި ފަހަރު ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ ރައީސް އަހުމަދު ޒާހިރު (ހިރިގާ) އާއި ސަން އެފްއެމްގެ ޕްރޮގްރާމްސް ކޮންސަލްޓެންޓް ފަރެސް މުހައްމަދު އާމިރާއި ވީޓިވީގެ ހެޑް އޮފް ނިޔުސް އެންޑް ކަރަންޓް އެފެއަޒް އިމާދު ލަތީފާއި ވޮލީ ބޯޅަ އެސޯސިއޭޝަންގެ ނައިބު ރައީސް އިލްޔާސް އަހުމަދާއި ދިޓީވީގެ ޑިރެކްޓަރު މަސްއޫދު އަލީ އާއި ފުޓުބޯޅައިގެ ތަޖުރިބާކާރު އިސްމާޢީލް ޒަރިޔަންދު އަދި މިނިސްޓްރީ އޮފް ހޯމް އެފެއަޒްގެ ޑެޕިޔުޓީ ޑިރެކްޓަރު ޖެނެރަލް އަހުމަދު ޝިޔާމެވެ.
ސަން އެފްއެމް އެވޯޑްސް އަކީ ރާއްޖޭގެ ޚިދުމަތުގެ ދާއިރާގެ އަގު ވަޒަން ކުރުމާއި، ޚިދުމަތްތެރިންނަށް ހިތްވަރު ދިނުމާއި ފުރިހަމަ ޚިދުމަތުގެ ވެއްޓެއް ގާއިމު ކުރުމުގައި މީޑިއާ ސްޓޭޝަނެއްގެ ގޮތުން ސަން އެފްއެމްގެ މައްޗަށް ލާޒިމު ކުރާ އިޖުތިމާއީ މަސްއޫލިއްޔަތުގެ ދަށުން 2009 ވަނަ އަހަރު ސަން މީޑިއާ ގްރޫޕުގެ ޗެއާމަން އަހުމަދު ސިޔާމް މުހައްމަދު ފައްޓަވައި ދެއްވާފައިވާ ވަރަށް ޚާއްސަ ޕްރޮގްރާމެކެވެ.
ސަން އެފައެމް އެވޯޑްސް އަކީ ރާއްޖޭގައި މިހާރު ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. މި އެވޯޑަކީ ރައްޔިތުންގެ ބަސް އެންމެ ފުޅާ ދާއިރާއެއްގައި ހިމެނިގެން ދެވޭ އެވޯޑް ވެސްމެ އެވެ. މިދިޔަ އަހަރުގެ ސަން އެފްއެމް އެވޯޑް ނައިޓަކީ ރާއްޖޭގައި މިދިޔަ އަހަރު ބޭއްވި އެންމެ ކުލަ ގަދަ އެފަދަ އެއް ހަފުލާ އެވެ. މި އަހަރުގެ ސަން އެފައެމް އެވޯޑް ނައިޓު ވެސް ވަރަށް ކުލަ ގަދަ ގޮތެއްގައި ފާހަގަ ކުރުމަށް ތައްޔާރު ވަމުން އަންނަ ކަމަށް އެވޯޑްސް ކޮމެޓީގެ މުގައްރިރު ފަރެސް މުހައްމަދު އާމިރު ވިދާޅުވެ އެވެ.
"މިދިޔަ އަހަރުގެ އެވޯޑް ނައިޓަށް ވުރެ ހުރިހާ ގޮތަކުން ވެސް މި އަހަރުގެ އެވޯޑް ނައިޓު ފުރިހަމަ ކުރެވޭތޯ އަޅުގަނޑުމެން މި އަންނަނީ މަސައްކަތް ކުރަމުން. ސަން އެފްއެމް އެވޯޑަށް ވާދަ ކުރައްވާ ފަރާތްތަކަށް ބަލާ އިރު މި އެވޯޑަކީ ރާއްޖޭގައި ދެވޭ އެންމެ ފަޚުރުވެރި އަދި އެންމެ ޝަރަފުވެރި އެއް އެވޯޑު." އެ ވޯޑްސް ކޮމެޓީގެ މުގައްރިރު ވިދާޅުވި އެވެ.