އާދިލާއި ސެންޑީ ދެ އަހަރަށް، ޗިޗޫ އެއް އަހަރަށް ސަސްޕެންޑްކޮށްފި

ވޮލީ ކުޅުންތެރިންނަށް ފަހަކަށް އައިސް ދީފައިނުވާފަދަ ބޮޑު އަދަބެއް މިދިޔަ އަހަރުގެ ޤައުމީ މުބާރާތުގެ ސެމީގެ 3 ވަނަ މެޗަށްފަހު ހަމަނުޖެހުން ހިންގި ތިން ކުޅުންތެރިންނަށާއި އޮފިޝަލަކަށް ދީފި އެވެ.
ދިވެހި ސިފައިންގެ ކްލަބާއި ކްލަބް ޕީކޭ މިދިޔަ އަހަރުގެ ނޮވެމްބަރ7 ވަނަ ދުވަހުގެރޭ ބައްދަލުކުރިމެޗަށްފަހު ހިނގި ހަމަނުޖެހުމުގައި ބައިވެރިވުމުގެ އަދަބު ލިބުނު ތިން ކުޅުންތެރިންނަކީ އެންމެ މަތީ ފަންތީގައި ވޮލީ ކުޅެމުންދާ ޕީކޭއަށް އެ މުބާރާތުގައި ކުޅުނު އިބްރާހީމް އާދިލް(ކޮއްކޮ) އާއި ހުސެން ސައީދު(ސެންޑީ)ގެ އިތުރުން އިސްމާއީލް ރިފާއު(ޗިޗޫ) އެވެ.

ވޮލީބޯޅަ އެސޯސިއޭޝަންގެ ޑިސިޕްލިނަރީ ކޮމެޓީން މައްސަލަ ބެލުމަށްފަހު އާދިލް އާއި ސެންޑީ ވަނީ ދެ އަހަރު ދުވަހަށް ވޮލީބޯޅަ އެސޯސިއޭޝަނުން ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑްކޮށްފައެވެ. މީގެ އިތުުރުން ކޮންމެ މީހަކު 4000 ރުފިޔާއިން ވަނީ ޖޫރިމަނާވެސް ކޮށްފައެވެ. އަދި ޗިޗޫ ވަނީ 1 އަހަރަށް ސަސްޕެންޑްކޮށްފައެވެ. އޭނާ ޖޫރިމަނާ ކުރީ 1000 ރުފިޔާއިންނެެވެ. މީގެ އިތުރުން ޕީކޭގެ އޮފިޝަލެއް ކަމަށްވާ މޫސާ އުމަރު 6 މަހަށް ސަސަޕެންޑްކޮށް 1000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ.
ވޮލީ އެސޯސިއޭޝަނުން އަދަބުދިން ފަރާތްތަކަށް ފޮނުވި ސިޓީގައިވަނީ ވޮލީބޯޅައިގެ ސްލޫކީ މިންގަނޑުގެ 6 ވަނަ މާއްދާއާއި 15 ވަނަ މާއްދާއާ ޚިލާފުވެފައިވާތީ ފިޔަވަޅު އެޅީ ކަމަށެވެ.

ވޮލީ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ހުސެން މުހައްމަދު ވިދާޅުވީ ޑިސިޕްލިނަރީ ކޮމެޓީން މައްސަލަ ނިންމާ ކުޅުންތެރިންނަށްވެސް އެކަން އަންގާފައިވާތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އަދި އޭގެ ތެރެއިން ދެ ކުޅުންތެރިން އެ މައްސަލަ އެޕީލްކޮށްފައިވާކަމަށްވެސް ހުސެން ވިދާޅުވިއެވެ. ސަސްޕެންޝަންގެ މުއްދަތު ގުނަން ފަށާފައިވަނީ 2010 ވަނަ އަހަރުގެ ނޮވެމްބަރ 8 ވަނަ ދުވަހުން ފެށިގެންނެވެ.

މި މައްސަލަ ނިންމާ ކުޅުންތެރިންނަށް އެކަން އަންގާފައިވަނީ 2011 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 2 ވަނަ ދުވަހު އެވެ. އެޕީލްކޮށްފައިވާ ދެ ކުޅުންތެރިންނަކީ އާދިލާއި ޗިޗޫ އެވެ. ނަމަވެސް ހުސެން ވިދާޅުވީ މި މައްސަލަ އެޕީލް ކޮމެޓީން އަދި ނުނިންމާ ކަމަށެވެ.

މިތިން ކުޅުންތެރިންނަކީވެސް ޤައުމީ ޓީމަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅެ ވޮލީގެ ގިނަ މަގާމުތަކެއް ހޯދާފައިވާ ހުނަރުވެރިންނެވެ. އެގޮތުން އާދިލް ވަނީ ހަވީރުން ހޮވި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާ ޤައުމީ ޓީމުގެ ކެޕްޓަންކަންވެސް ކޮށްފައެވެ.

އެމެޗުގައި ޕީކޭގެ ކުޅުންތެރިން ހޫނުވީ ނަތީޖާ ކަނޑައަޅާ ސެޓްގައި 12-13ން ޕީކޭ ކުރީގައިވަނިކޮށް ސިފައިންގެ ޓީމުގެ ކުޅުންތެރިއަކު ފޮނުވާލި ބޯޅައެއް ޕީކޭގެ ކޮޅުން ބޭރަށް ގޮސްފައިވަނިކޮށް ދެވަނަ ރެފްރީ ޕީކޭގެ ކުޅުންތެރިއަކު ނެޓްގައި ޖެހުނުކަމަށް ނިންމާ ސިފައިންނަށް ޕޮއިންޓް ދިނުމުންނެވެ. މެޗު ނިމިގެން ޕީކޭގެ ކުޅުންތެރިން ވަނީ ދެވަނަ ރެފްރީ ސޮފުވާން އަހްމަދަށް ހަމަލާވެސް ދީފައެވެ.

މެޗު ނިމުމުން ޕީކޭގެ ކުޅުންތެރިން ވަނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގެ ދޮރެއް ވައްޓާލުމުގެ އިތުރުން ސްޕޮންސަރުންގެ ބޮޑު ބޯޑެއް ހަލާކުވެސް ކޮށްލާފައެވެ. އަދި ޒުވާނުންގެ މަރުކަޒުގެ އިތުރު ބައެއް ތަކެއްޗަށްވެސް ވަނީ ގެއްލުން ދީފައެވެ.

މީގެ ކުރިން ވޮލީ ކުޅުންތެރިންނަށް ދިން އެންމެ ބޮޑު އަދަބު ދީފައިވަނީ 2006 އަހަރުގެ ޤައުމީ ފައިނަލަށްފަހުގައެވެ. އައްޑޫ ސްޕޯޓްސް އާއި ނައިފަރު ޖުވެނައިލް ބައްދަލުކުރި އެމެޗަށްފަހު ހިނގާދިޔަ ހަމަނުޖެހުމުގައި މުބާރާތުގެ ވަނަތަކަށްދޭން ތައްޔާރުކޮށްފައިހުރި އިނާމުތަކާއި މެޑަލްތައް ވަނީ ހަލާކުކޮށްލާފައެވެ. އެކަމުގެ އަދަބެއްގެ ގޮތުން 3 ކުޅުންތެރިއަކު 1 އަހަރަށް ސަސްޕެންޑްކޮށް ޖޫރިމަނާވެސް ކުރިއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު