މެދުއިރުމަތީ ރެސްޕެރޭޓަރީ ސިންޑްރަމްގެ ގޮތުގައި ފެރުރުނު، މާސް ރޯގާ ސައުތު ކޮރެއާގައި އައުޓް ބްރޭކްވެ، (ބޮޑަށް ފެތުރި) ހަ މީހަކު މަރުވެއްޖެ އެވެ.
ސީއެންއެން އިން މިއަދު ބުނީ ސައުތު ކޮރެއާގައި 87 މީހަކަށް އެ ރޯގާ ޖެހިފައިވާކަން ކަށަވަރުވެފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކާއި ގޭގައި 2،500 މީހުން ކަރަންޓީނުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި 1،800 ސްކޫލް ކުދިން ހިމެނޭ ކަމަށެވެ.
އެންމެ ފަހުން މަރުވީ، ކޮރެއާގައި ފަސް ވަނަ އަށް އެންމެ އާބާދީ ގިނަ، ދަޖީން ސިޓީގެ އުމުރުން 80 އަހަރުގެ މީހެކެވެ. ނަމަވެސް ޗައިނާގެ ހެލްތު މިނިސްޓްރީ އިން ބުނީ އެންމެ ފަހުން އެ ރޯގާ ފެނުނީ ސްކޫލް ކުއްޖެއްގެ ގައިން ކަމަށެވެ.
މީގެ ތިން އަހަރު ކުރިން އުފަންވި މާސް ރޯގާ އެއީ ކިހިނެއް އުފަންވެގެން އުޅޭ ބައްޔެއްކަން އަދި ވަނީ ނޭގުމެއްގެ ތެރޭގަ އެވެ. އަދި އެ ވައިރަސްއަކީ އަދި ވަރަށް އާ ވައިރަހަކަށް ވާތީ ކަމަށާއި އެ ވައިރަސް ފެތުރެން ދިމާވަނީ ކޮން ވަސީލަތްތަކަކުންކަން އަދި ޑޮކްޓަރުންނާއި ސައިންޓުސްޓުންނަށް ހޯދިފައި ނުވާ ކަމަށް ސީއެންއެން އިން ބުންޏެވެ.
އެމެރިކާގެ ސެންޓާ ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޓޭޝަނުން ބުނީ އެ ރޯގާ އާންމުކޮށް ފެތުރެނީ ބަލިޖެހިފައިވާ މީހުންނާ ގައިގޯޅިވާ މީހުންގެ މެދުގައި ކަމަށެވެ. ސައުތު ކޮރެއާ އިން އެ ބަލި ފުރަތަމަ ފެނުނީ މިދިޔަ މޭމަހު 20 ގަ އެވެ.
މާސް ރޯގާ ފެތުރެނީ ކިހިނެއްތޯ ދެނެގަތުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗުއޯގެ އޮފިޝަލުން މިހާރު ވަނީ ދެކުނު ކޮރެއާ އަށް ދިޔުމުގެ މަގުމަތީގަ އެވެ.
ދެކުނު ކޮރެއާއަކީ ސައުދީއަރަބިޔާ އަށް ފަހު މާސް ރޯގާ އައުޓް ބްރޭކްވި ފުރަތަމަ ގައުމެވެ. މާސް ރޯގާ ފުރަތަމަ ފެނުނީ ސައުދީ އަރެބިޔާ އިންނެވެ.
ދެކުނު ކޮރެއާއަކީ އެބައްޔާ ދެކޮޅަށް "ހަނގުރާމަ" ކުރާ ހަމައެކަނި ގައުމެއް ނޫނެވެ. މިދިޔަ ހަފްތާގެ ބުދަ ދުވަހާ ހަމައަށް 25 ގައުމަކުން އެެ ބަލީގެ 1179 ކޭސް ފެނިފައިވާ ކަމަށް ޑަބްލިޔުއެޗުއޯ އިން ބުންޏެވެ. އޭގެ ތެރޭގައި އެމެރިކާގެ ދެ މީހެއްގެ ގައިން ވެސް އެ ބަލި ފެނިފައިވެ އެވެ. އެކަމަކު އެ ދެ މީހުންނަކީ ސަައުދީއެރެބިޔާގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރި ދެ މީހުންޏެވެ.