ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލްގައި ސާބީއާގެ ނޮވޯކް ޖޮކްވިޗް އަތުން ސީދާ ތިން ސެޓުން ބަލިވެ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ރަފޭލް ނަޑާލް ކަޓައިފި އެވެ.
އިއްޔަ ކުޅުނު މެޗްގެ ފުރަތަމަ ސެޓް ޖޮކޮވިޗް ކާމިޔާބު ކުރީ 7-5 ވާދަވެރި ނަތީޖާއަކުންނެވެ. ދެ ވަނަ ސެޓް 6-3 ގެ ނަތީޖާ އަކުން ކާމިޔާބު ކުރިއިރު ތިން ވަނަ ސެޓުން މޮޅުވީ 6-1 ންނެވެ.
ނަޑާލްއާ ދެކޮޅަށް ޖޮކޮވިޗް ކާމިޔާބު ހޯދުމުން ޖޮކޮވިޗް ވެފައިވަނީ ފްރެންޗް އޯޕަން ޓެނިސް މުބަރަތެއްގައި ނަޑާލްއާ ދެކޮޅަށް ޖެހިޖެހިން ދެ ސެޓުން މޮޅުވި ދެ ވަނަ ކުޅުންތެރިޔާ އެވެ. ނަޑާލް އަކީ މިމުބާރާތުގެ އެންމެ ކާމިޔަބު ކުޅުންތެރިޔާ އެވެ. އޭނާ ވަނި މިމުބާރާތް ނުވަ ފަހަހަރު ކާމިޔާބުކޮށްފަ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޖޮކްވިޗް ބުނެފައި ވަނީ އެމެޗްގައި ލިބުނު މޮޅު ގިނަ ދުވަސްތަކަކަށް އޭނާ ހަނދާން ކުރާނެ ކަމަށެވެ.

ނޮވޯކް ޖޮކްވިޗް: ނަޑާލް ބަލިކޮށް އޭނާ ސެމީ ފައިނަލަށް ---- ފޮޓޯ ގެޓީ އިމޭޖަސް
"މިއީ ވަރަށް ބޮޑު މޮޅެއް. މިމެޗް އަހަރެން ގިނަ ދުވަސްތަކަކަށް ހަނދަން ބަހައްޓާނަން،" ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔަ ޖޮކްވިޗް ބުންޏެވެ.
ސެމީފައިނަލްގައި ޖޮކޮވިޗް ބައްދަލު ކުރާނީ ދުނިޔޭގެ ތިން ވަނަ އަށް އެންމެ މޮޅު ކުޅުންތެރިޔާ އިނގިރޭސި ވިލާތުގެ އެންޑީ މުރޭއާ ދެކޮޅަށެވެ.
މުރޭ ސެމީ ފައިނަލަށް ދަތުރުކުރީ އިއްޔަ ކުއާޓާ ފައިނަލްގައި ސްޕެއިންގެ ޑޭވިޑް ފެރާރް ތިން ސެޓް އެއް ސެޓުން ބަލިކުރުމަށްފަހުގަ އެވެ.