ފުނަދޫ ރައްޔިތުން ނަފުސާނީ ބިރުވެރިކަމެއްގެ ތެރޭގައި!

ފުލުހުން ހިންގާ ހަރަކާތްތަކުގެ ސަބަބުން ށ. ފުނަދޫ ރައްޔިތުން ތިބީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް އެ ރަށު ބައެއް ރައްޔިތުން ބުނެފި އެވެ.

މިއަދު ހެނދުނު ސަން އަށް މައުލޫމާތު ދެމުން ފުނަދޫގެ ބައެއް ރައްޔިތުން ބުނީ، އަތޮޅު ކައުންސިލް ހިންގަމުންގެންދާ އިދާރާ އިން ކައުންސިލަރުންނެރެ އެ އިމާރާތް ބަންދު ކުރުމަށް މިދިޔަ އާދިއްތަ ދުވަހު ފުލުހުންފެށި މަސައްކަތަށް ފަހު ވެސް ރަޔަޓް ގިޔަރުގައިތިބި ފުލުހުން ރެއާއި ދުވާލު ރަށުގެ މަގުތަކުން ފެންނަމުން ދިއުމުގެ ސަބަބުން ރަށުގެ ކުޑަކުދިންނާއި މުސްކުޅިން ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައިވާ ކަމަށެވެ.

"މި ރަށުގައި ފުލުހުންގެ މަރުކަޒެއް ހުރި ނަމަވެސް އެއީ ތަންކޮޅެއް ދުރުގައި ހުންނަތަނެއް އަދި އެތަނުގައި ފުލުހުން ތިބެނީ އާއްމު ޔުނީ ފޯމުގައި. ނަމަވެސް މުގުރާއި ޝީލްޑްތަކާ އެކު ރަޔަޓް ގިޔަރުގައިތިބި ގިނަ އަދަދެއްގެ ފުލުހުން މި ރަށަށް އައިސް ރައްޔިތުންނާ ކުރިމަތިލާ ފަދަ ހާލަތަކަށް ދިއުމަށް ފަހު ވެސް އެމީހުން ރަށުތެގޭގައި ހަރަކާތްތެރިވަމުންދާތީ، ދެން ހިނގާނީ ކޮން ކަމެއްކަން ނޭނގޭ ހާލުގައި ރައްޔިތުންތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި. އަޅުގަނޑުމެން ވެސް މިއުޅެނީ ނުވެސްނިދައި އެއްފަހަރަކު މައުލޫމާތުލިބޭނެ އިތުރު ފުލުހުން އަންނަނީއޭ. އަނެއްބައި ފަހަރު އިމާރާތް އަތުލުމަށް ފުލުހުން ރައްޔިތުންނާ ކުރިމަތިލާނެ ކަމުގެ މައުލޫމާތު ލިބޭ. އެކަމުގެ ސަބަބުން ދިރިއުޅުމުގެ އާއްމު ހާލަތު މިރަށުގައި ވަނީ ގެއްލިފައި،" ހަސަން މުހައްމަދު ކިޔާ މީހަކު ބުންޏެވެ.

ފުނަދޫގެ ހާލަތު ބަޔާންކޮށްދެމުން އެ ރަށުން ވާހަކަ ދެއްކި އަންހެނަކު ބުނީ ރަށު ރައްޔިތުންގެ ހާލަތު މިހާރު ވަރަށް ގޯސް ކަމަށެވެ. އަދި ރައްޔިތުން އިތުރަށް ކަންބޮޑުވެ ބިރުގެންފައި ވަނީ ކ. ތުލުސްދޫގައި އެ އަތޮޅު ކައުންސިލް ހިންގަމުންއައި އިމާރާތް އަތުލުމަށް ޓަކައި އެ ރަށަށް އެރި ފުލުހުން ރައްޔިތުންނާ ކުރިމަތިލުމުގެ ސަބަބުން ހިންގި ފަދަ ހާދިސާއެއް ފުނަދޫގައި ހިނގާފައިވާނެތީ ކަމަށް ވެސް އޭނާ ބުންޏެވެ.

ފުނަދޫގެ ރައްޔިތެއް ކަމަށްވާ އާދަމް އަބުދުއްރަހްމާނު (އާދަމްބެ) މިއަދު ބުނީ، މިދިޔަ އާދިއްތަ ދުވަހަށް ފަހު، މިއަދު ހެނދުނުން ފެށިގެން ރަޔަޓު ގިޔަރުގައި ތިބި އިތުރު ފުލުހުން ރަށުގެ މަގުތަކަށް ނިކުމެފައިވާ ކަމަށެވެ. އަދި އެމީހުންތިބީ ކައުންސިލް އިދާރާއަށް ދެވެން އޮންނަ މަގުތަކުގައި ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ފުލުހުން ހަރަކާތްތެރިވަނީ ސަރުކާރުގެ މުދާ ހިމާޔަތްކުރުމަށް ކަމަށް ބުނެ ކަމަށާއި، ނަމެވެސް ވޭތުވެ ދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ މުދާ ހިމާޔަތް ކުރުމަށް ފުލުހުންނައިސް މިހާރު އެކަން ކުރަން ފުލުހުން ހަރަކާތްތެރިވުމަކީ ހައިރާންވާ ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

"މިރަށަކީ އެންމެ ފެންވަރު ރަނގަޅު އަތޮޅުގެ ހުންނަ ރަށް އަދި މި ރަށުގައި ސަރުކާރުގެ ޔޮޓެއް އޮންނާނެ. އަދި 12 ކޮޓަރީގެ ކުއްޔަށްދޭ އިމާރާތެއް ހުންނާނެ. އެ ތަކެއްޗަކީ ކުއްޔަށް ދީގެން ރައްޔިތުންގެ ބަޖެޓަށް ބައިވަރު ފައިސާ ހޯދާ ވަސީލަތްތަކެއް. ނަމަވެސް ވޭތުވެ ދިޔަ ދެ އަހަރެއްހާ ދުވަހު އެ ތަކެއްޗަށް އަޅާފައެއްނުވޭ. އަތި އެތަކެތި ސަރުކާރުން ހިމާޔަތްކޮށްފައެއް ވެސް ނުވޭ. އެކަމުގެ ސަބަބުން އެތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. އެހެންއެކަން އޮއްވައި ރޭގަނޑު މީހުން ނޫޅޭ ގަޑީގައި ވެސް މުދާ ހިމާޔަތްކުރަން ނައިސް ވަކި ފަރާތެއްގެ އެންގުމަކަށް ރަސްމީ ގަޑީގައި ރަޔަޓް ގިޔަރުގައި ފުލުހުން މުދާ ހިމާޔަތްކުރަން އައުމަކީ އަޅުގަނޑުމެއްނަށް ވަރަށް ހެއްވާ ކަމަކަށް ވަނީ." އާދަމްބެ ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު