ގައުމު ތަރައްގީވަމުން ދަނީ ގޫގަލް އަށްވެސް ނާރާ ހަލުވި މިނުގައި: ނިހާން

ދިއްގަރު ދާއިރާގެ ޕީޕީއެމް ކެނޑިޑޭޓުގެ ކެމްޕެއިން އޮފީހުގައި ރޭގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން--- ސަން ފޮޓޯ: އަލީ ނަސީރު

އަދުގެ ސަރުކާރުގެ ތަރައްގީގެ ސްޕީޑު ހުރީ ސާޗު އިންޖީން "ގޫގަލް" އަށް ވެސް ނާރާ ހަލުވި މިނެއްގައި ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

ދިއްގަރު ދާއިރާގެ ޕީޕީއެމް ކެނޑިޑޭޓް ފާރިސް މައުމޫނުގެ ކެމްޕެއިން ޖަގަހައިގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުލްރަހީމް އަބްދުﷲ ރައީސް ޔާމީން ސަރުކާރުގެ ތަރައްގީގެ ސްޕީޑާ މެދުގައި ބުނެފައިވާ ފަދައިން ގޫގަލް އަށް ވުރެ ހަލުވި މިނެއްގައި ސަރުކާރުން ތަރައްގީތައް ގެނެސްދެމުންދާ ކަމަށެވެ. އެކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ތިބީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ކަމަށް ނިހާން ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ އަބްދުއްރަހީމް ވިދާޅުވީ ރަނގަޅަށް ހެން. ދުނިޔޭގައި ކަމެއްވީ ކޮން ގޮތަކަށްތޯ ހޯދާ ބަލާ ސާޗު އިންޖީނަކީ ގޫގަލް. އަބްދުއްރަހީމް އެ ވިދާޅުވީ ރަނގަޅަށް. ދިވެހި ރާއްޖެއަށް މި އަންނަ ތަރައްގީގެ ނާރެހުގައި އުޅެނީ ސާޗް އިންޖިން އަށްވެސް ނާރާހާ ހަލުވި ސްޕީޑެއްގައި. އެކަމާ ގުޅިގެން އިދިކޮޅުފަރާތްތަކުން އުޅެނީ ވަރަށް ބޮޑަށް ހިތުގައި ޖެހިގެން،" ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ވިދާޅުވި އެވެ.

ރައްޔިތުން ބޭނުންވާ ތަރައްގީތައް ގެނެސްދިނުމަށް ރައީސް ޔާމިން ގެންދަވަނީ ވަރަށް ބުރަކޮށް މަސައްކަތްފުޅުތަކެއް ކުރައްވަމުން ކަމަށް ވެސް ނިހާނު ވަނީ ވިދާޅުވެފަ އެވެ.

ފާރިސްގެ ކެމްޕެއިން އާމެދު ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ ފާރިސް ހޮވިއްޖެ ކަމުގައިވާނަމަ ދިއްގަރު ދާއިރާ ރަށްތައް ހިމެނޭ ސަރަހައްދުގައި ކުލަގަދަ ކޮށް ހަވާ އަރުވާނެ ކަމަށެވެ.

comment ކޮމެންޓް