ޕަލްލިކް ޓުރާންސްޕޯޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ބަހުގެ ހިދުމަތުން މުޅި މާލެ ކަވަރު ކުރުމަށް ނިންމާފައިވާކަމަށް ޓުރާންސްޕޯޓް އޮތޯރިޓީއިން ބުނެފިއެވެ.
ޓުރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް ސަން އަށް ވިދާޅުވީ މާލޭގެ ތޮއްޖެހުން ހައްލުކުރުމަށް ޕަބްލިކް ޓުރާންސްޕޯޓުގެ ހިދުމަތް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން ދާ ކަމަށާއި އެގޮތުން މުޅި މާލެ ކަވަރުވާގޮތަށް ބަހުގެ ހިދުމަތް ފުޅާ ކުރުމަށް ނިންމާފައިވާ ކަމަށް ނާފިޒް ވިދާޅުވިއެވެ.
"ބަހުގެ ހިދުމަތް ރަނގަޅު ކުރެވި ރަނގަޅު ކަމާއެކު ގަޑިޔަށް ދެވެން ފަށައިފި ކަމަށްވަންޔާ ޓެކްސީ ނުލިބިގެންވެސް އާންމު ރައްޔިތުން މިކުރާ ޝަކުވާއަށް ލުއިކަމެއް އަންނާނެ." ނާފިޒް ވިދާޅުވިއެވެ.
މީގެ ދެތިން އަހަރު ކުރިން ފެށިގެން މިހާރު މާލޭގައި ބަހުގެ ހިދުމަތް ދޭއިރު އެބަސްތަކަކީ އެންމެ އެކަށީގެންވާ "ވެންޓިލޭޝަން" ރަނގަޅު ބަސްތަކަކަށް ނުވާއިރު ވަކި ގަޑިޔަކަށް އެއްތަނުން އަނެއް ތަނަށް ދެވޭނެ ކަމުގެ ޔަގީން ކަމެއް ވެސް ނޯވެއެވެ.
ނާފިޒު ވިދާޅުވީ އަލަށް ގާއިމް ކުރެވޭ ނިޒާމާއެކު ބޭނުން ކުރެވޭނީ ކޮންޑިޝަން ރަނގަޅު އާ ބަސްތަކެއް ކަމަށާއި އެއާއެކު ވަކި ގަޑިތަކަކަށް ވަކި ސުޓޭޝަންތަކަކަށް ދެވޭނެ ކަމުގެ ޔަގީންކަން އޭރުން އޮންނާނެ ކަމަށެވެ. އެގޮތުން ފަސް ވަރަކަށް ބަސް ސުޓޭޝަން ކަނޑައަޅާއިރު އެސަރަހައްދުތަކަކީ އާންމުކޮށް މީހުން ދަތުރު ފަތުރު ކުރާ ހުރިހާ ސަރަހައްދަކަށް ވާނެ ކަމަށް ނާފިޒު ވިދާޅުވިއެވެ.
"ބަސްތައްވެސް ބަސް ރޫޓުތައް އިތުރުކުރެވިގެން އެއްތަނުން އަނެއް ތަނަށް ދެވޭނެ ގަޑިޔަށް، އަނެއްކާ ތަންކޮޅެއް ސައިޒު ކުޑަ އެތެރޭގައިވެސް ތަންކޮޅެއް ހިތްހަމަޖެހިގެން ތިބެވޭނެ،" ނާފިޒް ވިދާޅުވިއެވެ.
ބަސް ދަތުރުގެ އާ ނިޒާމާއެކު ޓާގެޓަކީ ގަޑިއިރެއްހާއިރޭ ތެރޭ 4000 ވަރަކަށް މީހުން އުފެއްލޭ ވަރަށް ބަހުގެ ހިދުމަތް ފުޅާ ކުރުން ކަމަށާއި އެކަން ކުރާނެ ފަރާތްތައް ހޯދަން ވަރަށް އަވަހަށް އިއުލާން ކުރެވިގެންދާނެ ކަމަށް ނާފިޒް ވިދާޅުވިއެވެ.
ބަހުގެ ހިދުމަތް ތައާރަފް ކުރުމުގެ ފުރަތަމަ މަރުހަލާގެ ތެރެއިން ކުރިއަށްއޮތް ކައިރި މުސްތަގުބަލެއްގައި ހުރިހާ ސުކޫލެއް ކަވަރުވާގޮތަށް ސްކޫލް ބަހުގެ ހިދުމަތް ތައާރަފް ކުރެވިގެންދާނެ ކަމަށްވެސް ނާފިޒް ވަނީ ވިދާޅުވެފައެވެ.
ބަހުގެ ހިދުމަތުން މުޅި މާލެ ކަވަރުކުރުމަށް ޓާގެޓަކީ މިއަހަރު ތެރޭ އަމަލީ މަސައްކަތް ފެށުން ކަމަށާއި ނަމަވެސް މިއަހަރުތެރޭ ބަސްތައް ގެނެސް ހަމަ ނުވި ނަމަވެސް އަންނައަހަރު ފެށޭ ހިސާބް ހިދުމަތް ދެވެން ފެށޭނެ ކަމަށް ނާފިޒް ވިދާޅުވިއެވެ.
ޓުރާންސްޕޯޓް އޮތީރިޓީއިންވެސް އަދި ފުލުހުންވެސް ގަބޫލް ކުރައްވާގޮތުގައި މާލޭގައި ވެހިކަލް ތޮއްޖެހުން ކޮންޓުރޯލް ކުރެވިގެން ނޫނީ ޓުރެފިކް މައްސަލަތަކަށް ހައްލެއް ނެތެވެ. ވެހިކަލް ކޮންޓުރޯލް ކުރެވެން އޮތީ ރަނގަޅު ޕަބްލިކް ޓުރާންސްޕޯޓް ނިޒާމެއް ހަމަޖެއްސުމަށް ފަހުއެވެ.