މިއީ އިލެކްޝަންސް ކޮމިޝަނުގެ ވާހަކައެވެ.

އިލެކްޝަންސް ކޮމިޝަނަށް އަމާޒު ކުރެވޭ ހަމަލާތަކާއި ފާޑުކިޔުންތައް މިދުވަސްކޮޅު ވަރަށް ގިނައެވެ. މިފަދަ ކޮންމެ ހަމަލާއަކުން ރެކިގަތުމާއެކު އިލެކްޝަންސުން ބުނާ ވާހަކަޔަކީ ކަން ހިނގާ މަގާއި ކަން ކުރަން އޮންނަ ގާނޫނީ މަގު ރަނގަޅަށް ނޭގި ތިބެ ފާޑު ކިޔުން ބުއްދިވެރި ނުވާނެ ވާހަކައެވެ.

ކަން ހިނގާ މަގާއި ކަން ކުރަން އޮންނަ މަގު އެނގޭ ހަމައެކަނި ފަރާތަކީ އިލެކްޝަންސް ކޮމިޝަނުގައި އެތިއްބަވާ ފަސް މެންބަރުން ތޯއްޗެކެވެ. އިލެކްޝަންސްއަށް އަމާޒު ކުރެވޭ އެއްވެސް ފާޑު ކިޔުމެއް އަދި އެއްވެސް ޝަކުވާއެއް ކޮޅެއްގައި ލައްވާނުލައި ބޭކާރުވެގެން އެދަނީ އެހެންވީމާ ކަމަށް ހީކުރެވެއެވެ.

އިލެކްޝަންސް ކޮމިޝަނެއް ވުޖޫދަށް އައީ މިހާރު އެތިއްބެވި ފަސް މެންބަރުންނާ ހަމަޔަކުން ނޫނެވެ. އަދި އިންތިޚާބުތައް ރާއްޖޭގައި ބާއްވަން ފެށީވެސް އެބޭފުޅުން އެތާގައި ތިއްބަވައިގެނެއް ނޫނެވެ. އެކިއެކި ސިޔާސީ ޕާޓީތަކުގެ ހިޔަނީގައި ތިއްބަވައިގެން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދަވައިގެން އެބޭފުޅުން ކޮމިޝަނަށް ވަޑައިގެން އެތިއްބެވީ ރާއްޖޭގައި އިންތިޚާބުތައް ބޭއްވޭނެ ގޮތާއި ބާއްވާނެ ގޮތުގެ މައުލޫމާތާއި ތަޖުރިބާ އެންމެ ބޮޑަށް ލިބިވަޑައިގެން ތިއްބެވީ އެބޭފުޅުންކަމަށް ވާތީއެއްވެސް ނޫނެވެ. އެކަމަކު މިހަގީގަތް ކޮމިޝަނުގެ މެންބަރުން ހަނދުމަނެތި ކުރައްވައިފި ކަމަށް ގަބޫލު ކުރަން ޖެހޭ ހުރިހާ ސަބަބުތަކެއް މިހާރު ދަނީ ފެންނަމުންނެވެ.

މީގެ ކުރީގައިވެސް ކޮމިޝަނެއް އޮތެވެ. މެންބަރުން ވެސް ތިއްބެވިއެވެ. އިންތިޚާބުތައް ވެސް ބޭއްވިއެވެ. ރާއްޖޭގެ ފެންވަރުން އެބޭފުޅުން ކަންތައް ކުރެއްވީ ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ވަރަށް އިންސާފުވެރިކޮށް ގާނޫނީ އިމުގެ ތެރެއިންނެވެ. އެކަމަކު އެއީ އިންތިގާލީ މަރުހަލާގެ އިލެކްޝަންސް ކޮމިޝަނެވެ. ދުރުގައި ބަލަންތިބި މީހުންނަށް އެވެރިންގެ ފަރާތުން ފެނުނީ އެކުވެރިކަމާއި ކެތްތެރިކަމާއި ހިކުމަތްތެރިކަމެވެ. ހުރިހާ މެންބަރުންވެސް އަމަލީ މައިދާނުގައި ވަރަށް ބުރަކޮށް އުޅުއްވިތަން ފެނުނެވެ. މުހައްމަދު އިބްރާހިމް އާއި މާހިރު، އަލީ ފާއިޒާއި ސާބެ އަދި ފުވާދު ތައުފީގާއި ތަންކޮޅެއް ފަހުގެ މަރުހަލާއެއްގައި ސިރާޖު ވެސް ފެނުނެވެ. މީން ކޮންމެ ބޭފުޅަކު ފެނުނީ ފިސާރި ކެރިގެން ކަންތަކާ ކުރިމަތިލެއްވި ބޭފުޅެއްގެ ގޮތުގައެވެ. އިލެކްޝަންސް ކޮމިޝަނުގެ ދެން ތިބި މުވައްޒަފުންވެސް މި ޓީމުގެ ފަހަތުގައި ނިކަން ގަޔާވެގެން ކުރާހިތުން ކަންތައް ކުރަމުން ދިޔަ މަންޒަރު އޭރު ފެނުނެވެ.

މިހާރު މިއޮތް ކޮމިޝަނުގައި ތިއްބެވި ފަސް މެންބަރުންގެ ތެރޭގައި އޭރުގެ ބޭފުޅަކަށް ހުންނެވީ ހަމައެކަނި ފުވާދު ތައުފީގެވެ. މިހާރު މިތިއްބެވި ބޭފުޅުންނާ މެދު ކޮމިޝަނުގެ މުވައްޒަފުން ހިތްހަމަ ޖެހޭ ބާވައެވެ؟ މިވެރިން ޓީމެއްގެ ގޮތުގައި އާއްމުންނަށް ފެނޭ ބާވައެވެ؟ މިބޭފުޅުން ކަންތައް ކުރައްވާ ގޮތާއި ނިންމެވުންތައް ނިންމާ ގޮތާ ދޭތެރޭ އެތަނުގައި ކަން ކުރަން ތިބޭ ތަޖުރިބާ ހުރި ޓެކްނިކަލް މުވައްޒަފުން އެތިބީ ރުހިގެންބާވައެވެ؟ ނޫނެކެވެ. އެކަކުވެސް ރުހިގެނެއް ނެތެވެ. ކޮމިޝަނުގެ މެންބަރަކު ވިދާޅުވެއްޖެނަމަ ދެން އެއާ ދޭތެރޭ ސުވާލުކޮށް އެހެން ޚިޔާލުތަކެއް ހުށައެޅުން މުޅިން މަނަލެވެ. ކަންކަން ކުރަން ރަނގަޅު ފަސޭހަ މަގު ކިޔައިދީގެން އެއީ މެންބަރުންގެ އިއްޒަތާއި ކަރާމާތް ނަގާލުމަކަށް ވެގެން ކިތައް މުވައްޒަފުންނަށް މިހާތަނަށް އެކިވަރުގެ އިންޒާރާއި ނޯޓިސް ދެވިފައިވާކަން މެންބަރުން ހަނދުމަފުޅު ކުރެއްވުން ބުއްދިވެރިއެވެ.

ކޮމިޝަނުގައި މިހާރު ތިއްބެވި ބައެއް ބޭފުޅުންނަކީ އެކޮމިޝަނުގެ މެންބަރުންކަން އާއްމުންނަށް އޮޅޭ ވަރަށް އެބޭފުޅުން ކަންތައްތަކާ ދުރެވެ. މިއޮތް ބޮޑު ލޯކަލް ކައުންސިލް އިންތިޚާބު ނިމިގެން ދިޔައިރު ޓީވީ ސްކްރީނަކުން ވެސް އަދި އެނޫން ތަނަކުންވެސް ބައެއް ބޭފުޅުން ނުފެނެ އެވެ. ކުރެއްވީ ކީއްކަމެއް ނޭގެއެވެ. ފަހަރުގައި ޝައުގާ ގުޅިފައިވާ ޅެން ހެދުމާއި މޫދު އޮއިވަރުން ކަރަންޓު އުފައްދާނެ ގޮތުގެ ދިރާސާތަކަށް ވަގުތު ހޭދަވީ ކަމަށް ވެދާނެއެވެ. އެކަމަކު އެނގޭ އެއްޗަކީ ދެން ތިއްބެވި މެންބަރުން ވެސް ހާމަކަން ބޮޑު ގޮތުގައި ކަންކަން ކުރުމުގެ އުސޫލު ދޫކޮށްލައި މީޑިއާއާ ދުރުހެލިވެ ފިލާ ތިބެގެން ސިއްރުން ކަންކަން ކުރުމަށް އެބޭފުޅުން ބާރު އެޅުއްވިކަމާއި އަދި މިހާރުވެސް އަޅުއްވާ ކަމެވެ.

ބޮޑު އިންތިޚާބެއްގެ ތެރޭގައި ކޮމިޝަނުގެ މެންބަރުން މީޑިއާއާ ކުރިމަތިލާއިރު މީޑިއާއިން ސުވާލު ކުރާނީ އެވެރިން އެންމެ ހިތާވާ ގޮތަކަށެއް ނޫނެވެ. އަދި ކޮމިޝަނުގެ އަގުލަބިއްޔަތުން ފާސްކޮށް ނިންމާފައިވާ ނިންމުންތަކާ ބެހޭ ގޮތުން އެކަންޏެއްވެސް ނޫނެވެ. އިންތިޚާބެއް ނިމުމުން އާއްމުންގެ އެންމެ ބޮޑު ސުވާލަކަށް ވާނީ ވަގުތީ ނަތީޖާ އާއި ދާއިމީ ނަތީޖާ އިއުލާން ކުރެވޭނީ ކިހާތާކުތޯއެވެ. ކޮމިޝަނުގެ އަގުލަބިއްޔަތުން ވަކި ތާރީޚުތަކެއް ކަނޑައަޅާފައި ނެތަސް ޖަވާބުދޭން ހުންނަ މީހާއަށް ކޮންމެވެސް ޖަވާބެއް ދޭން މަޖްބޫރުވާނެއެވެ. ތިޔަ ކަންތައް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އިރާދަ ކުރެއްވިއްޔާ ނިންމާލެވޭތޯ ކޮމިޝަނުން މަސައްކަތް އެބަކުރަމޭ ބުނެގެން އެއީ ކޮމިޝަނުގެ އަގުލަބިއްޔަތުން އަދި ނިންމާފައިވާ ކަމަކަށް ނުވާތީ ބައެއް މެންބަރުން ހޯހޯއޭ ގޮވައި ތިޔަކަހަލަ ވާހަކަ ދެން ނުދައްކާށޭ ބުނެ އިންޒާރު ދީފައިވެސް އެބަހުއްޓެވެ. މިވެރިންގެ ކަންތައް މިހިސާބުގައި ހުންނައިރުވެސް ގޯސް ވަނީ އެވާހަކަ ދައްކާމީހާއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ބައެއް ނިންމުންތައް އެއްވެސް ގާނޫނަކަށް ނުފެތޭ ކަމަށް ރާއްޖޭގެ ފުންނާބު އުސް ވަރަށް ގިނަ ވަކީލުން ވިދާޅުވެއެވެ. އެކަމަކު އެތާގައިވެސް ގާނޫނީ ލަފާ ދޭން މީހަކު ހުންނާނެ ކަމަށް ގަބޫލު ކުރެވެއެވެ. އެމީހަކު ވާނީ ކޮންމެވެސް ފެންވަރެއްގެ ސަނަދުވެރިއަކަށެވެ. އެމީހަކު އަޅެ ނިކަން ބުނެދީބަލާށެވެ. ގާނޫނު އަސާސީން ރައްޔިތުންނަށް ދީފައިވާ އަސާސީ ހައްގަކުން އެމީހުންގެ ތެރޭން ބަޔަކު މަހުރޫމު ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވަނީ ކޮން ގާނޫނީ ބާރެއް ހެއްޔެވެ؟ އިލެކްޝަންސް ކޮމިޝަނުގެ އިހުމާލުން ކަންތައްތައް ބޮއްސުންލައިގެން ދިޔައިމާ ރައްޔިތުންގެ ތެރޭން ބަޔެއްގެ ހައްގުތައް ނިގުޅައިގަތުމަށް އިލެކްޝަންސް އަށް ބާރު ލިބެނީ ކޮން ގޮތަކުން ހެއްޔެވެ؟ އައްޑު އަތޮޅުގައި އިންތިޚާބެއް ނުބާއްވާނަމޭ ތިޔަ އިލެކްޝަންސް ކޮމިޝަނުން ބުނެ އިއުލާން ކޮށް ވޯޓުލާން ސައުވީސް ގަޑިއިރަށް ވުރެވެސް ވަގުތު ކުޑަތަންވީ ފަހުން އާނ އާނ ދެން މިހާރު މިބާއްވަނީއޭ ބުނިއިރު ވޯޓުލާން ރަޖިސްޓްރީ ކުރި ކިތަންމެ ބަޔަކު އެ ރަޖިސްޓްރީކުރި ތަން ދޫކޮށް އެހެން ތަންތަނަށް ދިޔަކަން ތިޔަ ކޮމިޝަނަށް ހަމަ ނޭގެނީ ހެއްޔެވެ؟ އެފަދަ މީހުންނަށް ވޯޓު ލެވޭނެ ގޮތް ތިޔަ ކޮމިޝަނުން ހަދައި ނުދިނީ ގާނޫނު އަސާސީއަކީ ތިޔަ ކޮމިޝަނުން ކުޅެން އޮންނަ ރަބަރު ގަނޑަކަށް ވާތީ ހެއްޔެވެ؟
ގުޅޭ ޓެގު
comment ކޮމެންޓް