އަރަބިއްޔާ ސްކޫލް އަލުން އިމާރާތްކުރުމުގެ ކުރިން އެ އިމާރާތުގެ ބައެއް މާރާމާތުކޮށްގެން ހިންގުން ސީސީއީއާ ހަވާލުކޮށްފި

19:00


އަރަބިއްޔާ ސްކޫލް އަލުން އިމާރާތްކުރުމުގެ ކުރުމުގެ ކުރިން އެ އިމާރާތުގެ ބައެއް މާރާމާތުކޮށްގެން ހިންގުން ސެންޓަރ ފޯރ ކޮންޓިނިއުން އެޑިއުކޭޝަނާ ހަވާލުކޮށްފި އެވެ.


އަރަބިއްޔާ ސްކޫލްގެ އިމާރާތުގެ ތަންތަންގަނޑު ވެއްޓި، ދަރިވަރުންނަށް ނުރައްކާވާ ހިސާބަށް ގޮސްފައިވަނިކޮށް، އެ ސްކޫލްގެ ކިޔެވުން މިދިޔަ މަހުގެ ކުރީކޮޅު މެދުކަނޑާލުމަށްފަހު، އަރައްބިއްޔާ ސްކޫލް އަލުން އިމާރާތްކުރެވެންދެން އެސްކޫލްގެ ކިޔެވުން ވަގުތީ ގޮތުން ހިނގަމުން ދަނީ ކުރިން އެމްއީއެސް ހުރި އިމާރާތުގަ އެވެ.


ދިވެހި ސަރުކާރުގެ ގެޒެޓްގެ މިއަދުގެ އަދަދުގައިވާ ސެންޓަރ ފޯރ ކޮންޓިނިއިން އެޑިއުކޭޝަންގެ އިޢުލާނެއްގައި ބުނެފައި ވަނީ އަރަބިއްޔާ ސްކޫލް ހިންގި އިމާރާތަށް އެ ސެންޓަރު ބަދަލުވެފައިވާ ކަމަށާއި އަދި އެ އިމާރާތުގައި ކުރަންޖެހިފައި ހުރި ބައެއް މާރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.


މިކަމާ ބެހޭ އިތުރު ތަފްސީލް ދެއްވަމުން ސެންޓަރ ފޯރ ކޮންޓިނިއުއިން އެޑިއުކޭޝަންގެ ކޮމިއުނިޓީ ޓީޗަރ އެޑިއުކޭޓަރ ކޯޑިނޭޓަރ ހަސަން އަހުމަދު މަނިކު މިއަދު ވިދާޅުވީ އަރަބިއްޔާ ހިންގި އިމާރާތަށް އެ ސެންޓަރގެ ބަދަލުކުރުމަށް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށާއި އެގޮތުން މއ. ވަވަތީގައި ހިންގާ އެ ސެންޓަރުގެ ބަޔަކާއި ހިޔާ ގޮފީގައި ހިންގަމުން އަންނަ އެ ސެންޓަރުގެ ބައި އަންނަ މަހުގެ 17 ގެ ނިޔަލަށް އެ ސްކޫލަށް ބަދަލުކުރުމުގެ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ޗާންދަނީ މަގުގައި ހުންނަ ސީސީއީގެ އެނެކްސް ވެސް ވަރަށް އަވަހަށް ބަދަލުކުރާނެ ކަމަށާއި ނަމަވެސް އެތަން އެ ސްކޫލަށް ބަދަލުކުރުމަށް ދުވަސްކޮޅެއް ނަގާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.


ހަސަން މަނިކު އިތުރަށް ވިދާޅުވީ އެ ސެންޓަރ ބަދަލުކުރަނީ ކުރީގެ އަރަބިއްޔާގައި ފަހުން ހަދައިފައިވާ އެޑްމިން އިމާރާތަށް ކަމަށާއި އެ ސެންޓަރ އެތަނަށް ބަދަލުކުރި ނަމަވެސް އަރަބިއްޔާގެ ހަލާކުވެފައިވާ އިމާރާތް އަލުން އިމާރާތް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށެވެ. އަދި މިބަދަލާ ގުޅިގެން އަހަރެއްގެ މައްޗަށް ދެ މިލިއަނެއްހާ ރުފިޔާ ބަޖެޓުން ސަލާމަތްކުރެވޭނެ ކަމަށާއި އަރަބިއްޔާގެ އިމާރާތް އަޅާ ނިމުމުން ސަރުކާރުން އެ ސެންޓަރަށް ދައްކާ އެހެން ތަނަކަށް ބަދަލުވާނެ ކަމަށްވެސް ހަސަން މަނިކު ވިދާޅުވި އެވެ.


މިކަމާ ގުޅިގެން އަރަބިއްޔާގެ މުދީރު އައްޝައިހް މުހައްމަދު ރަޝީދު އިބްރާހިމް ރަޝީދު މިއަދު ވިދާޅުވީ ކުރީގެ އެމްއީއެސް ހުރި އިމާރާތުގައި އަރަބިއްޔާ ސްކޫލް މިހާރު ހިންގަމުންދިޔަ ނަމަވެސް ވަރަށް ގިނަ ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އަދި އެ ސްކޫލްގެ ކިޔެވުން އެތަނަށް ބަދަލުކުރީ ދެ އަހަރު ދުވަހުގެ ތެރޭގައި އަރަބިއްޔާއަށް އާ އިމާރާތެއް ދޭނެ ކަމަށް ސަރުކާރުން ބުނުމާ ގުޅިގެން ކަމަށާއި އަރަބިއްޔާގެ ކުރީގެ އިމާރާތަށް އޭގެ ކުރިން ކޮންމެ ގޮތެއް ހެދި ކަމުގައި ވިޔަސް އެކަމާ އެފަރާތުގެ އެއްވެސް ޝަކުވާއެއް ނެތް ކަމަށެވެ.


މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު