އެމެރިކާ އިން ހައްޔަރުކޮށްގެން ގެންގެޅޭ އަސީރުންނަށް އަނިޔާ ކުރާ ޖަލެއް ކަމަށް ދުނިޔެ އަށް މައްޝޫރުވެފައިވާ ޖަލު، ގުއަންޓަނަމޯ ބޭ އާއި އެފަދަ އެހެންތަންތަން ވަގުތުން ވަގުތަށް ބަންދުކުރުމަށް ދިވެހި ސަރުކާރުން އެމެރިކާ އަށް ގޮވާލައިފި އެވެ.
ޖެނީވާގައި ކުރިއަށް ދިޔަ ޔުނިވާސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރު)ގައި އެމެރިކާގެ އިންސާނީ ހައްގުތަކުގެ ހާލަތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރާއްޖެ އިން ބުނެފައި ވަނީ އެމެރިކާގެ ސަލާމަތީ ބާރުތަކުން 'ހައްދު ފަހަނައަޅާފައިވާ މިންވަރަށް' ކުރަމުންދާ އަނިޔާ އާ ދޭތެރޭ ވަރަށް ބޮޑަށް ރާއްޖެ އިން ކަންބޮޑުވާ ކަމަށެވެ.
އެމެރިކާ އިން ހިންގާ ސިއްރު ތަހުގީގު ސެންޓަރުތަކަކީ އދ.ގެ އެންޓީ ޓޯޗާ މުއާހަދާއާ ޚިލާފު ކަމެއް ކަމަށެވެ. މީގެ އިތުރުން އިންސާނީ ވަގުފާރި އާއި އަދި މި ވިޔަފާރީގެ ތެރެއިން ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުން ހުއްޓުވުމަށް ވެސް ދިވެހި ސަރުކާރުން ވަނީ ގޮވާލައިފަ އެވެ. އަދި ކުޑަކުދިންގެ ހައްގުތަކާ ބޭހޭ މުއާހަދާ ތަސްދީގު ކުރުމަށް ވެސް ރާއްޖެ އިން ވަނީ ގޮވާލައިފަ އެވެ. އެމެރިކާ އަކީ ކުޑަކުދިންގެ ހައްގުތަކާ ބެހޭ މުއާހަދާ ތަސްދީގު ނުކޮށް އޮތް ދެގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އަނެއް ގައުމަކީ ސޯމާލިއާ އެވެ. އެމެރިކާ އިން މި މުއާހަދާ ތަސްދީގު ނުކުރަނީ އެ ގައުމުގައި މި މުއާހަދާ އިން ލިބޭ މިންވަރަށް ވުރެ މާބޮޑަށް ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށްފައިވާ ކަމަށް ބުނެ އެވެ.
ގާނޫނު ތަންފީޒުކުރުމުގައި ޝަރުއީ ދާއިރާގައި ނަސްލީ ތަފާތުކުރުންތައް ނައްތާލަން ޖެހޭ ކަމަށް ވެސް ރާއްޖޭން ބުނެފައިވެ އެވެ. އަދި އަންހެނުންނާ ދޭތެރޭ ހުރި ތަފާތުކުރުންތައް ނައްތާލައި ވިހެއުމުން މުސާރަ ލިބޭ ގޮތަށާއި މުސާރަ ދިނުމުގައި ޖިންސުގެ ތަފާތުކުރުންތައް ނައްތާލުމަށް ވެސް އެމެރިކާ އަށް ވަނީ ހުށަހަޅައިފަ އެވެ.
ޔުނިވާސަލް ޕީރިއަޑިކް ރިވިއު އަކީ ގައުމުތަކުގެ އިންސާނީ ހައްގުތަކުގެ ހާލަތު ހުރި މިންވަރު ބެލުމަށް ބާއްވާ ސެޝަނެކެވެ. ރާއްޖޭގެ ޔޫޕީއާރުގައި އެމެރިކާ ހިމެނޭ ގޮތަށް ބައެއް ގައުމުތަކުން ވަނީ ރާއްޖެ އަށް ވެސް ފާޑުކިއާފަ އެވެ. އަދި ބައެއް ގައުމުތަކުން ވަނީ އިންސާނީ ހައްގުތަކުގެ ދާއިރާ އިން ރާއްޖެ ހޯދާފައިވާ ކާމިޔާބީ އަށް މަރުހަބާ ކިޔާފަ އެވެ.