ޔާމީނުގެ ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ވާނަމަ އެ މައްސަލައެއް ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުމަށް ސަރުކާރަށާއި ރިޔާސީ ކޮމިޝަނަށް ޔާމީން ގޮވައިލައްވައިފި

19:00


ޕީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީނާ ގުޅޭ ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ވާނަމަ ރައްޔިތުންނަށް ހާމަކުރުމަށާއި، އެމައްސަލަ އިންސާފުވެރިކަމާއެކު ބެލުމަށް ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުމަށް ސަރުކާރަށާއި ރިޔާސީ ކޮމިޝަނަށް ޔާމީން މިއަދު ގޮވާލައްވައިފި އެވެ.


ސިޔާސީ ނުފޫޒު ފޯރުވަމުންދާ ކަމަށް ވިދާޅުވެ، ޔާމީން ހިމެނިވަޑައިގެންނެވި، ކުރީގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އުފައްދަވާފައިވާ، ރިއާސީ ކޮމިޝަނުގެ މެންބަރުކަމުން އަލްއުސްތާޒު އިދުހާމް މުއިއްޒު އަދުނާން އިއްޔެ އިސްތިއުފާދެއްވީ އެ ކޮމިޝަނުން ބަލަމުންދިޔަ އަބްދުﷲ ޔާމީނާ ގުޅޭ މައްސަލައެއް ހާމަނުކުރުމަށް ސަރުކާރުން އެންގުމުން ކަމަށް މީޑިޔާގައި ފެތުރެމުންދާ ވާހަކަތަކާ ގުޅިގެން ޔާމީން މިއަދު ވިދާޅުވީ، ކޮރަޕްޝަންގެ އެއްވެސް ކަމެއްގައި އޭނާގެ ނަން ހާމަކުރެވޭނެ އެއްވެސް ހާލަތަކަށް ނުދާނެ ކަމަށެވެ. އަދި ޔާމީނާ ގުޅޭ މައްސަލައެއް ހާމަނުކުރުމަށް ސަރުކާރުން އަންގާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި، ކޮރަޕްޝަންގެ މައްސަލައެއްގައި ޔާމީންގެ އިންވޯލްވުމެއް ނޯންނާނެ ކަމަށާއި، އެފަދަ މައްސަލައެއްގައި ޔާމީންގެ ނަން ހިމެނޭ ނަމަ އެނަން ސަރުކާރުން ހާމަކުރަން ޖެހިލުންވާ ސަބަބު ވިސްނިވަޑައިނުގަންނަވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.


ޔާމީން އަދި ވިދާޅުވީ އެ ކޮމިޝަނުން ބެލި އެއްވެސް މައްސަލައެއް މިހާތަނަށް ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ސާބިތުކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް މީހުންނާ ގުޅުވައިގެން ތަފާތު ބަޔާންތައް ނެރެ އަގުވައްޓާލުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.


ޔާމީން އަދި ވިދާޅުވީ، ކޮރަޕްޝަން ނައްތާލުމަށް މި ސަރުކާރުން ކުރާ އެއްވެސް ކަމެއް ފެންނަން ނެތް ކަމަށެވެ. ޓެންޑަރ ކުރުމާ ނުލައި، މި ސަރުކާރުގައި ހިމެނޭ ފަރާތްތަކަށް ގަވާއިދާ ހިލާފަށް ޕްރޮޖެކަޓަށް ދެމުންދާއިރު އެ މައްސަލަތައް ކޮމިޝަނަށް ހުށަހެޅިފައިނުވާކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ، މި ސަރުކާރުގައި ހިމެނޭ ފަރާތްތަކުގެ މައްސަލަ ވެސް ކޮމިޝަނަށް ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި އަދި އެ ކޮމިޝަންގެ މޭންޑޭޓުގައި ކުރީ ސަރުކާރުގެ ކަންތައް އެކަނި ބެލެން އޮންނަނީ ކީއްވެތޯ ވެސް ޔާމީން ސުވާލު ކުރެއްވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު