މެޑްރިޑް އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން މަރޭއަށް

މުބާރާތް ކާމިޔާބުކުރި އެންޑީ މާރޭ މުބާރާތުގެ ޝީލްޑާއެކު --- ފޮޓޯ/ އޭޕީ

މެޑްރިޑް އޯޕަން މާސްޓާސް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ސްޕެއިންގެ ރަފޭލް ނަޑާލް ބަލިކޮށް އިނގިރޭސި ވިލާތުގެ އެންޑީ މަރޭ ހޯދައިފި އެވެ.

މަރޭ މިމެޗް ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. ފުރަތަމަ ސެޓް 6-3 ގެނަތީޖާއަކުން ކާމިޔާބު ކުރިއިރު ދެ ވަނަ ސެޓް ކާމިޔާބުކުރީ 6-2 ގެނަތީޖާއަކުންނެވެ.

އެންމެ ފަހުން މިމުބާރާތް ކާމިޔާބު ކުރި ނަޑާލް މިމެޗަށް ނިކުތީ ދެ ރެކޯޑަކަށް އަމާޒު ހިފައިގެނެވެ. އެއީ މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބު ކުރި ކުޅުންތެރިޔާގެ ރެކޯޑް ހޯދުމާއި ޖެހިޖެހިގެން ތިން ފަހަރަށް މިމުބާރާތް ކާމިޔާބު ކުރި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑް ހޯދުމަށެވެ.

ރަފޭލް ނަޑާލް: މެޗުން ބަލިވުމުން ރޭންކްގައި އޭނާ ވަނީ ހަތަކަށް ވެއްޓިފައި --- ފޮޓޯ/ އޭޕީ

މިއީ ކްލޭ ކޯޓެއްގައި މަރޭ ނަޑާލް ބަލިކުރި ފުރަތަމަ ފަހަރެވެ.

މިއީ ޢުމުރުން 27 އަހަރުގެ މަރޭ އޭނާގެ ކެރިއާގައި ކްލޭ ކޯޓްގައި ކާމިޔާބު ކުރި ފުރަތަމަ މާސްޓާސް ޓެނިސް މުބާރާތެވެ.

މެޗުން ބަލިވުމުން ޓެނިސް ރޭންކުގެ ނަޑާލް ވަނީ ހަތް ވަނަ މަޤާމަށް ވެއްޓިފައެވެ. މިއީ ކުރިން ހަތަރު ވަނައިގައި އޮތް ކުޅުންތެރިޔާ ދުނިޔޭގެ ގަދަ ފަސް ކުޅުންތެރިޔާގެ މަޤާމު ގެއްލުނު ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް