"އަހަން" ކެމްޕޭން ރަސްމީކޮށް އިފްތިތާހު ކޮށްދެއްވައިފި

ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް (ވ) "އަހަން" ކެމްޕޭން، ރަސްމީކޮށް އިފްތިތާހު ކޮށްދެއްވަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުޑަކުދީންނަށް ކުރާ އަނިޔާ ހުއްޓުވައި އެކުދީންނަކީ ރައްކާތެރި ބަޔަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "އަހަން" ކެމްޕޭން ރަސްމީކޮށް އިފްތިތާހު ކޮށްދެއްވައިފި އެވެ.

ހޮޓެލް ޖެންގައި މިއަދު އޮތް ރަސްމިއްޔާތުގައި މި ކެމްޕޭން އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އެވެ.

ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކޮށް ދިނުމަށް ކޮށްދެއްވާ މަސައްކަތްޕުޅުތައް ފާހަގަކޮށް ޖެންޑާ މިނިސްޓްރީން ވަނީ އެ ރަސްމިއްޔާތުގައި އެކަމަނާއަށް ހަނދާނީ ފިލާއެއް ދެއްވައިފައެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ދިނުމަށް ކޮށްދެއްވާ މަސައްކަތްޕުޅުތައް ފާހަގަކޮށް ޖެންޑާ މިނިސްޓްރީން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމަށް ހަނދާނީ ފިލައެއް ދެއްވަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖެންޑާ މިނިސްޓްރީން ބުނީ "އަހަން" ކެމްޕޭންގެ މަގްސަދަކީ ކުޑަކުދީންނަށް ކުރާ އަނިޔާ ހުއްޓުވައި އެކުދީންނަށް ލިބެންޖެހޭ ރައްކާތެރިކަން ހޯދައި ދިނުން ކަމަށެވެ. އަދި މި ކެމްޕޭނަކީ ކުޑަކުދީންނަށް އަމާން ވެށްޓެއް ގާއިމް ކޮށްދިނުމުގެ ވިސްނުން ކުރިއަށް ނެރުމުގެ މަގްސަދުގައި ހިންގާ ކެމްޕޭނެއް ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން ބުނީ "އަހަން" ކެމްޕޭންގެ ސަބަބުން ކުޑަކުދީންނާ ގުޅުންހުރި ކަންކަމުގައި މުޖުތަމައު ދެކެމުން އަންނަ ގޮތް ބަދަލުވެގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. އަދި ކުޑަކުދީންނަށް ކުރާ އަނިޔާ ހުއްޓުވުމަށް މުޖުތަމައުގެ އެންމެންގެ ބައިވެރިވުން ހިމެނުމަކީ ވެސް އެ ކެމްޕޭންގެ މަގްސަދެއް ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

"އަަހަން" ކެމްޕޭނަކީ ޖެންޑާ މިނިސްޓްރީއާއި ޔުނިސެފް ގުޅިގެން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކެމްޕޭނެކެވެ.

comment ކޮމެންޓް