ޕްރޮވިންސްތައް އުފެއްދުމާ މެދު ގޮތެއް ނިންމުމަށް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް އެދި އެމްޑީޕީން މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

19:00


ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގައި ޕްރޮވިންސްތައް އުފެއްދުމުގައި މަޖިލީހުގެ މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުންތައް އުފެދިފައިވުމާ ގުޅިގެން، އެކަމާ މެދު ގޮތެއް ނިންމުމަށް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް އެދި އެމްޑީޕީން މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.


ލާމަރުކަޒީ ބިލާ މެދު ސުޕްރީމްކޯޓުގެ ލަފަޔަކަށް އެދޭ ކަމަށް ބުނެ، އެ ގަރާރު އިއްޔެ މަޖިލީހަށް ފޮނުވި އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރު މިއަދު ވިދާޅުވީ އިސްލާހުކޮށް މަޖިލީހަށް ދެވަނަ ފަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ލާމަރުކަޒީ ބިލާ މެދު، މަޖިލީހުގެ ކޮމެޓީ މަރުހަލާގައި ވެސް މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދުމާ ގުޅިގެން، އެ ކަމުގެ އެންމެ ފަހު ބަހަކަށް ވާނީ ސުޕްރީމްކޯޓުގެ ނިންމެވުން ކަމަށެވެ.


ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ތަރައްގީ ކުރުމުގައި ޕްރޮވިންސް އުފެއްދުމަކީ ގާނޫނު އަސާސީގެ 230 ވަނަ މާއްދާއާ ހިލާފް މަފްހޫމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ ކަނޑައެޅިގެން އެމްޑީޕީގެ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަށްޓަކާ ކަމަށް ސަމީރު ތުހުމަތު ކުރެއްވި އެވެ.


ސަމީރު އިތުރަށް ވިދާޅުވީ ސުޕްރީމް ކޯޓުން އެ ކަމުގައި ގޮތެއް ނިންމުމަށް، މަޖިލީހުން އެ ގަރާރު ފާސްކުރުމަށްޓަކާ ޑީއާރުޕީން ވެސް އެއްބާރުލުން ދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.


އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ އެ ބައްދަލުވުގައި އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ ނައިބު ރައީސް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، ލާމަރުކަޒީ ބިލާމެދު ރައްޔިތުންގެ މަޖިލީހުގައި ހިޔާލު ތަފާތުވުންތައް އުފެދެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ސަބަބަކީ އެމްޑީޕީގެ މެނިފެސްޓޯގައި ވެސް ހަތް ޕްރޮވިންސް ކަނޑައެޅިފައިވީ ހިނދު، ކުރީގެ ސަރުކާރުން ވެސް ހަމަ އެ އުސޫލުން އެފަދަ ދާއިރާތަކެއްގެ މައްޗަށް އެކުލަވާލައި ހިންގަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން އުތުރާއި ދެކުނުގައި އޮފީސްތަކެއް ގާއިމްކޮށްފައިވާ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ. އެހެންކަމުން ކުރިން އެފަދަ އުސޫލްތަކަށް ތާއީދުކުރި މީހުން މިއަދު ރައްޔިތުންގެ މަޖިލީހުގައި ހިޔާލު ތަފާތުވުންތައް އުފައްދަމުންދަނީ ސަރުކާރަށް ފުރައްސާރަ ކުރުމުގެ ބޭނުމުގައި ކަމަށް އަސްލަމް ތުހުމަތު ކުރެއްވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު