ޑާވިސް ކަޕްގެ މެޗް ކުއީން ކުލަބްގެ ކޯޓްގައި ކުޅެން ނިންމުމުން މަރޭ ހިތްހަމަޖެހިފައި

ކްއީން ކުލަބް ކޯޓްގައި މުރޭ ތޭނިސް މެޗެއް ކުޅެނީ --- ފޮޓޯ/ އޭއެފްޕީ

ޑާވިސް ކަޕް ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލްގައި ފްރާންސާއި އިނގިރޭސިން ކުޅެން ހަމަޖެހިފައިވާ މެޗް ދުނިޔޭގެ އެންމެ މަޝްހޫރު ޓެނިސް ކޯޓްގައި ކުޅެން ނިންމުމުން މަޝްހޫރު ޓެނިސް ކުޅުންތެރިޔާ އެންޑީ މަރޭ ހިތްހަމަޖެހުން ފާޅުކޮށްފިއެވެ.

ދުނިޔޭގެ ތިން ވަނައަށް އެންމެ މޮޅު ޓެނިސް ކުޅުންތެރިޔާ އިނގިރޭސިވިލާތް ތަމްސީލު ކުރާ ސްކޮޓްލެންޑްގެ މަރޭ ބުނީ ކުއީން ކުލަބް ކޯޓްގައި މިމުބާރާތް ކުޅެން ޖެހުމުން ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި އެކޯޓްގައި ކުޅެން ޖެހުމުން އޭނާއަށް އިހްސާސް ކުރެވެނީ އަމިއްލަ ތަނެއްގައި ކުޅެންޖެހޭ ކަމުގެ އިހްސާސް ކަމަށެވެ.

"އަހަރެން ކުއީން ކުލަބްގައި ކުޅޭތާ މިވަނީ ދިހަ އަހަރު. ހަނދާންވަނީ އިނގިރޭސި އެހެން ޓެނިސް ޓީމްތައް ކްއީން ކުލަބްގައި ހޯދާފައިވާ ކަމިޔާބުތައް މަތިން. އެދުވަސްވަރަކީ އިނގިރޭސިންނަށް ޓެނިހުގެ ދުނިޔޭގައި އައި ބަހާރެއް،" މަރޭ ބުންޏެވެ.

ޓެނިސް މެޗެއްގެ ތެރެއިން އެންޑީ މަރޭ --- ފޮޓޯ/އޭޕީ

ލަންޑަންގައި ހުންނަ ކްއީން ކުލަބް ޓެނިސް ކޯޓަކީ މީގެ ކުރިން މަރޭ ތިން ފަހަރެއްގެ މަތިން ވިމްބަލްޑިން ޓެނިސް މުބާރާތް ކާމިޔާބުކޮށްފައިވާ ކޯޓެކެވެ.

ކުއީން ކުލަބް ކޯޓްގައި ކުޅޭ މިމެޗަކީ 1986 ވަނަ އަހަރުގެ ފަހުން ގްރޭޓް ބްރިޓަންއިން އަމިއްލަ ޤައުމުގައި ކުޅޭ ފުރަތަމަ ކުއާޓާ ފައިނަލް މެޗެވެ.

ބައިނަލްއަޤުވާމީ މިމުބާރާތުގެ ކުއާޓާފައިނަލް މެޗްތައް އޮންނާނީ ޖުލައި 17 އިން 19 ގެ ނިޔަލަށެވެ. މިމުބާރާތަކީ ޓެނިހުގެ ދުނިޔޭގައި އެންމެ ވަރުގަދަ 16 ޤައުމުގެ މެދުގައި ބާއްވާ މުބާރާތެކެވެ. މިމުބާރާތް ފެށޭނީ ކުއާޓާ ފައިނަލް މެޗްތަކުންނެވެ.

މިމުބާރާތުގައި އިނގިރޭސި ވިލާތް ތަމްސީލް ކުރަނީ މުޅި ގްރޭޓް ބްރިޓަންގެ ގޮތުގައެވެ.

comment ކޮމެންޓް